ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކުންފުނިން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކުޅިވަރު ހަރަކާތްތަކުގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެސިސްޓަންޓް މެނޭޖާ ބްރޭންޑް ނާޔާ ޝަރީފްއެވެ. އަދި ޓެކާސްގެ ފަރާތުން ސޮއި ކުރެއްވީ ޓެކާސްގެ ކޯފައުންޑަރު ޑރ. ހުސައިން ސަނީ އުމަރެވެ.
އެ ޕާޓްނާޝިޕްގެ ދަށުން ޓެކާސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ތަފާތު އިވެންޓްތަކަށް ދިރާގުން ޑިޖިޓަލް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ދިރާގުން މިއަދު ބުނީ ޓެކާސްއިން މި އަހަރު ފުޓްސަލް، ހޭންޑްބޯލް، 3 އޮން 3 ބާސްކެޓްބޯލް އަދި ބެޑްމިންޓަން މުބާރާތްތަކާއި ދުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒުކޮށްގެން ސިލްސިލާ އެކްސްޕޯޝާ އިވެންޓްތަކެއް ބާއްވާނެ ކަމަށާއި އެ އިވެންޓްތަކަކީ އެ ރަށްރަށުގެ ތަފާތު ސަގާފީ ތަރިކަ އާއި އާދަކާދަ ދައްކައިދޭނެ ހަރަކާތްތަކެއް ކަމަށްވެސް ދިރާގުން ބުންޏެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނާޔާ ޝަރީފް ޓެކާސްއިން ބާއްވާ ކުޅިވަރު އިވެންޓްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެކި ކުޅިވަރު ހަރަކާތްތަކާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަރުވައި އެކަންކަމަށް އެއްބާރުލުންދިނުމަކީ ދިރާގުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި އުންމީދަކީ މި ޕާޓްނާޝިޕް މެދުވެރިކޮށް އެކަންކަން ހާސިލު ކުރުން ކަމަށްވެސް ނާޔާ ޝަރީފް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ޑރ. ހުސައިން ސަނީ ވަނީ ދިރާގުން ކުޅިވަރު ކުރިއެރުވުމަށް ދޭ އަހައްމިޔަތު ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިރާގުން އެ ކުންފުންޏަށް އެއްބާރުލުން ދިނުމަކީ ލިބޭ ބޮޑު އުފަލެއްގެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިރާގުން ކުޅިވަރުގެ ހަރަކާތްތައް ކުރިއެރުވުމަށް އެކި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި