ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްމާޓް ސިޓީ ސޮލިއުޝަން އއ. ތޮއްޑުއަށް ތައާރަފުކުރަން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ވަނީ ތޮއްޑުއަށް ސްމާޓް ސިޓީ ސޮލިއުޝަން ތައާރަފުކުރުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތޮއްޑޫ ކައުންސިލާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކަންކަމުގެ ތެރޭގައި، އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް އެ ވިއުގަ މެދުވެރިކޮށް ސްމާޓް ފާމިން، ސްމާޓް ސަވައިލެންސް އަދި ސްމާޓް ޕޯލް ފަދަ ސޮލިއުޝަންތައް ތޮއްޑުއަށް ތައާރަފުކުރެވިގެންދާނެ ކަމަށެވެ.
ސްމާޓް ސިޓީ ސޮލިއުޝަން ހާއްސަ ކުރެވިފައިވަނީ ހަމައެކަނި އާބާދީ ބޮޑު ރަށްތަކަށް ނޫން ކަމަށާއި އާބާދީ މަދު އަދި ކުދި ރަށްތަކުގައި ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ހިދުމަތްތައް ތައާރަފުކޮށް އެ ރަށްރަށުގެ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
ސްމާޓް ސިޓީ ސޮލިއުޝަންތަކާއެކު ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމަށްވެސް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި މިހާރުވަނީ ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު އަސާސް ކަމަށްވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް، ސްމާޓް ސިޓީއެއްގެ ބިންގާ އަޅައިފައެވެ.
އެޗްޑީސީގެ ތަސައްވުރަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމާއި ރާއްޖޭގެ އެކި ކަންކޮޅުގައި ސްމާޓް ސިޓީ ސޮލިއުޝަންތައް ތައާރަފުކޮށް ރައްޔިތުންގެ ދިރިއުޅުން ލުއިފަސޭހަކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު