ބައިބޯ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ހާސްކަން ފިލުވާލައި ހިތްހަމަ ޖައްސާލުމަށް، އާއިލާއާއެކު ނުވަތަ ރަށްޓެހިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަ ކުރުމަށް ދަތުރުދާނެ ރަށެއް ނެތުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ގުދުރަތީ ބީޗެއް މާލޭ ސަރަހައްދުގައި އޮންނަނީ ވިލިމާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައެވެ. ހަފުތާ ބަންދުގައި މާލޭ ގިނަ މީހުން ވިލިމާލެ އާއި ހުޅުމާލެއަށް ދިޔުމުގެ ސަބަބުން އެތަންތަން ވެސް އޮންނަނީ ފުރިފައެވެ.

މާލޭ ރައްޔިތުންގެ އެ ޝަކުވާއަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފެށީ މި ސަރުކާރުންނެވެ. މާލޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ސަރުކާރުން ނިންމީ ތިލަފުށި ކައިރީގައި އޮންނަ ފަޅެއްކަމަށްވާ ކުޑަގިރި ހިއްކައިގެން ޕިކްނިލް އައިލެންޑެއް ހެދުމަށެވެ. ސަރުކާރުން އެ މަޝްރޫއު އިއުލާނުކުރުމާއެކު މާލޭގައި އުޅެމުންދާ ރައްޔިތުންނަށް ލިބިގެން ދިޔައީ ބޮޑު ހިތްހަމަޖެހުމެކެވެ. ހަފުތާ ބަންދުގައި އަދި އެ ނޫންވެސް ޗުއްޓީތަކުގައި އާއިލާ އާއި ރަށްޓެހިންނާއެކު މާލެއިން ބޭރުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ތިބީ ކެތްމަދުވެފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ. އެމްޓީސީސީން މިހާރު ވަނީ ކުޑަގިރީގެ މަސައްކަތް އެއްކޮށް ނިންމާލައިފައެވެ. ފެނަކަ ކޯޕަރޭޝަނުން ވަނީ ކުޑަގިރިއަށް ކަރަންޓު ފޯރުކޮށްދީވެސް ނިންމާލައިފައެވެ.

ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައި ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެވެ. އެޗްޑީސީން މިހާރު ދަނީ ކުޑަގިރިއަށް ދަތުރު ދިޔުމަށް އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަކަށްވުމުން ވަރަށް އަވަހަށް އެރަށް އާންމުންނަށް ހުޅުވާލެވިގެންދާނެއެވެ.

އެޗްޑީސީން މިއަދު ވަނީ ކުޑަގިރީގެ އެންމެ ފަހުގެ މަންޒަރުތަކާއި އެރަށުގެ ހިތްގައިމުކަން ދައްކުވައިދޭ ވީޑިއޯ އާއި ފޮޓޯތައް އާންމުކޮށްފައެވެ. އެގޮތުން ކުޑަގިރިއަށް ޕިކްނިކް ދިޔުމުން ތަޖުރިބާކޮށްލަން ކުރެވިދާނެ ކަންކަން އެ ވީޑިއޯ އާއި ފޮޓޯތަކުން ވަނީ ދައްކާލައިފައެވެ. އެގޮތުން ވޯޓަސްޕޯޓްސްގެ ގިނަ ހަރަކާތްތަކާއި އެއްގަމު ބީޗް ކުޅިވަރުތަކުގެ އިތުރުން ކެއްކޭނެ އިންތިޒާމްތަކާއެކު އެރަށް ވަނީ ފުރިހަމަ ޕިކްނިކް އައިލެންޑަކަށް ފައްކާކޮށްފައެވެ.

ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.

އެޗްޑީސީން ބުނިގޮތުގައި ކުޑަގިރިއަށް ޕިކްނިކްދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަން އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ކުޑަގިރީގައި ފާހަނާބަރި، ޗޭންޖިން ރޫމް އަދި ނާސިން ރޫމް ގާއިމްކޮށްފައިވާ ކަމަށެވެ. ނާސިން ރޫމް ގާއިމްކޮށްފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތަކާ އެކުގައެވެ. ކުޑަގިރީގައި ކްލިނިކަކާއި ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއަކާއި މިސްކިތެއް ވެސް ހުންނާނެވެ.

ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވިޔަސް އެރަށުގައި ކައިވެނީގެ ހަފުލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި ޓޫރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރަތް ކުރެވޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސައިފައެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައިވާ އިރު، އާންމުން ބޭނުންކުރުމަށް 13 ކުޑައަށި އަދި ހަތަރު ބޮޑުއަށި ވަނީ ގާއިމުކޮށްފައެވެ. މީގެއިތުރުން އެޑްމިން ބިލްޑިން އަކާއި ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ގާއިމުކޮށްފައެވެ

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް މާލެ އާއި ހުޅުމާލެއިން ޓިކެޓް ދޫކުރުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ. ދޯނީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ އެރަށަށް ކޮންމެ ދުވަހަކު މާލެއިން ފެރީ ދަތުރުތައް ކުރުމަށް އެޗްޑީސީން ވަނީ ނިންމައިފައެވެ. އެގޮތުން އެގޮތުން މާލެ އިން ކުޑަގިރިއަށް ފެރީ ދަތުރުތައް ބާއްވަނީ ހެނދުނު 06:30 އާއި 06:50 އާއި 07:10 ގަ އެވެ. އަދި ކުޑަގިރިން މާލެއަށް ފެރީ ދަތުރުތައް ބާއްވަނީ ހަވީރު 17:20 އާއި 17:40 އަދި 18:00 ގައެވެ.