ވިލިމާލެއަށް ވަގަށް ބަސްތަކެއް އެރުވި ކަމަށް ތުހުމަތުކޮށްފިއެވެ.

މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައުންސިލްގެ ހުއްދައެއް ހޯދުމަކާ ނުލައި ގަވައިދާ ހިލާފަށް، ވަގަށް، ރޭ ދަންވަރު ވިލިމާލެއަށް ބަސްތަކެއް އަރުވާފައިވާ ކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިކަން ފުލުހުންނާއި ލޯކަލް ގަވަމަންޓު އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން" އިން މިއަދު ވިދާޅުވީ، ވިލިމާލެއަށް ބަސްތައް އަރުވަން ކައުންސިލްގެ ހުއްދަ ހޯދަންޖެހޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތްދިނުމުގައި ދެމިއޮންނަ ކުންފުންޏެއް ކަމަށާއި ބަސްތައް އުފުލުމުގެ މަސައްކަތް ކޮށްފައިވަނީ އުޅަނދުތައް ހުސްވާ ގަޑިތަކުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި، ރައީސް އޮފީހުން ހުއްދަ ދެއްވާފަ އޮތީ ވިލިމާލޭގަ ބަހުގެ ހިދުމަތް ވީއެންމެ އަވަހަށް ފަށަން. ވިލިމާލޭގެ ރައްޔިތުންވެސް މިކަމަށް އެދި އެދި ތިބީ. އެހެންވީމާ މާދަމާ މި ހިދުމަތް ފަށަން ބޭނުންވާ ބަސްތައް ރޭގަ އަޅުގަނޑުމެން ވާނީ ވިލިމާލެއަށް ގެންގޮސްފަ." އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވޭތޯ "ވަން" އިން ފުލުހުންގެ މީޑިއާއާ ސުވާލު ކުރުމުން އެތަނުގެ އޮފިސަރަކު ވިދާޅުވީ ޗެކް ކޮށްލުމަށްފަހު ގުޅުއްވާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ޖަވާބެއް އަދި ލިބިފައެއް ނުވެއެވެ.

މީގެ އިތުރުން އެލްޖީއޭގެ ރައީސް އަފްޝަން ލަތީފަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާތީ މިކަމުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް މެދުކެނޑިފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަންނަ މަހު ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އެމްޓީސީސީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އާރްޓީއެލް ބަހުގެ ހިދުމަތް ވިލިމާލެއަށް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ވިލިމާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި (އިލެކްޓްރޮނިކް ވެހިކަލް) އީވީ ބަސް ކަމަށެވެ. އެ ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭ ގޮތަށް ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށާއި ހަތަރު މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަ ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.