ޅ. ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއެއް ގާއިމުކުރުމަށާއި ގއ. ގެމަނަފުށީގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް އިންޑިއާ ކުންފުންޏެއް ކަމަށްވާ ރައިނެކްލިމިޓެޑާ ހަވާލުކޮށްފިއެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖާއި ގެމަނަފުށީ އައިސްޕްލާންޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިޒްމާއީލް ފައުޒީއެވެ. ރައިނެކް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބީ ސްކުމަރަންއެވެ.
އެ މަޝްރޫތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކެކެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން ފެލިވަރުގައި ގާއިމުކުރާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރާނެ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ދުވާލަކު 200 ޓަނުގެ މަސް ފްރީޒްކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓަޑް ސީ ވޯޓާ ސިސްޓަމެއްވެސް ގާއިމުކުރާނެ ކަމަށް އިނޮކޮމިކް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ގާއިމްކުރާ ވަސީލަތްތައް ގާއިމުކުރާނީ ފެލިވަރުގެ ހިއްކި ބިމުގައި ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ބިމުގައި އެކްސްޕޯޓްޖެޓީއަކާއި މަސްކިރާޖެޓީއެއްގެ އިތުރުން ފެލިވަރުގެ އާއްމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެ މަސައްކަތްތަކުގެ 85 ޕަސަންޓް ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަން ހުޅުވާފައިވާ ކަމަށެވެ، ފެލިވަރުގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއްވެސް ގާއިމުކުރާނެއެވެ.
ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ގާއިމުކުރާއިރު، އެކަމުގެ ސަބަބުން މިފްކޯގެ ސްޓޯރޭޖް އަދި ފްރީޒިން ކެޕޭސިޓީ އެތައް ތަނެއް އިތުރުވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި މަސްވެރިން ބާނާ މަސް ކިރުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު