ދުނިޔެ

ސައުދީން އުމްރާވެރިންގެ އިންޝުއަރެންސް ކުޑަކޮށްފި

މުހައްމަދު އިޝާން

ސައުދީ އަރަބިއްޔާއަށް އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ދާ އެހެން ގައުމުތަކުގެ މީހުންގެ އަތުން ނަގާ ކޮމްޕްރެހެންސިވް އިންޝިއަރެންސްގެ އަގު ކުޑަކޮށްފިއެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ މިދިޔަ ހޯމަ ދުވަހު ބުނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ބިދޭސީ އުމްރާވެރިންގެ އަތުން ނަގަމުން އަންނަ ކޮމްޕްރެހެންސިވް އިންޝުއަރެންސްގެ އަގު 235 ސައުރީ ރިޔާލުން 87 ސައުދީ ރިޔާލަށް ކުޑަކޮށްފައިވާ ކަމަށެވެ. އެއީ 63 ޕަސަންޓުގެ އަގުހެޔޮވުމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އުމްރާ ވެރިންގެ އަތުންނަގާ ކޮމްޕްރެހެންސިވް އިންޝުއަރެންސްއަކީ ބޭސް ފަރުވާ، ބަލިވެ އިނުން، ކުއްލި ވިހެއުން، ކުއްލި ދަތުގެ މައްސަލަ، އެކްސިޑެންޓްތަކުގައި އަނިޔާ، ޑައިލިސިސް މައްސަލަ އަދި އެތެރެ އާއި ބޭރުގެ މެޑިކަލް އިވެކުއޭޝަން ފަދަ ކުއްލި މައްސަލަތައް ކަވަރުކުރަން ނަގާ އިންޝުއަރެންސްއެކެވެ.

އެ އިންޝުއަރެންސް ޕޮލިސީން އިތުރު އެހެން ކަންކަންވެސް ކަވަރު ކޮށްދެއެވެ. އެގޮތުން ގުދުރަތީ ކާރިސާތަކުގެ ސަބަބުން މަރުވުމާއި މަރުވި މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ގެންދިއުން، ފުލައިޓް ޑިލޭވުން އަދި ފުލައިޓް ކެންސަލްވުމުންވެސް އިންޝުއަރެންސް މެދުވެރިކޮށް ކަވަރު ކުރެވެން ހުރެއެވެ.

ކޮމްޕްރެހެންސިވް އިންޝިއަރެންސްގެ މުއްދަކީ ސައުދީއަށް އެތެރެވާ ދުވަހުން ފެށިގެން 90 ދުވަހެވެ.