ޚަބަރު

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާބެހޭ ބިލަށް އަމަލުކުރަން ފަށައިފި

އިބްރާހިމް ޒަކީ

ނޫސްވެރިނަށް މައުލޫމާތު ދޭ ފަރާތް (މަސްދަރު) ޝަރީއަތް މެދުވެރިކޮށް ހާމަކުރުމަށް މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.

އެ ބިލާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ 30 ޖޫން 2022 ގައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބިލު ތަސްދީގު ކުރެއްވީ 18 ޖުލައި 2022 ގައެވެ. މި ގާނޫނުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގު ކުރާތާ ހަ މަސް ދުވަސް ފަހުންނެވެ. އެ މުއްދަތު ހަމަވީ މިއަދަށެވެ.

މި ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިއަކަށް އެއްވެސް ފަރާތަކުން މައުލޫމާތު ދީފައިވަނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން ފަރާތުގެ ރުހުމަކާ ނުލައި، އެއީ ކާކުކަން އަންގައިދޭނެ ނުވަތަ އެއީ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ ކަމަށެވެ.

ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ނުވަތަ ތުހުމަތު ކުރެވޭ ފަރާތުން ނުވަތަ ދައުވާ ލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު (ނޫސްވެރިޔާއަށް އެ މައުލޫމާތު ދިން ފަރާތް) ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މައުލޫމާތު ހާމަކުރުމަށް ޝަރީއަތުން އަމުރު ކުރެވިދާނެ ކަމަށެވެ.

މި މާއްދާއާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އިސްލާހު ކުރުމަށް ގޮވާލައި ނޫސްވެރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ. އަދި ނޫސްވެރިން ނިސްބަތްވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޑާސް ގިލްޑުންވެސް ވަނީ އެ އިހުތިޖާޖުގައި ބައިވެރިވެފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރަށް އެ މާއްދާ އިސްލާހު ކުރަން ހުށަހަޅައިފައެވެ. އަދި މަޖިލީހަށް އެ އިސްލާހު ބަލައިގަނެ ދިރާސާކުރަން ކަމާބެހޭ ކޮމިިޓީއަށްވެސް ފޮނުވިއެވެ.

ހެއްކާބެހޭ ގާނޫނަކީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެ ނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެވެ.

މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ، އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު އެ ގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފުސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ. މި ގާނޫނުން ހެކިންނަށް ބޮޑެތި ހިމާޔަތްތަކާއި ރައްކާތެރިކަމެއް ލިބިދީފައިވެއެވެ.