ޚަބަރު

"މިހާރު"ގެ ނޫސްވެރިންނަށް ފުރައްސާރަކުރުން އެމްޖޭއޭއިން ކުށްވެރިކޮށްފި

އިބްރާހިމް ޒަކީ

"މިހާރު" ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަކުރަމުުންދާ މައްސަލަ ކުށްވެރިކޮށް އެކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ މައްސަލަ ވީ އެންމެ އަވަހަކަށް ތަހުގީގުކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮންނާއި އެ ނޫންވެސް އެކި ގޮތްގޮތަށް "މިހާރު" ނޫހުގެ ނޫސްވެރިންނަށް ކުރަމުންދާ ފުރައްސާރައާމެދު ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހުގެ ނޫސްވެރިންނަށް ފުރައްސާރަ ކުރުމުގެ އިތުރުން އެ ނޫސްވެރިން ބަދުނާމުކޮށް، އަބުރު ގެއްލޭފަދަ ވާހަކަތައް ފަތުރަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

ނަމާއި އަބުރު ރައްކާތެރިކުރުމާއި މިނިވަން ނޫސްވެރިކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށާއި ކަނޑައެޅިގެން ވަކި ނޫސްވެރިންތަކަކަށް އަމާޒުކޮށްގެން ހިންގާ، ދަށު ދަރަޖައިގެ އެ އަމަލުތަކަކީ ތަހުޒީބު، ޑިމޮކްރެޓިކް ވެއްޓެއްގައި އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށްވެސް ބުންޏެވެ.

އެމްޖޭއޭއިން ބުނީ، އެ ޖަމިއްޔާއިން ގަބޫލުކުރާ ހަމައަކީ ފާޑުކިޔުން ކަމަށްވި ނަމަވެސް އެ ފާޑުކިޔުން ވާންވާނީ ޒާތީ ނުވެ, ބިނާކުރުވަނިވި ފާޑުކިޔުމަކަށް ކަމަށެވެ. ނަމަވެސް މި ފަހުން "މިހާރު" ނޫހުގެ ނޫސްވެރިންނަށް އަމާޒުކުރަމުންދާ އަމަލުތަކަކީ އެ ހަމައިން ބޭރު އަމަލުތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.

ފުރައްސާރަ ކުރުންތައް ގިނަވެ، "މިހާރު" ނޫޙުގެ ބައެއް މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހަޅައި, މަދަނީ މައްސަލަތަކެއް ހުށަހެޅުމަށްވެސް ތައްޔާރުވަމުން އަންނާތީ، އެ ނޫހުން ހުށަހަޅާފައިވާ މައްސަލަތައް ވީ އެންމެ އަވަހަށް ތަހުގީގުކޮށް، ނޫސްވެރިންނަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް ގޮވާލާ ކަމަށްވެސް އެމްޖޭއޭއިން ބުނެފައިވެއެވެ.

"ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެކި ފަންތިތަކުގައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން މި ޖަމިއްޔާއިން ވާނީ މީގެ ކުރިންވެސް ކަމާގުޅޭ އެކި އިދާރާތަކާއި މުއައްސަސާތަކަށާއި އަދި ސަރުކާރަށްވެސް ހުށަހެޅުންތަކެއް ހުށަހަޅައިފައެވެ. އެހެންކަމުން އެ ހުށަހެޅުންތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް ގޮވާލަމެވެ،" އެމްޖޭއޭގެ ބަޔާނުގައިވެއެވެ.