މިއީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށާއި ވަރަށް ގިނަ ކަޑަތައް މި ސަރުކާރުން ޖަހާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިމަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކާށިދުއަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ކޮންމެ ފަހަރަކު އިންތިހާބަކަށް ނުކުންނަކީ ވައުދުތަކަކާއެކީގައި ކަމަށާއި ނަމަވެސް އެވައުދުތައް ނުފުއްދައި އަނެއް އިންތިހާބަށް ނުކުމެ، ހަމަ އެ ވާހަކަތައް ދައްކަން ފެށުމުން ރައްޔިތުން އެވާހަކަތައް ބަލައި ނުގަންނާނެ ކަމަށެވެ. ވަކިން ހާއްސަކޮށް އެމްޑީޕީ މެމްބަރުން އެކަން ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް ކަންކަން އޮޅުވާލައިގެން ނުވާނެ ކަމަށާއި ރައްޔިތުންނަށް ވައުދާން ޖެހޭނީ ކުރެވެން ހުރި ކަންކަމުގެ ވައުދުތައް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ މުޅި ރަށް ކޮނެފައި އޮންނަ ތަން. އަމާޒަކަށްވަނީ ތާރު އެޅުން، ތާރެއް ނެތް ގެނެސްފައެއް ރާއްޖެއަކު އަދި ތާޅު އަޅާ ކުންފުންޏެއްވެސް. ތާރު އެޅެން ނެތް އިރުގައި ތާރު އަޅަން ބުނެ މަގުތައް ކޮނެ ހަލާލުކުރަމުން ދިއުމަކީ ހަމައެކަނި ބިންގާ އެޅުމުގެ ރަސްމިއްޔާތައްޓަކައި ކޮށްލެވޭ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒަމާނުގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ޖެހި ކަޑަތައް މިހާރު ބޮޑެތި ނިކަގަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިއަހަރަކީ އިންތިހާބުގެ އަހަރު ކަމަށާއި ވަރަށް ގިނަ ކަޑަތައް ޖަހާނެ ކަމަށެވެ.
"ހޮސްޕިޓަލްތައް އަޅާނެ ކަމަށް ވިދާޅުވާނެ، މަގުތައް ހަދާނެ ކަމަށް ވިދާޅުވާނެ، ފުޓްސަލް ދަނޑާއި މަލްޓި ޕާޕަސް ހޯލާއި އެއްގަމު ތޮއްޓާއި ގިރާ ސަރަހައްދާއި ފެނާއި ނަރުދަމާއާ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ވައުދު ވާނެ. އަދި ވަރަށް ގިނަ ސޮއި ސަރުކާރުން ކުރަމުން ގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެއީ ރައްޔިތުން ބޭނުންވާ ސިފައެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ ވެރިކަމަށް އައުމުގެ ކުރިން އެ ވާހަކަތައް ދެއްކުން ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ އާމްދަނީއަށްވުރެ ދައުލަތުގެ ހަރަދު ބޮޑުކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނިވެސް މަތިވަމުންދާ ކަމަށެވެ.