އިސްލާމީ ދުނިޔޭގެ ލީޑަރޝިޕަށް މެދުއިރުމަތީގައި އެންމެ ބޮޑު ވާދަވެރިކަމެއް ހިނގަމުންދަނީ ސައޫދީ އަރަބިޔާ އާއި އީރާނާ ދެމެދުގައެވެ. މި ދެގައުމުގެ މެދުގައި މިވަގުތު ސިޔާސީ އަދި ޚާރިޖީ ގުޅުމެއްވެސް ނެތެވެ. އޮތް ގުޅުމެއްވިއްޔާ މީގެ 7 އަހަރުކުރިން 2016 ވަނަ އަހަރު ސައޫދީ އަރަބިޔާއިން ވަނީ ކަނޑާލައިފައެވެ. އެވަރަކުން އަދި ނުނިމެއެވެ. ސައޫދީ އަރަބިޔާގެ ނުފޫޒުން އެހެން ބައެއް ގައުމުތަކުންވެސް ވަނީ އީރާނާ ގުޅުން ކަނޑާލައިފައެވެ. ދިވެހިރާއްޖެވެސް ހިމެނޭގޮތުންނެވެ. ކޮންމެ ބަޔަކުވެސް އިލްޒާމު އަޅުވަނީ އަނެއް ބައެއްގެ ބޮލުގައެވެ. ސައޫދީ އަރަބިއާއިން ބުނާގޮތުގައި އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ ސައޫދީ އެމްބަސީއަށް އީރާނު މީހުން ހަމަލާދީ އެތަނަށް ގެއްލުންދިނީއެވެ. އީރާނުގެ ވެރިންގެ އަތެއްވެސް އޮވެގެންނެވެ.
އެމްބަސީއަކީ ދެގައުމުގެ ގުޅުންތަކުގެ ރަމްޒެވެ. އެތަނަށް ހަމަލަދިނީމާ ދެން ކޮންމެހެން ގުޅުން ދެމެހެއްޓުމުގެ ބޭނުމެއް ނެތުނީކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ. އީރާނުގެ ރައުޔު ވަރަށް ތަފާތެވެ. އީރާން ބުނާގޮތުގައި ރައްޔިތުންގެ ރުޅިވެރިކަން ސައޫދީ އަރަބިޔާއަށް އަމާޒުވީ ސައޫދީ އަރަބިޔާގެ ޝީއީ ދަންނަބޭކަލެއް ކަމަށްވާ ނިމްރު އައްނިމްރުގެ މައްޗަށް މަރުގެ ހުކުމް އިއްވައި އެހުކުމް ތަންފީޒު ކުރުމުންނެވެ. އީރާނުގައި ސައޫދީ ދައުލަތް ތަމްސީލުކުރާ އިދާރާއަކީ ސައޫދީ އެމްބަސީ ކަމަށްވާތީ އެތަނުގެ ބޭރުގައި އިހުތިޖާޖު ކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށްވެސް އީރާނުން ބުނެއެވެ. ކޮންމެއަކަސް މިކަމެއް ފެށިފައި މިއޮތީ ސުންނީންނާއި ޝީއީންގެ މައްސަލައެއްގެ ތެރެއިންނެވެ. އެންމެފަހުން މިއޮތީ ބޮޑުވެގެންވާ ސަރަހައްދީ މައްސަލައަކަށް ވެފައެވެ.
މިކަން ހައްލުކުރެވިދާނެބާވައެވެ. މެދުއިރުމަތީގެ މި ދެބާރުގެ މެދުގައި އިތުބާރާއި ދެނެގަތުން އަލުން ގާއިމުކޮށް ސިޔާސީ ގުޅުން ރުޖޫއަ ކުރެވިދާނެބާވައެވެ. ކޮންމެގޮތެއް ހަދައިފައިވެސް ގުޅުން އިއާދަކުރަން އެބަޖެހެއެވެ. އިސްލާމީ ދުނިޔޭގެ އެކުވެރިކަމަށްޓަކައެވެ. މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުމަށްޓަކައެވެ. އިސްލާމީ ދުނިޔޭގެ މަސްލަހަތާއި އަމަނަށްޓަކައެވެ. ބައެއް ގައުމުތައް މެދުވެރިވެގެން ވަޒީރުންގެ ފެންވަރުގައި މަޝްވަރާތަކެއްވެސް ދޭތެރެޔަކުން ބޭއްވެއެވެ. އެކަމަކު އަދިވެސް ގުޅުން އިއާދަކުރެވޭގޮތެއް ނުވެއެވެ. ތަފާތު އެތަކެއް ސަބަބުތަކާލައިގެންނެވެ. ދެގައުމުގެ ވެރިން އެއްތަންކުރެވޭތޯ އެންމެ ބޮޑަށް ބާރުއަޅަމުން މަސައްކަތް ކުރަމުންދާތީ ފެންނަނީ އޮމާނުންނެވެ. މިކަން ކާމިޔާބުވިޔަނުދޭން ގަދައަޅައި އަލިފާނަށް ދަރުއަޅަމުންދާތީ ފެންނަނީ އެމެރިކާ އާއި އިޒްރޭލުންނެވެ.
ގުޅުންތައް ގާއިމު ނުކުރެވި ހަތުރުވެރިކަން ދަރަޖައަކަށްފަހު ދަރަޖައެއް އުފުލެމުން ދިޔުމުގެ ސިއްރަކީ ގެއްލެމުންދާ އިތުބާރެވެ. ތަފާތުބޮޑުވަމުންދާ މަސްލަހަތެވެ. މެދުއިރުމަތީގެ ހަމަކޮންމެ މައްސަލައެއްގައި މިދެބައިމީހުން ތިބެނީ ދެފަޅީގައެވެ. މީގެ އެއްމިސާލަކީ ޔަމަނެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައެވެ. އެއްކޮޅުގައި އީރާނުގެ މަދަދުލިބޭ ޝީއީ ހަނގުރާމަވެރިންނެވެ. އަނެއްކޮޅުގައި ސައޫދީން ވާގިވެރިވާ ސުންނީ ހަނގުރާމަވެރިންނެވެ. މި އަލިފާނުގައި މުޅި ޔަމަން އަނދައި ހުލިވެއްޖެއެވެ. މުޅިން ބަރުބާދުވެއްޖެއެވެ. ވަކިބަޔަކަށް ނަސްރެއް، ކާމިޔާބީއެއް ނުހޯދުނެވެ. ހުރިހާ ގެއްލުމެއް ޔަމަނުގެ ރައްޔިތުންނަށެވެ. ސީރިޔާގައިވެސް ހަމަ މިމަންޒަރެވެ. ރައީސް އަސަދުގެ ފަޅީގައި އީރާނެވެ. އަސަދުގެ ވެރިކަން ނިންމުމަށް ގަދައަޅާ ފަޅީގައި ސައޫދީ އަރަބިޔާއެވެ. މިކަމުގެ ތެރެއިން ސީރިޔާ ސުންނާފަތިވެއްޖެއެވެ.
ލުބުނާނުން އީރާނުގެ ނުފޫޒު ފޮހެލައި ލުބުނާނުގެ ހިޒްބު ﷲ ޖަމާއަތުގެ ބާރު ސިޔާސީގޮތުންނާއި އަސްކަރީގޮތުން ކުޑަކޮށްލުމަކީވެސް ސައޫދީ އަރަބިޔާގެ އަމާޒެކެވެ. އެކަމެއްވެސް ނުވެއެވެ. އިތުރުވަމުންދާތީ ފެންނަނީ އީރާނުގެ ނުފޫޒެވެ. ގާޒާގައި އިޒްރޭލާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތަށް އެންމެ ބޮޑަށް ވާގިވެރިވާ ބަޔަކީވެސް އީރާނެވެ. މިސަބަބަށްޓަކައި ހަމާސްއާ ފިކުރީގޮތުން ސައޫދީ އަރަބިޔާ ދެކޮޅެވެ. އެކަމަކު ހަމާސް ޖަމާއަތް އެއްވެސް ގޮތަކުން ބަލިކަށިވަމުންދާތީއެއް ނުފެނެއެވެ. އަނެއްކޮޅުން އީރާނުގެ ނިއުކުލިއަރ މަޝްެރޫއާއި ދިގުރާސްތާގެ މިސައިލް މަޝްރޫއު ހުއްޓުވުމަކީވެސް ސައޫދީ އަރަބިޔާގެ ސިޔާސަތުގެ އެއް އަމާޒެވެ. އެކަމުގައިވެސް ހާސިލްކުރެވޭ ނަތީޖާއެއްނެތެވެ. އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދަނީ އީރާނުގެ ކެރިކުޅަދާނަކަމެވެ.
ބަލިކަށި އީރާނެއް އޮތުމަކީ ހަމައެކަނި ސައޫދީ އަރަބިޔާގެ އެދުމެއް ނޫނެވެ. އިޒްރޭލާއި އެމެރިކާގެ އެދުމަކީވެސް އެއީއެވެ. ދާދިފަހަކުން ސައޫދީ އަރަބިޔާ އާއި އިޒްރޭލުގެ މެދުގައި ސިއްރު ގުޅުންތަކެއް ހިންގާފައިވަނީވެސް އީރާނާ ދޭތެރޭ އޮންނަ ރުޅިވެރިކަމެއްގެ ސަބަބުންނެވެ. ކޮންމެއަކަސް ނަތީޖާއެއް ނުފެންނަ ކަމެއްގައި އަބަދު ޝާމިލްވެގެން އޮތުމުގެ ބޭކާރުކަން ސައޫދީ އަރަބިޔާއިން މިހާރު އެބަ އިހުސާސްކުރެއެވެ. ސިޔާސަތަށް ބަދަލު ގެނައުމުގެ ކޮޅުމަތި އެބަފެނެއެވެ. އީރާންވެސް އޮތީ ޒައިތޫނިއޮފިކޮޅެއްގެ އިންތިޒާރުގައެވެ. މަޝްވަރާކޮށްގެން އިތުބާރު އަލުން އުފެއްދިދާނެ ކަމަށް އީރާނުން ގަބޫލުކުރެއެވެ. އީރާނުގެ ޚާރިޖީވަޒީރު މިހަފުތާގައި ވިދާޅުވެފައިވަނީ މަޝްވަރާކޮށްގެން ސިޔާސީ ގުޅުން އަލުން ގާއިމުކޮށް ރަނގަޅު އަވަށްޓެރިކަމުގެ ރޫހަކާއެކީ ކުރިއަށްދާން ބޭނުންވާ ކަމުގައެވެ.