މިހާތަނަށް ރާއްޖޭގެ ގެސްޓްހައުސްއަކުން އެންމެ ބޮޑު ސާވިސްޗާޖެއް ދިން ގެސްޓްހައުސަކަށް ކާނި ހޮޓެލްސް ވެއްޖެއެވެ.

ކ. މާފުށި ކައުންސިލުގެ ކުރީގެ ރައީސް އަދި މިހާރު ކާނި ހޮޓަލްސްގެ ޓްރާންސްޕޯޓް މެނޭޖަރު އުސްމާން ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ މިދިޔަ މަހު ސާވިސްޗާޖުގެ ގޮތުގައި ކާނި ހޮޓަލްސްއިން ހިންގާ ހުރިހާ ގެސްޓްހައުސްތަކެއްގެ މުވައްޒަފުންނަށް 420 ޑޮލަރު ދީފައިވާ ކަމަށާއި އެއާއެކު މިދިޔަ މަހު އެންމެ ބޮޑު ސާވިސްޗާޖެއް ދިން ގެސްޓްހައުސަކަށް ކާނި ހޮޓެލްސް ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކާނި ހޮޓެލްސްގައި ޖުމުލަ 180 މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި މިދިޔަ މަހު 3،000 އަށްވުރެ ގިނަ ފަތުރުވެރިންނަށް ކާނި ހޮޓަލްސްގެ އެކި ގެސްޓްހައުސްތަކުން ހިދުމަތްދީފައިވާ ކަމަށެވެ. އަދި މިއީ މިހާތަނަށް ގެސްޓްހައުސަކުން ދިން އެންމެ ބޮޑު ސާވިސްޗާޖުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ވެސް ރާއްޖޭގެ ގެސްޓްހައުސަކުން އެންމެ ބޮޑު ސާވިސްޗާޖެއް ދީފައިވަނީ ކާނި ހޮޓެލްސް އިންނެވެ. އެފަހަރު ކޮންމެ މުވައްޒަފަކަށް ވަނީ 369 ޑޮލަރު ދީފައެވެ.

ކާނި ހޮޓަލްސްއަކީ ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު ބްރޭންޑެކެވެ. މިހާރު ވެސް ކާނި ހޮޓަލްސްއިން އަންނަނީ މާފުށީގައި މަތީ ފަންތީގެ ހަތަރު ގެސްޓްހައުސެއް ހިންގަމުންނެވެ. މާލޭގައި ވެސް 26 އެނދުގެ ގެސްޓްހައުސެއް ހިންގައެވެ.

އއ. އުކުޅަހުގައި ކާނި ހޮޓަލްސް އެންޓް ޓުއާސްއިން 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި އެރަށު ކައުންސިލާއެކު ވެސް ވަނީ ސޮއިކޮށްފައެވެ.

އުކުޅަހުގައި ކާނި ހޮޓަލްސްއިން ހަދަން ނިންމާފައިވަނީ 250 އެނދުގެ ދިހަ ބުރީގެ ހޮޓަލެކެވެ. އެ ހޮޓާ ހަދަނީ 8،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައެވެ.