ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމުން، ގޯއްޗަށް ކުރިމަތިލުމުގެ ހައްގު ގެއްލުނު އަނބިމީހާއަށް ހަތް އަހަރު ފަހުން އިންސާފު ލިބިއްޖެއެވެ.
ދެހާސް ސޯޅަ ވަނަ އަހަރުގެ ތެރޭގައި އދ. މާމިގިލިން ގޯތި ދޫކުރުމަށް ކުރި އިއުލާނަކާ ގުޅިގެން އެރަށު އާމިނަތު ގާސިމްގެ ފަރާތުން ވަނީ ގޯއްޗަށް ކުރިމަތިލައިފައެވެ. ނަމަވެސް ކައުންސިލުން އާންމުކުރި ގޯތި ލިބޭނެ ކަމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި އާމިނަތުގެ ނަން ހިމަައިފައެއް ނުވެއެވެ. އެ ލިސްޓުގައި އޭނާގެ ނަން ނެތް ސަބަބު ސާފުކޮށްދިނުމަށް އެދި އާމިނަތު ވަނީ މާމިގިލި ކައުންސިލަށް ސިޓީއެއް ފޮނުވައިފައެެވެ.
އެ ސިޓީގެ ޖަވާބުގައި މާމިގިލި ކައުންސިލުން ބުނެފައިވަނީ އާމިނަތުގެ ނަން ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމަނާފައިނުވަނީ ދެމަފިރިންނަށް ދެ ގޯތި ނުލިބޭ އުސޫލުގެ ދަށުން ގޯތި ދޫކުރާ ގޮތަށް ހަމަޖެހިފައިވާތީ ކަމަށާއި، އާމިނަތުގެ ފިރިމީހާގެ ނަމުގައި ވިލިމާލޭގައި 1،400 އަކަފޫޓުގެ ގޯއްޗެއް އޮތްކަމަށް ގޯއްޗަށް ކުރިމަތިލާ ފޯމުގައި އާމިނަތު ބަޔާންކޮށްފައިވާ ކަމަށެވެ.
އެއީ ގޯއްޗަށް ކުރިމަތިލުމުން މަހުރޫމުކުރެވޭނެ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް ބުނެ އާމިނަތު ވަނީ ކައުންސިލާ ދެކޮޅަށް އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައިގައި އާމިނަތު ބުނެފައިވަނީ ވިލިމާލެއިން އޭނާގެ ފިރިމީހާއަށް ލިބިފައިވާ ގޯއްޗަކީ ފިރިމީހާ އެހެން މީހަކާ ކައިވެނި ކޮށްގެން އުޅުނު އިރު، ލިބުނު ގޯއްޗެއް ކަމަށާއި އެ ގޯތީގައި ދިރިއުޅެނީ އެ ކައިވެންޏަށް ލިބިފައިވާ ދަރިން ކަމަށެވެ. އަދި ފިރިމީހާއަކީ ކޮންމެ އިރަކުވެސް އޭނާ ވަރިކޮށް އޭނާ ދޫކޮށް ހިނގައިދާނެ މީހެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.
ގޯއްޗަށް އެދި ހުށަހެޅި މީހުންނަށް މާކްސް ދިނުމަށް މާމިގިލީ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގައި، ގޯއްޗަށް އެދޭ މީހުންގެ މައިންބަފައިންގެ ގޯތި ނުވަތަ އެފަދަ ގޯއްޗަކުން ބައެއް ލިބުމުގެ ފުރުސަތު އޮތް ފަރާތަކަށް ލިބޭ ޕޮއިންޓުން ވަކި މިންވަރެއް އުނިކުރުމުގެ އުސޫލެއް ހިމަނާފައިވީ ނަމަވެސް، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮންނަ ހާލަތުގައި، އެ ގޯއްޗެއްގައި ދިރިއުޅުމުގެ ފުރުސަތު ތަނަވަސްވެފައިވާ މިންވަރަށާއި، ދަރިން ތިބި އަދަދުގެ މައްޗަށް ބަލައި ޕޮއިންޓް ލިބިދޭ ގޮތެއް ބަޔާންކޮށްފައި ނެތުމުގެ އިތުރުން، އެފަދަ ފަރާތްތައް މިފަދަ ފުރުސަތަކުން މަހުރޫމު ކުރުމަކީ، އާމިނަތާއި އޭނާއާ އެއް ހާލަތެއްގައި ތިބޭ ފަރާތްތަކަށް ގޯތި ހޯދުމަށް އޮތް ބޭއިންސާފެއް ކަމަށެވެ. އެހެންކަމުން ކައުންސިލުން އޭނާގެ ފޯމު ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އާމިނަތު ވަނީ އެދިފައެވެ.
މާމިގިލި މެޖިސްޓްރޭޓް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ އާމިނަތާ ދެކޮޅަށެވެ. އެ ކޯޓުން ބުނެފައިވަނީ ކައުންސިލުން އާމިނަތުގެ ފޯމު ބާތިލުކުރީ ބިމާ ބެހޭ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން ކަމަށާއި ކައުންސިލުން އާމިނަތުގެ ފޯމު ބާތިލުކުރުމުގައި އެއްވެސް ގާނޫނަކާ ހިލާފުވެފައި ނުވާ ކަމަށެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް މައްސަލަ ނިންމީ އާމިނަތާ ދެކޮޅަށެވެ. ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލެއް އެކަށައެޅުމަށްފަހު، އެ އުސޫލާ އެއްގޮތަށް ގޯއްޗަށް އެދޭ ފަރާތަކަށް ޕޮއިންޓް ދިނުމާ މެދު ލަފާ ހޯދުމުގެ ގޮތުން މާމިގިލީ ކައުންސިލުގެ އިދާރާއިން ހައުސިން މިނިސްޓްރީއަށް ސިޓީ ފޮނުވައި، އެ ސިޓީއާ ގުޅިގެން ކައުންސިލުގެ އިދާރާއިން އެކަށައަޅާފައިވާ އުސޫލާ މެދު ފެންނަ ގޮތް ހާމަކޮށް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ފަރާތުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އެގޮތުން އެ އުސޫލުގައި ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުސޫލުގެ "ގޯތި ލިބޭ ގޮތް"، އެ ސުރުހީގެ ދަށުގައި ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެ ގޯތި ނުލިބޭނެ އުސޫލުން ވިސްނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ހައި ކޯޓުން ބުނެފައިވެއެވެ. ހައި ކޯޓުގެ އެ ހުކުމް ބަލައިނުގަނެ އާމިނަތު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، މާމިގިލިން ގޯތި ދޫކުރަން އޭރު ހެދި އުސޫލުގައި ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި އިތުރު ގޯއްޗެއް ނެތުމަކީ ޝަރުތެއްގެ ގޮތުގައި ހިމަނާފައިނުވާ ކަމަށެވެ. އަދި މާމިގިލީ ކައުންސިލުން އާމިނަތުގެ ފޯމު ބާތިލުކުރީ ދެމަފިރިންގެ ގޯތި ނުލިބޭނެ ކަމަށް އިއުލާނުގައި އޮންނާތީ ކަމަށް ބުންޏަސް، އެގޮތަށް އިއުލާނުގައި ބަޔާންކޮށްފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުންޏެވެ.
އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމުން ޝަރުތު ހަމަނުވާ ކަމަށް ނިންމޭނީ ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށްވިޔަސް، ކައުންސިލުން މިނިސްޓްރީގެ ހުއްދަ ހޯދިކަން އެނގެން ނެތް ކަމަށާއި އެފަދަ ޝަރުތެއް އިއުލާނުގައި ހިމަނަންވާނީ ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ، މާމިގިލިން ދެން ގޯތި ދޫކުރާ ފަހަރެއްގައި އާމިނަތުގެ ޝަރުތު ހަމަވޭތޯ ބަލަންވާނެ ކަމަށެވެ. އަދި އޭނާގެ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތުމަކީ ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި ބަލައިގެންނުވާނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.