ކުޅިވަރު

މޮޅަކާއެކު އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް އަލްޖީރިއާއިން ފަށައިފި

އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ގޮތުން ލީބިޔާއާ ދެކޮޅަށް ކުޅުނު މެޗު ވަރަށް ހަނިގޮތަކަށް އަލްޖީރިޔާއިން ހުކުރުދުވަހުގެ ރޭ ކާމިޔާބުކޮށްފިއެވެ. އަލްޖީރިއާގެ ވެރިރަށް ޖަޒާއިރުގައި މުޅިން އަލަށް ހުޅުވުނު ނެލްސަން މަންޑޭލާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެކެއް ސުމަކުން އަލްޖީރިޔާ ކާމިޔާބުކުރިއިރު މެޗުގައި ފެނުނު ހަމައެކަނި ގޯލް ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އައިމަން މަހުޔޫސްއެވެ.

ނެލްސަން މަންޑޭލާ ސްޓޭޑިއަމަކީ މި މުބާރާތަށްޓަކައި ބިނާކުރެވުނު ސާޅީސްހާސް މީހުންގެ ޖާގައިގެ މުޅިން އައު ސްޓޭޑިއަމެކެވެ. ޖަޒާއިރުގެ ބަރާކީ އޭރިއާގައި ގާއިމު ކުރެވުނު މިސްޓޭޑިއަމް ހުޅުވުމާއެކު އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވީ ފީފާގެ ރައީސް ޖިއާއްނި އިންފަންޓީނޯ އާއި އަލްޖީރިއާގެ ރައީސް އަބްދުލްމަޖީދު ތަބޫންއެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު ގްރޫޕް އޭގައި ކުޅުނީ އެންމެ މެޗެކެވެ. އެހެންނަމަވެސް މުބާރާތުގެ ދެވަނަ ދުވަހު އިތުރު ތިން މެޗެއް ވަނީ ކުޅެފައެވެ. ގްރޫޕް އޭގައި ހޮނިހިރު ދުވަހު ހަވީރު އިތިއޮޕިއާ އާއި މޮޒަމްބީގުގެ މެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ. މި މެޗުވެސް ކުޅުނީ ނެލްސަން މަންޑޭލާ ސްޓޭޑިއަމްގައެވެ. ގްރޫޕް ބީގައި ހޮނިހިރުދުވަހުގެ ރޭ ޑިމޮކްރަޓިކް ކޮންގޯ އާއި ޔޫގެންޑާ ކުޅުނު މެޗު އައްނަބާގައި ނިމުނީވެސް ސުމެއް ސުމަކުން އެއްވަރުވެގެންނެވެ. ހޮނިހިރުދުވަހުގެ ރޭ ދަންވަރު މި ގްރޫޕްގައި އައިވަރީ ކޯސްޓާއި ސެނެގޯލް ބައްދަލުކޮށް އައްނަބާގައި އެކެއް ސުމަކުން މޮޅުވީ ސެނެގޯލެވެ.

އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕަކީ އެފްރިކާ ބައްރުގެ ދެވަނަ ފަންތީގެ ސަރަހައްދީ މުބާރާތެވެ. މި މުބާރާތުގައި 18 ގައުމު މިފަހަރު ވާދަކުރާއިރު ކޮންމެ ޓީމެއްގައިވެސް ހިމެނެނީ އެގައުމެއްގެ އަމިއްލަ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އުފަން ގައުމު ނޫން ގައުމެއްގެ ކުލަބެއްގައި ކުޅޭ ކުޅުންތެރިއަކަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތެއް ނެތެވެ. އެހެންވީމާ ސެނެގޯލްގެ ސާޑިއޯ މާނޭ އާއި އަލްޖީރިޔާގެ ރިޔާޒު މަހުރާޒުފަދަ ތަރިން މި މުބާރާތަކުން ނުފެނެއެވެ. އެފްރިކާގެ ވަރުގަދަ ޓީމުތަކުގެ ތެރެއިން މިސްރާއި މޮރޮކޯއާއި ނައިޖީރިއާވެސް މިފަހަރު ވާދައެއްވެސް ނުކުރެއެވެ. މޮރޮކޯ މުބާރާތުން ވަކިވީ އަލްޖީރިއާގައި ކުޅެންޖެހޭތީއެވެ.