ޚުލާސާ
ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި އާޖެންޓީނާ އާއި މިސްރު ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅޭ މި މެޗަށް ނުކުންނަ އިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މިހާ ހިސާބަށް ދަތުރުކުރީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕު ސްޓޭޖުގައި އަލްޖީރިއާ އާއި އޮސްޓްރިއާ އަދި ޖޯޑަން އަތުން ވަނީ މޮޅުވެފައެވެ. އާޖެންޓީނާއަށް އެންމެ އުނދަގޫ މެޗަކަށް ވެގެންދިޔައީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑްއާ ދެކޮޅަށް ގަދަ 32 ގައި ކުޅުނު މެޗެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ހޯދި މޮޅުތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރީ އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިހާތަނަށް މެސީ ވަނީ މުބާރާތުގައި ހަތް ގޯލު ޖަހައި މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިން ޖާގަ ހޯދައިފައެވެ. މެސީގެ އިތުރުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ ވެސް ވަނީ ހަތް ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މި ވޯލްޑް ކަޕްގައި ޖެހި ގޯލުތަކާއެކު މިވަގުތު މެސީ އަކީ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އެ ރެކޯޑަށް ވެސް އެމްބާޕޭ ވާދަކުރަމުންދާ އިރު، މެސީ ކުރީގައި އޮތީ އެންމެ ގޯލެއްގެ ތަފާތުންނެވެ.
މުހައްމަދު ސަލާހާއެކު ނުކުންނަ މިސްރަށް މިއީ އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. ގްރޫޕު ސްޓޭޖުގައި މިސްރުން ބެލްޖިއަމާއި އީރާން އަތުން އެއްވަރުވި އިރު، ނިއު ޒިލޭންޑް އަތުން ވަނީ މޮޅުވެފައެވެ. އަދި ގަދަ 32 ގައި އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރު ވަނީ މޮޅުވެފައެވެ. އެއީ މިސްރުން ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް