ވަރަށް ގިނަބަޔަކު ހީކުރެއެވެ. މޮރޮކޯ އާއި އަލްޖީރިޔާއަކީ ވަރަށް ސުލްހަވެރި، އަޚުވަންތަ ދެ އަވަށްޓެރިންނެވެ. އެހެން ހީކުރަނީ މި ދެގައުމަކީވެސް އަރަބި އިސްލާމީ ގައުމުތަކެއް ކަމަށްވެފައި ދެ ގައުމުގައިވެސް އާބާދުވެގެން ތިބީ އަމާޒިގުން ނުވަތަ ބަރުބަރީންނާއި މަޣުރިބީ އަރަބީން ކަމަށްވާތީއެވެ. އިހުގެ މަޣުރިބުކަރަޔަކީވެސް މިދެގައުމެވެ. ދިވެހިރާއްޖޭގައި ބޮޑުތިލަދުންމަތި ކިޔާ ބީދައިންނެވެ. ފަރަންސޭސީންގެ އަތްދަށުން މޮރޮކޯއަށް މިނިވަންކަން ލިބުނީ 1956 ގައެވެ. އަލްޖީރިއާއަށް މިނިވަންކަން ލިބުނީ 1962 ގައެވެ. އަލްޖީރިޔާއަކީވެސް ކުރިން ފަރަންސޭސިންގެ ކޮލޮނީއެކެވެ. ދެ ގައުމުންވެސް ހިއްސާކުރަނީ ދާދި އެއްތާރީޚެކެވެ. އެއްސަގާފަތެކެވެ. އެއްދީނެކެވެ. އެއްބަހެކެވެ. އެހެންވީމާ އެއްބަނޑު އެއްބަފައިކަމުގެ ގުޅުން އޮންނަންވާނެތާއެވެ. އެކަމަކު އެފަދަ ކުލުނެއް، ގުޅުމެއް ނެތެވެ. އޮތީ އިންތިހާ ދަރަޖައިގެ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމެވެ.
މި ދެގައުމުގެ މެދުގައި އެންމެ ކުޑަމިނުން ސިޔާސީ ގުޅުމެއްވެސް ނެތެވެ. އިމުގައި ދެގައުމުގެ ސިފައިން އެތިބީ އެއްބަޔަކު އަނެއް ބަޔަކަށް ބަޑި އަމާޒުކޮށްގެންނެވެ. ދެބައެެއްގެ ދޭތެރޭގައި ރުޅިވެރިކަމާއި ނަފުރަތުގެ ހުޅުގަނޑު އަނދާނޭ ހުރިހައި ކަމެއްވެސް އެބަހުއްޓެވެ. އަރަބި އިސްލާމީ ދެ އަވަށްޓެރިންގެ މެދުގައި މިވަރުގެ ދެކޮޅުވެރިކަމެއް އޮތުމުގެ ސަބަބަކީ ކޮބައި ބާވައެވެ. މައިގަނޑު ސަބަބަކީ ފިކުރީ ތަފާތެވެ. މޮރޮކޯއަކީ ކޮންޒަރވެޓިވް ރަސްކަމެއް ހިނގާ ގައުމެކެވެ. އަލްޖީރިއާއަކީ އިންގިލާބީ ފިކުރުގެ ޖުމްހޫރިއްޔާއެކެވެ. އެހެންވީމާ އެއްބަޔަކު ގެންގުޅޭ ސިޔާސަތާއި ކުރާ ކަންކަމުން އަނެއްބައެއްގެ ޝައްކުތައް އިތުރުވެ އިތުބާރު ގެއްލެނީއެވެ. ދެފަރާތުގެ ލީޑަރުންގެ ވިސްނުމާއި މިސްރާބުވެސް ތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން ދެގައުމުގެ މެދުގައި ހިނގަމުން އަންނަ ޒަމާންވީ އަރައިރުންތަކުގެ ސިލްސިލާއާއި އޭގެ މާޒީއަށް ބަލައިލަމާހެެއްޔެވެ.
މިނިވަންކަން ލިބުނުތާ މާގިނަ އަހަރުތަކެއްނުވެ ދެގައުމުގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ވަނީ ހިނގައިފައެވެ. ހަނގުރާމައަށް މަގުފަހިވުމުގެ ސިއްރަކީ އަލްޖީރިއާގެ ހުޅަނގު ދެކުނުގެ ދެ ޕްރޮވިންސެއްގެ ބައެއް ސަރަހައްދުތައް ހިފަން މޮރޮކޯއިން މަސައްކަތްކުރުމެވެ. އެއީ ބުނެވޭގޮތުން ތެލާއި ގޭހުގެ މުއްސަނދިކަމުގެ އެދުމުގައި ކުރިކަމެކެވެ. ކޮންމެއަކަސް މިހަނގުރާމައެއް ހިނގީ 1963 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ހަނގުރާމައިގެ ނަމަކީ ވެލީގެ ހަނގުރާމައެވެ. އަރަބިބަހުން ހަރްބުއްރިމާލެވެ. ސަހަރާގެ ހަނަފަސްކަމުގެ ތެރޭގައި، ވެލީގެ ތެރޭގައި ކުރެވުނު ހަނގުރާމައަކަށްވާތީއެވެ. މި ކުރިމަތިލުންތަކުގައި ދެފަރާތުން އެތައް ސަތޭކަ ބަޔަކު މަރުވެ އިތުރު އެތައް ސަތޭކަ ބަޔަކު ހައްޔަރުވިއެވެ. އެފްރިކާގެ ގައުމުތަކުގެ ޖަމިއްޔާއިން ހޯހޯއޭ ގޮވައި ސުލްހައިގެ ލަޝްކަރެއް ފޮނުވައިގެން އެންމެފަހުން ހަމަލާތައް ހުއްޓުވީއެވެ.
މި ހަނގުރާމައިގައި މޮރޮކޯއަށް ވާގިވެރިވީ ފްރާންސުންނެވެ. އަލްޖީރިޔާއަށް ވާގިވެރިވީ މިސްރާއި ކިއުބާއިންނެވެ. ނިމުނީ އެއްވެސް ބަޔަކަށް މޮޅެއް ނުލިބިއެވެ. އެ ރުޅިވެރިކަން އޮތްގޮތަށް ދެންވެސް އޮތީއެވެ. ދެން އިތުރުވާންފެށީ އައުބޮޅުބޮޅެވެ. އަލްޖީރިޔާގެ ކަބީލިއާ ސަރަހައްދުގައި ވަކިވެގަތުމުގެ ފިކުރު ދިރުވައި އަލިފާނަށް ތެޔޮއަޅަނީ މޮރޮކޯކަމަށް އަލްޖީރިޔާއިން ތުހުމަތު ކުރެއެވެ. އަދި އަލްޖީރިޔާގެ އުތުރުގެ ޖަންގަލިތަކުގައި ދާދިފަހުން ރޯވި އަލިފާނަކީވެސް އަލްޖީރިޔާގެ އިގްތިސާދުގައި ހުޅުޖެހުމުގެ ނިޔަތުގައި މޮރޮކޯއިން ރާވައިގެން ހިންގާފައިވާ އުދުވާނެއްކަމަށްވެސް ތުހުމަތުކުރެއެވެ. މީގެ އިތުރަށް ސިފައިންގެ އޮފިސަރުންނާއި ސިޔާސީ ލީޑަރުންގެ ފޯނު ހެކްކުރުމުގެ ކަންތަކެއް ހިންގި ކަމަށް ތުހުމަތުކޮށް 2021 ވަނަ އަހަރުގެ ތެރޭގައި ސިޔާސީގުޅުން ކަނޑާލައި ބޯޑަރު ބަންދުކޮށް މޮރޮކޯގެ މަތިންދާބޯޓުތަކަށް ވައިގެ ސަރަހައްދުވެސް ވަނީ މުޅިން ބަންދުކޮށްފައެވެ.
ވެސްޓަރން ސަހާރާ ނުވަތަ ހުޅަނގު ސަހަރާގެ މައްސަލަޔަކީވެސް އަލްޖީރިޔާ އާއި މޮރޮކޯގެ ރުޅިވެރިކަން އަނދައަނދައި އޮތުމަށް މަގުފަހިވާ ސަބަބެކެވެ. ހުޅަނގު ސަހަރާގެ މައްޗަށް މޮރޮކޯއިން ހިންގާ ވެރިކަން އަލްޖީރިޔާއިން އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެއެވެ. ބަދަލުގައި އަލްޖީރިޔާއިން ތާއީދުކުރަނީ ހުޅަނގު ސަހަރާ މިނިވަން ކުރުމަށެވެ. މިކަމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްކަމުގައިވާ ޕޮލިސާރިއޯ ފްރަންޓަށް ހަތިޔާރާއި ފައިސާޔާއި ތަމްރީނު ފޯރުކޮށްދެނީ އަލްޖީރިޔާއިންނެވެ. މޮރޮކޯއަށް ޕޮލިސާރިއޯ ޖަމާއަތް ބަލިނުކުރެވުމުގެ ސިއްރަކީ އަލްޖީރިއާއެވެ. މި ދެގައުމު ހިއްސާކުރާ ބޯޑަރުގެ ދިގުމިންވެސް ދޮޅުހާސް ކިލޯމީޓަރަށްވުރެ ދިގެވެ. މޮރޮކޯއާ ގުޅުން ކަނޑާލައިގެން އޮތުމަށްފަހު 1988 ގައި އެގުޅުން އަލުން އަލްޖީރިއާއިން ގާއިމްކުރީވެސް ޕޮލިސާރިއޯ ފްރަންޓް ގަބޫލުކޮށް މަޝްވަރާކުރަން މޮރޮކޯ އެއްބަސްވުމުންނެވެ.
ހުޅަނގު ސަހަރާއަކީ މޮރޮކޯގެ ސިޔާދަތީ ހައްގު އޮތްތަނެއް ކަމަށް އެމެރިކާ އާއި އިޒްރޭލުން ގަބޫލުކުރުމާއި މޮރޮކޯ އާއި އިޒްރޭލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމަކީވެސް 2021 ވަނަ އަހަރުގެ ތެރޭގައި މޮރޮކޯއާ ގުޅުން ކަނޑައިލުމަށް އަލްޖީރިއާއިން ނިންމި ނިންމުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރެއިން އިތުރު ސަބަބެކެވެ. އަލްޖީރިއާ ގަބޫލުކުރާގޮތުގައި މިއީ އިސްތުއުމާރީ ފިކުރަކާއި އިސްތިއުމާރި އެފަދަ އެހެން ފިކުރަކާއި ދިމާވުމެކެވެ. މޮރޮކޯއާ ނުލައިވެސް އަލްޖީރިއާއަށް ފާގަތިކަން ހޯދޭނެއެވެ. އެއީ ތެދެކެވެ. ވަސީލަތްވެސް އެބަހުއްޓެވެ. އަލްޖީރިއާއަކީ ހުރިހައި ގޮތަކުންވެސް މޮރޮކޯއަށްވުރެ ބިޔަ ގައުމެކެވެ. ގައުމުގެ ބިން މޮރޮކޯއަށްވުރެ ހަތަރުގުނަ ބޮޑެވެ. އާބާދީބޮޑީވެސް އަލްޖީރިއާގައެވެ. ގުދުރަތީ މުއްސަނދިކަން އިތުރުވެފައި ބޮޑު އިގްތިސާދެއް އޮތީވެސް އަލްޖީރިއާގައެވެ. ޖީޑީޕީގެ ނިސްބަތްވެސް މޮރޮކޯއަށްވުރެ ގާތްގަޑަކަށް ދެގުނަ މައްޗެވެ.