އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ފަންޑުގެ ދަށުން އިތުރު ދެ މީހަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ އާއި އިންޑިއާގެ އެސްޓާ މެޑިސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިވީއެފް ފަންޑަކީ މާލީ ދަތިކަމާހުރެ އައިވީއެފް ހެދުމުގެ ފުރުސަތު ލިބިފައި ނުވާ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވި ފަންޑެކެވެ.
ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީން ބުނީ އެ ފަންޑުގެ އެހީގައި ކޮންމެ އަހަރަކުވެސް ދެމަފިރިއަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދޭނެ ކަމަށެވެ. އެގޮތުން އެ ފަންޑަށް އެހީ ލިބިފައިވާ ވަރަށް ބަލައި، މި އަހަރު ފަސް ދެމަފިރިއަކަށް މި ފުރުސަތު ފަހިކޮށްދޭން ނިންމާފައިވާ ކަމަށް ބުންޏެވެ.
އެ ފަންޑުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު މި އަހަރުގެ ޖޫން މަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
އައިވީއެފް ފަންޑަށް އުމުރުން 25 އަހަރުވެފައިވާ މަދުވެގެން ދެ އަހަރު ދުވަސްވަންދެން ކައިވެނިކޮށްގެން އުޅޭ ދެމަފިރިންނަށް ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލައިފައެވެ. އުމުރުން 25 އަހަރު ނުވިޔަސް ސިއްހީ ހާލަތަށް ބަލާފައި ފުރުސަތު ދިނުމަށް އެ ކޮމިޔުނިޓިން ވަނީ ނިންމާފައެވެ. މި ގުރުއަތުން ހޮވޭ ފަރާތްތައް ފަންޑަށް އެވޯޑު ކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެ ކަމަށް އެ ކޮމިޔުނިޓީން ވަނީ ބުނެފައެވެ. އެޕްލިކޭޝަން ފީއެއްގެ ގޮތުގައި 200 ރުފިޔާ ދައްކަންޖެހެއެވެ.