އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރު ދިން މައްސަލައިގައި ހައްޔަރުކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން "ވަން" އަށް މިރޭ ބުނީ އައްބާސްގެ ބަންދު މުރާޒާ ކުރަން ކުރިމިނަލް ކޯޓުން ހާޒިރުކުރުން، ކޯޓުން ވަނީ އޭނާ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް އަމުރުކޮށްފައި ކަމަށެވެ. އެއީ ކޮން ޝަރުތުތަކެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އައްބާސް ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އޭނާ ބަންދުކުރީ ފަސް ދުވަހަށެވެ. އޭގެ ފަހުން ބަންދަށް ހަތް ދުވަސް އިތުރުކުރިއެވެ.

އިންޑިއާ ހައި ކޮމިޝަންގައި ހުޅުޖަހަން ހިތްވަރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަން ސިޔާސީ ޕާޓީތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ.

މީގެ ކުރީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ވެސް އައްބާސް ވަނީ ހިތްވަރު ދެއްވައިފައެވެ.