ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ، އަދި ދިވެހި ބަހަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަބްދުﷲ ސޯދިގު (ސޯދުބެ) 88އ، އެންމެ ދެކެން ބޭނުންފުޅުވި އެއް ދުވަހަކީ ހަގު ދަރިފުޅު ރައުފަތު ސޯދިގު ޒަވާޖީ ހަޔާތެއް ފައްޓަވާނެ ދުވަހެވެ. އެ ދުވަހުގެ އުފަލުގައި ބައިވެރިވުމެވެ.
އެހެން ހުއްޓާ އެ އުފާވެރި ހަބަރު ލިބިވަޑައިގަތެވެ. އޭރު ބަލިހާލަތުު ހުރި ގޮތުން އެއްތަނުން އަނެއްތަނަށް ގޮސް އުޅުން ސޯދުބެއަށް ދަތިފުޅެވެ. ނަމަވެސް ދަރިފުޅުގެ ކައިވެނި އޮތް ދުވަހު، ބަލި އެނދުގައި އޮންނަވާކަށް ސޯދިގު ބޭނުންފުޅެއް ނުުުުވިއެވެ. އެކަމަށް ވިސްނައި ރައުފަތުވެސް ފުރަތަމަ ނިންމީ ގޭގައި ކައިވެނި ސައި ބޭއްވުމަށެވެ. ނަމަވެސް ކައިވެންޏަށް ދެ ހަފުތާ ވެފައި އޮއްވައި އޮކްސިޖަން މަދުވެ، ސޯދުބެ ހާލު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓްވާން ޖެހިވަޑައިގަތެވެ.
ރައުފަތު "ވަން" އަށް ބުނި ގޮތުގައި އެންމެ ތުއްތު އިރުން ފެށިގެން ގޮސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަސް ބައްޕައަށް ދެއްކުމަކީ އޭނާގެ ހުވަފެނެކެވެ. އެހެންވެ ރައުފަތު ނިންމީ އޭނާގެ ކައިވެނި ހަފުލާ ބައްޕާފުޅު އެޑްމިޓް ކޮށްފައި އޮތް ހޮސްޕިޓަލުގައި ބޭއްވުމަށެވެ. އެ ހުއްދަ އައިޖީއެމްއެޗުން ލިބުމުން، ރައުފަތައި އޭނާގެ ހަޔާތުގެ ބައިވެރިޔާ، ޝުހުދާ އަބްދުއްލަތީފުގެ ކައިވެނި މިދިޔަ މަހުގެ 13 ވަނަ ދުވަހު ކުރީ ބަލި އެނދުގައި އޮތް ސޯދުބެގެ ކުރިމަތީގައެވެ.
"ކައިވެނިކުރަން އުޅޭ ވާހަކަ ވަރަށް ކުރީއްސުރެ ބައްޕަ ގާތު ނަންގަނެފައިވާނެ. ހޮސްޕިޓަލުގައި ގިނަ ދުވަސްވާނެކަން އެނގުނު ހިސާބުން އަޅުގަނޑުމެން ބައްޕައަށް ހުރިހާ ކަމެއް ކިޔާދެމުން ދިޔައީ. އެހެންވެ ވަރަށް އުފަލުން ހުންނެވީ" ރައުފަތު ބުންޏެވެ.
ހޮސްޕިޓަލުގައި ކުރި ކައިވެނީގެ ފޮޓޯއަކާއެކު މި މަހުގެ ތިން ވަނަ ދުވަހު ލިޔުއްވި ޝުކުރުގެ ޕޯސްޓެއްގައި ސޯދުބެ ވިދާޅުވީ، އޭނާއަކީ ހަމަ ޔަގީނުންވެސް އައިޖީއެމްއެޗުން ގަވާއިދުން ހިދުމަތް ހޯއްދަވާ ބޭފުޅަކަށްވާތީ ކަސްޓަމަރު ޑިސްޓައުންޓް ލިބެންޖެހޭ ބޭފުޅެއްކަން ޔަގީންވެއްޖެ ކަމަށެވެ. އަދި އެ ވޯޑުގައި ނުބާއްވާ ކޮޓަރިއެއް އަދި ފަރުވާ ނުދެއްވާ ޑޮކްޓަރަކާއި ނަރުހެއްވެސް މަދުވާނެ ކަމަށާއި ނަމަވެސް ކިތަންމެ ގިނައިން އެޑްމިޓްކޮށް ފަރުވާ ހޯއްދެވިޔަސް އެހެން ފަހަރުތަކާއި މިފަހަރު ހިލާފު ކަމަށެވެ.
"އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު ވެގެން މި ދިޔައީ މުޅީން ތަފާތު ގޮތަކަށެވެ. ތާ އަބަދު ހަނދާނުގައި ކަނޑައި ނެގިފައިވާ ފަހަރަކަށެވެ. އަޅުގަނޑުގެ ދަރިފުޅުގެ ކައިވެންޏަށް ދެ ހަފުތާއަށް ވެފައި އޮއްވާ ހާލު ދެރަވެގެން މިކޮޅަށް (އައިޖީއެމްއެޗަށް) ގެނައި އިރުއްސުރެ މިއަދާ ހަމައަށް ތިޔަ ހިދުމަތްތެރިން ކޮށްދެއްވި މިންނެތް މަސައްކަތަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ހިދުމަތެކެވެ. މިއީ އުމުރުން މިހާ ހިސާބަށް އާދެވުނު އިރުވެސް ނުފެންނަ އޯގާތެރިކަމެއް ފެނިގެންދިޔަ ފަހަރެކެވެ،" ސޯދުބެ ވިދާޅުވިއެވެ.
ސޯދުބެ ވިދާޅުވި ގޮތުގައި، ދަރިފުޅުގެ ކައިވެނީގެ އުފަލުގައި ބައިވެރިވެވުނީ އައިޖީއެމްއެޗުގެ ހިދުމަތްތެރީންގެ ސަބަބުންނެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވީތީ ސޯދުބޭގެ ހިތުގެ ޝުކުރު އައިޖީއެމްއެޗަށް ވަނީ ބަންޑުންކޮށްލައްވައިފައެވެ.
"..ތިޔަ ދެއްވި ފަރުވާގެ އިތުރަށް އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅުގެ ކައިވެނިވެސް މި ތަނުގައި ކުރުމަށް މަގުފަހިކޮށްދެއްވިކަމަށްޓަކައި ހޮސްޕިޓަލްގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ޝުކުރު ދަންނަވަމެވެ. އެ ދުވަސްވެސް ފެނި، އެ އުފަލުގައި ބައިވެރިވެވުނީވެސް ތިޔަ ހިދުމަތްތެރިންގެ ސަބަބުންނެވެ. އަޅުގަނޑުވީ އުފަލެއް މިފަދަ ލިޔުމަކުން ބަޔާންކުރައްވާނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ" ސޯދުބޭގެ ޕޯސްޓުގައިވެއެވެ.
"މިއަދު ހެޔޮ ހާލުގައި މި ހުރެވެނީ، ﷲގެ ރަހުމަތްފުޅާ އެކު ތިޔަ ނަރުހުންގެ ހިދުމަތާއި ޑޮކްޓަރުންގެ މަސައްކަތުންނެވެ. ތިޔަ ހިދުމަތްތެރިންގެ ސަބަބުންނެވެ." ސޯދިގުގެ ދިގު ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.