ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރަށް ފަހު ގާނޫނުއަސާސީ ބަދަލު ކުރައްވައިގެން ތިން ވަނަ ދައުރަކަށް ވެސް ކުރިމަތިލައްވަފާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި، ބ. ހިތާދުއަށް ވަޑައިގެން އެރަށުގައި ތިއްބެވި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ، ދެ ބޭފުޅުންގެ މެދުގައި ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، އެ ވާދަވެރިކަމުގެ ތެރެއިން ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް އެމަނިކުފާނުގެ އިސްތަށި ފުޅުގައި އަޅުއްވަމުންނެވެ.

ހިތާދޫގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ރައީސް ސޯލިހު ނެރުނީ 18 މަސް ދުވަހުގެ މުއްދަތަށް ވެރިކަން ކުރައްވާގޮތަށް ކަމަށާއި އެވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައިވެސް ލިޔެފައިވާނެ ކަމަށެވެ. ނަމަވެސް 18 މަސް ދުވަހަށްފަހު ދެން އެމަނިކުފާނު ޖެހޭނީ އިސްތިއުފާދެއްވަން ކަމެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، 18 މަސްދުވަހުގެ މުއްދަތަކަށް ވެރިކަމަށް ގެންނެވުމުން، ވެރިކަމުގެ ފުރަތަމަ ދައުރު ފުރިހަމަ ކުރައްވައި ރައީސް ސޯލިހު ގެންދަވަނީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވަމުން ކަމަށެވެ. އަދި ދެވަނަ ދައުރު ނިންމަވައިފައި ގާނޫނުއަސާސީ ބަދަލު ކުރައްވައި ވެރިކަމުގެ ތިންވަނަ ދައުރެއްގެ ވާހަކަ އެމަނިކުފާނު ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިންގާ ކޯލިޝަނުގައި ހިމެނޭ ލީޑަރުން 2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެނޑިޑޭޓެއް ނެރެން އެއްބަސްވީ، އެބޭފުޅުން ބަންދުގައި ޖަލުގައި ތިއްބެވުމުން ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި އެމަނިކުފާނަށްވެސް ނުނިކުންނެވުނީ، އޭރު ބަންދުގައި ރާއްޖޭން ބޭރުގައި ހުންނެވުމުން ކަމަށެވެ.

"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑު ދެން ރައީސް ސޯލިހު ވެރިކަމުން ބާލަންވެސް ހަމައުޅޭނީ އަޅުގަނޑު. އަޅުގަނޑު އެކަން ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް، އެމްޑީޕީއަށް ކާމިޔާބުކޮށް ނުދެއްވޭނެ ކަމަށެވެ.

"ބައިވަރު ސަބަބު އެބަހުރި، އެތައްމިތަނުން އެބަބުނޭ ދެން އަންނި ބުންޏަސް އޭނައަކަށް ވޯޓެއް ނުދޭނަމޭ،"

ވެރިކަން ހިނގާ ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ލީޑަރުން މިހާރު ތިއްބެވީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ނޫން ކަމަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ފިޔަވައި، ޖުމްހޫރީ ޕާޓީންނާއި އެހެންވެސް ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާނު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓު ބޮޑުތަނުން ކާމިޔާބު ކުރައްވައި، "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ވެސް، އެމްޑީޕީގެ ޓިކެޓް ހިފައިގެންވެސް އަޅުގަނޑު އަދި ހިތާދުއަށް އަންނާނަން،" ކަމަށެވެ.