ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނެވީ އެމަނިކުފާނު ކަމަށާއި ރައީސް ސޯލިހު ވެރިކަމުން ބާލާނީވެސް އެމަނިކުފާނު ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު ބ. ހިތާދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، އެމްޑީޕީއާއެކު ކޯލިޝަން ހެދި ފަރާތްތަކުން އެއްބަސްވީ އެމްޑީޕީގެ ކެނޑިޑޭޓެއް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ކަމަށެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރައްވާނެ ކެނޑިޑޭޓެއް އެބޭފުޅުން ނުނިންމަވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓެއް ވާދަ ކުރެއްވުމަށް އެބޭފުޅުން އެއްބަސްވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ބަންދުގައި ހުންނެވުމުން ކަމަށެވެ. ނަމަަވެސް އެމްޑީޕީގެ ކެނޑިޑޭޓެއް ވާދަކުރައްވަން ނިންމެވި އިރު، އެމަނިކުފާނު ހުންނެވީ ރާއްޖެ ނާދެވޭގޮތަށް ރާއްޖޭން ބޭރު ގައުމެއްގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން 2018 ގެ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނެރުއްވީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑު ދެން ރައީސް ސޯލިހު ވެރިކަމުން ބާލަންވެސް ހަމައުޅޭނީ އަޅުގަނޑު. އަޅުގަނޑު އެކަން ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ނެރުއްވުމަށް ނިންމެވީ 18 މަސްދުވަހު ވެރިކަން ކުރައްވާ ގޮތަށް ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯގައި އެވާހަކަ ލިޔެފައި އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ސޯލިހު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިންމަވައި، މިހާރު އެ އުޅުއްވަނީ ދެވަނަ ދައުރަށް ކުރިމަތި ލައްވައިގެން ކަމަށާއި ގާނޫނުއަސާސީއަށް ބަދަލު ގެންނަވައި، ތިންވަނަ ދައުރަކަށްވެސް އެމަނިކުފާނު ކުރިމަތި ލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.