ޚަބަރު

ޑީކޯ ވާ މީހުންނަށް ފަރުވާ ދޭން އޭޑީކޭގައި ހައިޕަބެރިކްގެ ދެ ޗެމްބަރު ބަހައްޓައިފި

ރިފާ ހަލީލު

ރާއްޖޭގެ ހޮސްޕިޓަލެއްގައި އެންމެ ފުރަތަމަ ގާއިމުކުރި ހައިޕަބެރިކް ޓްރީޓްމެންޓް ޔުނިޓް އޭޑީކޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޔުނިޓު ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ، މިފަދަ ޔުނިޓެއް އޭޑީކޭގައި ގާއިމުވެގެން ދިޔުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި މިއީ އޭޑީކޭއިން މަންފާއެއް ހޯދުމަށް ކުރިކަމެއް ކަމަށް ނުދެކޭ ކަމަށާއި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރި ކަމެއް ގޮތުގައި ދެކޭ ކަމަށެވެ.

"ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ބަލާލަން އަންނަ ފަތުރުވެރިން މަދެއް ނޫން. ފީނަން ހާއްސަކޮށް އެބައާދޭ ވަރަށް ގިނަ ފަތުރުވެރިން. ފީނާއިރު ދިމާވާ ހާދިސާތަކުގައި ފަރުވާ ލިބޭނެ ފަދަ ވަސީލަތެއް ގާއިމުވެ ހުރުން ވަރަށް މުހިންމު. ޑައިވަރުންގެ ސޭފްޓީއަކަށް ދޭ ހިދުމަތެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑަށް ހައިޕަބެރިކް އޮކްސިޖެން ޗެމްބާސްތައް ސިފަވީ ހީލިން މެޝިނެއް ގޮތަށް،" އޭނާ ވިދާޅުވިއެވެ.

އޭޑީކޭގައި ހައިޕަބެރިކް ދެ ޗެމްބާއެއް ގާއިމުކޮށްފައިވާ އިރު، އެކަމަށް ހާއްސަކޮށް ތިން ޑޮކްޓަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އެ ޔުނިޓުގައި މަސައްކަތް ކުރުމަށް ނަރުހުންނަށްވެސް ވަނީ ހާއްސަ ތަމްރީނުތަކެއް ދީފައެވެ.

މި ޗެމްބާސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބުދުﷲ ނިޔާފް ވިދާޅުވީ މިފަދަ ޗެމްބަރެއް ހޮސްޕިޓަލެއްގައި ގާއިމުވެގެން ދިޔުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ޑރ. ނިޔާފް ވިދާޅުވީ ހައިޕަބެރިކް ތެރަޕީގެ ހިދުމަތް ދޭނީ ހަމައެކަނި ފީނައިގެން ލިބޭ އަނިޔާތަކަށް ނޫން ކަމަށެވެ. އެގޮތުން ހަކުރު ބަލީގެ ސަބަބުން ނުވަތަ އެނޫންވެސް ބައްޔެއްގެ ސަބަބުން ހަށިގަނޑުގައި އުފެދިފައި ހުންނަ ފާރުތަކާއި އިންފެކްޝަންތަކާއި ކުއްލިއަކަށް ފެނުން ގެއްލޭ މީހުންނާއި އަޑު އިވުމުން މަހުރޫމްވާ މީހުންނަށްވެސް މި ޗެމްބަރުން ތެރަޕީ ދޭނެ ކަމަށް ވިދާޅުވިއެވެ.

ހަތަރު ރިސޯޓެއްގައި މި ވަގުތު ޑީކޮމްޕްރެޝަން ޗެމްބަރު ހުރިއިރު، އެ ޗެމްބާސްތަކުން ފަރުވާދެމުން ދިޔައީ ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ޑީކޯ ވާ މީހުންނަށެވެ.