ކ. މާފުށިން އަލަށް ހިއްކި "އާ މާފުށި" އިން އަންނަ މަހު ގޯތި ދޫކުރަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު "ވަން" އަށް މިއަދު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ނިންމައި އަންނަ މަހު ގޯތި ދޫކުރަން ފަށާނެ ކަމަށެވެ.
ސޮލާހު ކުރިން ވިދާޅުވެފައިވަނީ މާފުށީ ހިއްކި ބިމުން 312 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޯތިތަކުގެ ތެރޭން 306 ގޯތި ރައްޔިތުންނަށް ހިލޭ ދިނުމަށް ފަހު ހަ ގޯއްޗެއް ވިއްކާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ސޮލާހު ވިދާޅުވެފައިވަނީ، ރައްޔިތުންގެ އެދުމުގެ މަތިން، ގޯތީގެ ސައިޒު 1،500 އަކަފޫޓުން 2،000 އަކަފޫޓަށް ބޮޑުކޮށްދީފައިވާ ކަމަށެވެ. އަދި "އާ މާފުށިން" ދޫކުރާ ގޯތިތަކުގައި އިމާރާތްކުރުމުގައި ކޮންޓްރޯލްތަކެއް ގެންގުޅެން ވިސްނަވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ހިއްކި ބިމުން ދޫކުރާ ގޯތިތަކުގައި އިމާރާތްކުރާ އިމާރާތްތަކުގެ އުސްމިން ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރަން. އެގޮތުން ތިން ބުރިއަށް ނުވަތަ ހަތަރު ބުރިއަށް އުސްކުރެވޭ ގޮތަށް" ސޮލާހު ވިދާޅުވެފައިވެއެވެ.
އާ މާފުށީގެ 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު