އަންނަ މަހު ތައިލެންޑްގައި އޮންނަ އޭސީސީ 50 އޯވަރުގެ މުބާރާތަށް ދިވެހި ކްރިކެޓް ޓީމް ތަމްރީނުވަމުންދާ އިރު، އެ ތަމްރީނުތަކުގައި އިތުރު ހިތްވަރެއް ދިނުމަށް މިއަދު ވަނީ ހާއްސަ މެހެމާނަކު ބައްދަލު ކޮށްފައެވެ. ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، ޕާކިސްތާނުގެ ކުރީގެ ކެޕްޓަން ވަސީމް އަކްރަމެވެ. ޕާކިސްތާން އެމްބަސީގެ ބޭފުޅުންނާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލާފާވެސް އެކު ވަސީމް ދިވެހި ކްރިކެޓް ޓީމާ ބައްދަލުކުރީ މިއަދު އެކުވެނީގައެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ވަސީމް މާލެ އައިސް ޓީމާ ބައްދަލުކުރީ މަހްލޫފްގެ ހާއްސަ ދައުވަތަކަށެވެ. ވަސީމް ޓީމާ ބައްދަލުކޮށް ފުރަތަމަވެސް ފާހަގަކުރި ކަމަކީ ރާއްޖޭގެ ކްރިކެޓް ޕިޗްގެ ވާހަކައެވެ. ސިމެންތި ޕިޗެއްގައި ފަރިތަކޮށް، މުބާރާތަށް ގޮސް ޓާފް ޕިޗެއްގައި ކުޅެން ޖެހޭ ޖެހުމަކީ އުނދަގޫވާނެ ކަމެއް ކަމަށް ވަސީމް ވަނީ ފާހަގަ ކޮށްފައެވެ.

"މިއީ ސިމެންތި ޕިޗެއްދޯ؟،" ވަސީމް މިއަދު ފުރަތަމަވެސް އެ ސުވާލުކުރިއެވެ. "ހަނދާން ކުރާތި. މުބާރާތަށް ގޮސް ކުޅޭއިރު އެތާ އޮންނަ ޕިޗު، ތިޕިޗާ ވަރަށް ބޮޑަށް ތަފާތު ވާނެ. ބޯޅައިގެ މިސްރާބަށް ބަދަލު އަންނާނެ،" ވަސީމް ބުންޏެވެ.

ރާއްޖޭގެ ކްރިކެޓަށް އޮތް އެންމެ ބޮޑު މައްސަލައަކީވެސް ހަމަ އެކަނި ސިމެންތި ޕިޗެއް އޮތުމެވެ. މިވަގުތު މިނިސްޓްރީ އާއި ކްރިކެޓް ބޯޑު ގުޅިގެން ފުވައްމުލަކުގައި ޓާފް ޕިޗެއް އަޅަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މިވަގުތަށް ގައުމީ ކްރިކެޓް ޓީމަށް ޓާފް ޕިޗެއް ހޯދަން ދާން ޖެހެނީ އެހެން ގައުމަކަށެވެ.

ކްރިކެޓް ޓީމުން މަދުމަދުން ފުރުސަތު ހޯދައި، ޓާފް ޕިޗްތަކުގައި ކުޅުމަށް މިދިޔަ އަހަރުވެސް ބައެއް މުބާރާތްތަކަށް ގޮސްފައިވާ އިރު، ވަސީމްގެ ނަޒަރުގައި ޓީމަށް ރަނގަޅު ކޭމްޕެއް ދޭންވެސް ޖެހެއެވެ.

"ނުވަދިހަ ދެވަނަ އަހަރުގެ ވޯލްޑް ކަޕަށް އިމްރާން އަހަރެމެން ގެންދިޔަ އެއް މަސް ކުރިން. ބޭނުންވީ މުބާރާތުގެ ވީހާވެސް ކުރިން މާހައުލަށް ހޭނިލުން،" ކޭމްޕް ކުރުމާއި ޓީމު އެކުވެ، މާހައުލަށް ފައްކާވުމަށްޓަކައި އޭނާ ޕާކިސްތާނާއެކު ކަންކަން ކުރި ގޮތްތައް ބުންޏެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާން ހާނަކީ އެގައުމުގެ ކްރިކެޓްގައި އެންމެ އިހުތިރާމް ލިބިވަޑައިގެންފައިވާ އެއް ބޭފުޅެވެ. އިމްރާނަކީ ވަސީމްގެވެސް އެންމެ ބޮޑު އެހީތެރިޔާވެސް މެއެވެ. ވަސީމްގެ ހުނަރު އެންމެ ޅަދުވަހު ހޯދައި، އޭނާއަށް ހަގީގީ ކްރިކެޓް ދައްކުވައިދެއްވީ އިމްރާނެވެ. ވަސީމްގެ ކެރިއަރުގައި، އުމުރުން 30 ހިސާބުގައި ހަކުރު ބަލީގެ ކަންކަމާ ކުރިމަތިގައި އުނދަގޫ ހާލަތްތަކެއް ތަހައްމަލު ކުރި އިރުވެސް އެންމެ ގާތުގައި ހުންނެވީ ކެޕްޓަން އިމްރާނެވެ.

ރިވާސް ސްވިންގް ބޯޅައިގެ "ފަންޑަރު"ގެ ގޮތުގައި ބައެއް މީހުން ސިފަކުރާ ވަސީމަކީ އޯޑީއައި ކްރިކެޓްގައި ފުރަތަމަ 500 ވިކެޓް ހަމަކުރި އުކުންތެރިޔާއެވެ. ވިސްޑެންއިން އިއުލާންކުރި ތާރީހުގެ އެންމެ މޮޅެތި އުކުންތެރިންގެ ލިސްޓްގެ އެއްވަނައިގައި ވަސީމް ހިމަނާފައިވާ އިރު، އޭނާއަކީ އައިސީސީގެ ކްރިކެޓް ހޯލް އޮފް ފޭމްގައި ހިމެނުނު ކުޅުންތެރިޔެކެވެ.

ޓެސްޓް މެޗުތަކުގައި އެކަނިވެސް 400 އަށްވުރެ ގިނަ ވިކެޓް ނަގާފައިވާ ވަސީމަކީ ޕާކިސްތާނުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު އުކުންތެރިޔާއެވެ. ވޯލްޑް ކަޕްގައި 55 ވިކެޓް ނަގާފައިވާ ވަސީމްގެ އެ އަދަދަކީ 2007 ވަނަ އަހަރާ ހަމައަށް ދެމިއޮތް ވޯލްޑް ކަޕްގެ އެންމެ ގިނަ ވިކްޓް ނެގި ކުޅުންތެރިޔާގެ ރެކޯޑެކެވެ.

ހާހަކާ ގާތް ކުރާ އަދަދަށް ވަސީމް މެޗު ކުޅެފައިވާ އިރު، އޭނާ ވަނީ ޕާކިސްތާނާއެކު 1992 ވަނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ޓެސްޓް މެޗުތަކުގައި އެކަނިވެސް 22،000 އަށްވުރެ ގިނަ ބޯޅަ އުކާފައިވާ ވަސީމް މިއަދު ދިވެހި ކުޅުންތެރިންނަށް ދިން އެންމެ އަގު ބޮޑު ނަސޭހަތަކީ ފަރިތަކުރުމަށް ހޭދަކުރަން ޖެހޭ މިންވަރަށް ބުނި ބަހެވެ.

"އަހަރެން ކުޅުނު އިރު، އެތައް ގަޑިއިރެއް ވަންދެން އުކަން. ގިނައިން ފަރިތަކުރި ވަރަކަށް މޮޅުވާނީ. އަހަރެން ކެރިއަރުގައި އުކީ ކިތަށް އޯވަރުކަން އެނގޭތަ؟ އަހަންނަށް އެކުނު 80،000 އަށްވުރެ ގިނަ އޯވަރު. މި ބުނަނީ ޕްރެކްޓިހާއި ދައްކާލުމުގެ މެޗުތައް ނުހިމަނައި ހަމައެކަނި ވާދަވެރި މެޗުގައި އުކި ވަރު،" ވަސީމް ބުންޏެވެ.

ވިސްޑެންއިން ނެރެނު ކްރިކެޓްގެ އޯލް ޓައިމް އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ވަސީމަކީ އަމިއްލަ ހަޔާތުގެ މައްޗަށް ބިނާކޮށް ދެ ފޮތެއްވެސް ނެރެފައިވާ ކާމިޔާބު އެތުލީޓެކެވެ. އެ ފޮތްތަކުގައި އޭނާގެ ކާމިޔާބީތަކާއި އަނދިރި ބައެއް ވާހަކަތައްވެސް ހިމަނާފައިވާ އިރު، ކްރިކެޓް ކެރިއަރު ފަހުން ކޯޗުކަން ކޮށްދީ، އެކަމުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވި ހިފައި، އެކަމުން ނުކުތުމަށް މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް އެއް ފޮތުގައި ބުނެފައިވެއެވެ.

"ދެން ފަހަރަކު އިރާދަކުރެވިއްޔާ ތިކުޅުންތެރިންނާއެކު އަހަރެން ޕްރެކްޓިސް ސެޝަނެއްގައި ބައިވެރިވާނަން. މިއީ ވައުދެއް،" ވަސީމް މިއަދު ބުނެފައިވެއެވެ.

ވަސީމަކީ ކުޅުންތެރިއެއްގެ ކެރިއަރަށްފަހު ކޯޗުކަންވެސް ކޮށްދިން އެތުލީޓެކެވެ. އެގޮތުން އޭނާ ވަނީ ޕާކިސްތާނު ސުޕަ ލީގުގެ އިސްލާމް އާބަދު ޔުނައިޓެޑްގެ ބޯލިން ކޯޗަކަށާއި އިންޑިއަން ޕްރިމިއާ ލީގުގެ ކޮލްކަތާ ނައިޓް ރައިޑާސްގެ ކޯޗަކަށްވެސް ފަހުން މަސައްކަތް ކޮށްފައެވެ.