ޓެކްސީ ޑްރައިވަރުން އަތުން ޓެކްސީ އަތުލުމަކީ ހައްލެއް ނޫން ކަމަށާއި އެ މަނިކުފާނުގެ ވެރިކަމެއްގައި ޓެކްސީ ޑްރައިވަރުންނަށް އިންސްޓޯލްމަންޓަށް އާ ޓެކްސީ ހޯދައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ، ޓެކްސީ ޑްރައިވަރުންގެ އަތުން ޓެކްސީތައް ސަރުކާރަށް ގަނެ، ޑްރައިވަރުންނަށް އެހެން ގޮތެއް ހަމަޖައްސައިދޭން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެ، ރިޔާސީ ޕްރައިމަރީގެ ވާދަވެރިޔާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ރައްދުދެވަމުންނެވެ.
"އަޅުގަނޑު ތަފާތެއްގެ ގޮތުގައި ހުށަހަޅާ ސިޔާސަތަކީ ޓެކްސީ ސަރުކާރަށް ގަނެ އަދި ޓެކްސީ ޑްރައިވަރުން އެހެން ހުނަރެއް ހޯދައިދީ އެ ޑްރައިވަރަކަށް ބަސް ކުންފުނިން ވަޒީފާއެއް ދިނުން." ކެމްޕެއިން އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ބ. އޭދަފުށީގައި މިއަދު ބޭއްވި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، އަމިއްލަ މީހުންގެ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމަކީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، ހަމަ އެ ބޭފުޅާ އަމިއްލަ މީހުން ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަވެސް ދައްކަވަމުން ގެންދަވާ ކަމަށެވެ.
"މާލޭގެ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށް ސަރުކާރަށް ތިމަންނަމެން ޓެކްސީތައް ނަގާނަމޭ މި ވިދާޅުވަނީ، ކޮންބައެއްގެ ވިޔަފާރީގެ ވާހަކަތޯ މި ދައްކަވަނީ. ވަކިވަކި އިންޑިވިޖުއަލުން ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަ. ސަރުކާރުންނޭ ދެން ޓެކްސީ ދުއްވާނީ، ޓެކްސީ ޑްރައިވަރުންނަށް ތިމަންނަމެން ވަޒީފާ ދޭނެއޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެއީ އެކަންކުރާ ގޮތް ނޫން ކަމަށާއި އެކަން ކުރަންޖެހޭ ގޮތަކީ ސަރުކާރުން ޓެކްސީ ގަނެ، ދިގު މުއްދަތުން ފައިސާ ދެއްކޭ ގޮތަށް ޓެކްސީ ޑްރައިވަރުންނަށް އާ ކާރު ވިއްކުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންގެ ޕްލޭންގައިވެސް އޮތް ކަމެއް، މި އަހަރުގެ ތެރޭގައި އެގޮތަށް އަޅުގަނޑުމެން ޓެކްސީ ރާއްޖެއަށް ގެނެސް މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށް ދިގު މުއްދަތުން ހަލާސްކުރާ ގޮތަށް ކާރުތައް އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު