އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕީޕީއެމް އޮފީސް ސަރަހައްދުގައި ރޭ ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ކަންބޮޑުވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ދުވަސްވީ އަންހެނެއްގެ ފަހަތުން ތިން ފުލުހަކު ގޮސް އޭނާ ހައްޔަރުކުރާ މަންޒަރެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ އަތުގެ ކުޑަހުޅު އަނބުރައިލުމަށް ފަހުއެވެ.
އެ ވީޑިއޯ އާއްމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދުވަސްވީ މީހާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތް ބަލަމުން އަންނަ ކަމަށެވެ.
އިދިކޮޅު މުޒާހަރާގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރުމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓުވީޓެއްގައި ވަނީ، ފަހަތުން ދުވެގޮސް ޝުއޫރުފާޅުކުރާ އުމުރުން ދުވަސްވީ އަންހެން ބޭފުޅުން ހިފައި ހައްޔަރުކުރަންވީ ސަބަބަކީ ކޮބައިތޯ އައްސަވައިފައެވެ. އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝުއޫރެއް ފާޅުކޮށްލީތީ މުސްކުޅި އަންހެނެއް ފަހައި ދުވެގެން ހިފައި ހައްޔަރުކުރާނީ ވަރަށް ބަލިކަށި ވީމަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު