ގދ. ފިޔޯރީ ސްކޫލްގައި މިއަދު އަލިފާން ރޯވެ، ވަރަށް ބޮޑަށް ގެއްލުންވެފައިވާތީ، އެ ސްކޫލްގެ ކިޔެވުން ހުއްޓާ ނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަދު 4:45 އެހާކަންހާއިރު ފިޔޯރި ސްކޫލުގެ ހޯލުގައި ހުންނަ ކަރަންޓް ޑިސްޓްރިއުބިޝަން ފޮއްޓެއްގައި ރޯވެ އެ ސްކޫލުގެ ހޯލު ވަނީ ވަރަށް ބޮޑަށް އަދައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސްކޫލު ބަންދު ވަގުތެއްގައި ކަމަށާއި އަދި އެ ހާދިސާގައި އެއްވެސް ދަރިވަރަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި ބުނީ، އަލިފާން ރޯވި އިމާރާތުގައި ފަސް ކްލާސްރޫމް ހުންނަ ކަމަށާއި އޭގެ ތެރެއިން ދަރިވަރުން ކިޔަވަމުންދަނީ ތިން ކްލާސް ރޫމެއްގައި ކަމަށެވެ.
"ކިޔެވުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ އިންތިޒާމު މިނިސްޓްރީ އާ ސްކޫލްއާ ގުޅިގެންދަނީ ހަމަޖައްސަމުން،" އެޑިއުކޭޝަނުން ބުންޏެވެ.
އަލިފާން ރޯވާން ޖެހުނު ސަބަބު ދެނެގަތުމަށް އެމްއެންޑީއެފާއި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
ފިޔޯރި ކައުންސިލްގެ މެމްބަރު މުހައްމަދު ޝަހުމަތު "ވަން" އަށް މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާގެ ހިނގައިގެން ސްކޫލަށް ދިޔައިރު، އެތެރެއަށް ނުދަދެވޭ ވަރަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށާއި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށެވެ.
ފިޔޯރި ސްކޫލުގައި ރޯވެފައިވާ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަލިފާން ނިއްވުމުގައި އެރަށު ފުލުހުންނާއި އާންމު ރައްޔިތުން ވަނީ ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން "ވަން" އަށް ބުނީ، ފިޔޯރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެރަށަކީ އެމްއެންޑީއެފުގެ ޕޯސްޓެއް ހުންނަ ރަށެއް ނޫން ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެ އިދާރާގެ ފަޔާ އެންޑް ރެސްކިޔު ޓީމަކުން މިހާރު އެރަށަށް ދަތުރު ކުރަމުންދާ ކަމަށާއި އެ ޓީމަށް ފިޔޯރިއަށް ދެވޭނީ 45 ވަރަކަށް މިނެޓް ފަހުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު