ފިނިހަކައަކާ ދިމާލަށް ބާރަށް ދުވާ އެއްޗެކޭ ނުބުނެވޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެ މަނިކުފާނު ވާދަވެރިޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މަލާމާތްކުރައްވައިފިއެވެ.

ރައީސް ނަޝީދު މިގޮތަށް މަލާމާތް ކުރައްވައި ރައްދު ދެއްވީ، ރިޔާސީ ޕްރައިމަރީއާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

"ފިނިހަކައަކާ ދިމާލަށް ހަމަ ބާރަށް ދުވާ އެއްޗެކޭ ނުބުނެވޭނެ، އެކަން ހަމަ އޮތް ގޮތަކީ އެއީ، ދެން އަޅުގަނޑެއް ނުވެއްދަންނަން މިކަން އެނޫން ގޮތަކަށް، ހަމަ ހުރީ މަޑު ދުވެލި،" ނަޝީދު ވިދާޅުވިއެވެ.

ކުދި ރަށްރަށާއި ބޮޑެތި ރަށްރަށް ތަފާތުނުކޮށް، ކަންތައް ކޮށްދިނުމަށް ރައީސް ސޯލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތައް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، އެއީ ކަންކަން ލަސްވުމުގެ ސަބަބެއް ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓަކީ ސަޕްލައި ސެންޓަރަކަށް ވުމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށާއި އެތަން ތަނަށް ބޮޑު އަހުމިއްޔަތުކަން ދީގެން ބާރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ތަސައްވަރެއް ނެތް، ވިޝަންއެއް ނެތް، ކިހިނެއްތޯ މި ރާއްޖެއަށް ހައްދަވަން އުޅުއްވަނީ، ކިހިނެއްތޯ މާދަން ވާނީ، އެރަަށް މި ރަށަށް އެއްގޮތޭ އެކައްޗެކޭ އެހެންވެގެން މިކަމެއްވާކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ވަނީ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓު ސައްހަ ނޫން ކަމަށާއި ޕްރައިމަރީގެ ކަންތައް ކުރިއަށް ގެންދިއުމާ ގުޅޭ ކޮމިޓީ ހޮވީ ރަނގަޅަށް ނޫން ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާއިރު، ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތަކުން ވޯޓުގެ ނަތީޖާ ގަބޫލުނުކުރައްވައި، އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުވަންތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ރައީސް ނަޝީދު ސީދާ ޖަވާބެއް ނުދެއްވައެވެ. ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ކުރުމާމެދު އެއްވެސް ޝައްކެއްވެސް ނެތް ކަމަށާއި ކެމްޕެއިންގައި އެ މަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށެއްގެ ތާއީދު އެބަ އޮތް ކަމަށެވެ.