އެމްޑީޕީގެ ޓިކެޓުގައި އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވަން މި މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ ޕްރައިމަރީ 60 ޕަސެންޓުން ކާމިޔާބު ކުރައްވާނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ކެމްޕެއިނާ ގުޅޭ މައުލޫމާތު ދިނުމަށް ކެމްޕެއިން އޮފީސް، ގ. ބޮޑުފެންވަޅުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ، 60 ޕަސެންޓާއި 70 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް އެ މަނިކުފާނަށް ވޯޓު ލިބޭނެ ކަމަށެވެ.
ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގެންފިނަމަ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ އަދި ޕްރައިމަރީއަށްފަހު ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕްރައިމަރީން ބަލިވުމަކީ ނުކުންނާނެ ނަތީޖާއެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ފަހަތަކަށް އެމްޑީޕީ އެއްވެސް މެންބަރަކު ނާރާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ރަށްރަށަށް ދިޔައިމަ ކުޑަހުވަދޫއަށް ދިޔައިމަވެސް ކޮންމެ ރަށަކަށް ދިޔައިމަވެސް އެބަ ބުނޭ ނުބުނައްޗޭ ދެން އިބޫއަށް ވޯޓު ދޭން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ބޮޑެތި ރަށްރަށާއި ކުދި ރަށްރަށުގެ މީހުންވެސް ތިބީ އެ މަނިކުފާނަށް ވޯޓު ދޭން ތައްޔާރަށް ކަމަށެވެ. އަދި ބޮޑެތި ރަށްރަށުގެ ރައްޔިތުން ތިބީ ރައީސް ސޯލިހާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު