އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައި، ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާއިރު، ރައިން މޭޓެއްގެ ގޮތުގައި ހަމަޖައްސަވާނީ އައްޑޫ ބޭފުޅެއްކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ރަނިންމޭޓަކާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނުގެ ރަނިން މޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށާއި އެއީ މުޅި ރާއްޖެ ތަމުސީލު ކުރެވޭ، ރަމްޒުވާ ބާވަތުގެ ބޭފުޅެއް ކަމަށެވެ.

"ދެން އަޅުގަނޑުވެސް އުމުރު ދޮށިވަމުން މިދަނީ. އެހެންވީމާ އަޅުގަނޑު އެބަދެކެން ޒުވާނުންގެ ހިއްސާ ވަރަށް ބޮޑުވާންޖެހޭ ކަމަށް، ދެން އަޅުގަނޑު އުއްމީދު ކުރަން އަޅުގަނޑުމެނަށް ކާމިޔާބު ރަނިން މޭޓަކާ އެކީގައި ކުރިއަށް ދެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، ޕްރައިމަރީން މޮޅުވާނެ ކަމަށާއި އެކަމާމެދު ޝައްކު ނުކުރައްވާކަން ތަކުރާރު ކުރައްވައިފައެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓުލާ އެންމެން ވިސްނާ ކަންތަކާ އެ މަނިކުފާނު ވިސްނަވާ ކަމަށްވެސް ވިދާޅުވިއެވެ.