ލައިފް ސްޓައިލް

އޯޓްސް ވަރެއް ނެތް، ގިނަ ފައިދާތަކެއް، ބޭނުން ގޮތަކަށް ތައްޔާރު ކޮށްލެވޭ

މަރިޔަމް ޝަފާ އިބްރާހިމް

ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އޯޓްސް އަކީ ސިއްހީ ގޮތުން އެތައް ފައިދާތަކެއް އެކުލެވޭ ބާވަތެކެވެ. ރާއްޖޭގެ މަޝްހޫރު ޑައެޓީޝަން، ޑޮކްޓަރު އާސިޔާ އަބްދުއްރަހީމުގެ ވީޑިޔޯއެއްގައި އޯޓްސް އާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ވަރަށް ތަފުސީލުކޮށް އޯޓްސް ބޭނުން ކުރާނެ ގޮތްތަކާއި ފައިދާތައް ވެސް ހިއްސާ ކުރައްވާފައި ވެއެވެ.

އެގޮތުން އޯޓްސް އަކީ ހަކުރު ވަކި ވަރެއްގައި ބެހެއްޓުމަށާއި ބަރުދަން ލުއި ކުރުމަށާއި ހާއްސަކޮށް ކޮލެސްޓްރޯލު ދަށްކުރުމަށް ވަރަށް ބޮޑު އެހީއެއް ވެދޭ އެއްޗެއް ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން އާސިޔާ ވިދާޅުވަނީ ކެންސަރުގެ ބަލިތަކުން ދިފާއު ވުމަށާއި ގޮހޮރުގެ ބަލިތަކުން ދިފާއު ވުމަށްވެސް އޯޓްްސްއަކީ ވަރަށް ރަނގަޅު އެއްޗެއް ކަމަށެވެ.

ކާގަޑި ތަކުގެ ތެރެއިން، ހެނދުނުގެ ނާސްތާގައި ވެސް އޯޓްސް ހިމަނައިލެވިދާނެ އެވެ. މެންދުރުގެ ކެއުމަށް އަދި ހަމަ ރޭގަނޑުގެ ކެއުމަށް ވެސް އޯޓްސް ބޭނުން ކުރެވިދާނެ ކަމަށް އާސިޔާ ވިދާޅުވެފައި ވެއެވެ. އެމީހަކަށް އެންމެ މީރު ގޮތަކަށް އޯޓްސް ތައްޔާރު ކުރެވިދާނެ އެވެ. އޯޓްސް ކިރާއެކު މޭވާގެ ބާވަތްތަކާއި ތަރުކާރީއާއި ބަދަނުގެ ބާވަތްތައް އަދި އޮށުގެ ބާވަތްތައް ވެސް އަޅައިގެން ބޭނުން ކުރެވޭނެއެވެ. ހަމަ އެހެންމެ ލޮނުކޮށް ވެސް އޯޓްސް ތައްޔާރު ކުރެވޭނެ އެވެ. ކުޑަކުޑަކޮށް ލޮނުމިރުސްކޮޅެއް ކަހަލަ އެއްޗެއް ލައިގެން ކުޅިބަތްޕެނެއްވެސް އޯޓްސްގައި ތައްޔާރު ކުރެވިދާނެ އެވެ. ނޫނީ އޯޓްސް މުގުރާފައި އާދައިގެ ފުށް އަޅައިގެން ރޮށި ގޮތަށްވެސް ފިހެލެވިދާނެ އެވެ. އަދި އެހެންމެ ހުނި ރޮށި ގޮތުގައިވެސް އޯޓްސް އެއްކޮށްގެން ތައްޔާރު ކުރެވިދާނެ އެވެ. އޯޓްސް ފަތަފޮޅި ގޮތުގައިވެސް ބޭނުން ކުރެވޭނެއެވެ.

މަތީގައި ހިމަނާލާފައި އެ ވާ ކޮންމެ ގޮތަކީވެސް އޯޓްސް ތައްޔާރު ކުރެވޭނެ، އޯޓްސްގެ ކާނާ ހެދިދާނެ ބައެއް ގޮތްތަކެވެ. އާސިޔާ އަބްދުއްރަހީމު ގެ މައުލޫމާތުގެ އަލީގައި މި ހިމަނައިލީ ކޮންމެ ގަޑިއެއްގައި ވެސް އޯޓްސް ބޭނުން ކުރެވިދާނެ ގޮތްތަކެވެ. މިއިން ކޮންމެ ގޮތަކަށް ބޭނުން ކުރިއަސް އޯޓްސް އިން ލިބިދޭ ފައިދާ އުނިކަމެއް ނެތި ލިބިގެންދާނެ އެވެ.