ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު އެމީހަކު ދިރިއުޅޭ ރަށަކުން އަސާސީ ހިދުމަތްތައް ލިބެންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ނ. އަތޮޅޫގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކެނދިކުޅުދުއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ އެއްވެސް މީހަކީ ތަފާތުކޮށްގެންވާނެ މީހެއް ނޫން ކަމަށެވެ. "ކޮންމެ މީހަކަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކީގައި އެމީހަކު ދިރިއުޅޭ ރަށަކުން އެމީހަކަށް ލިބެން ޖެހޭނެ،" ކަމަށް ރައީސް ވިދާޅުވިއެވެ.

އެޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށާއި އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންފެށި މަސައްކަތް ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ބައެއް ސަބަބުތަކާ ހުރެ ބައެއް ޕްރޮޖެކްޓްތައް މަޑުޖެހިފައި އެބަހުރި ކަމަށެވެ. އެގޮތުން ކެނދިކުޅުދޫގެ ނަރުދަމާއަކީ އެފަދަ މަސައްކަތެއް ކަމަށާއި އެކަމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން ހުންނާނެކަން ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާގެ ހިދުމަތް އެ ރަށަށްވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކެނދިކުޅުދޫއަކީ ބޮޑު ކުރެވޭނެ ރަށެއް ކަމަށާއި އެ ރަށުގައި ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށަކީ ބޮޑު ރަށެއްކަމުން، އެ ރަށުގެ އާބާދީ ތިން ގުނަ އިތުރުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ކެނދިކުޅުދޫއަކީ މުސްތަގުބަލު އޮތް ރަށެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ކެނދިކުޅުދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ކަަމަށާއި އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދާފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމާ ހިސާބަށް މިހާރު ގޮސްފައިވާ ކަމަށާއި ދާދި އަވަހަށް އެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ.