ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް، ފަޒްނާ އިފުތިތާހުކޮށްދެއްވީ މި އަހަރުގެ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. އަލިފުށީގައި މިރޭ ބޭއްވި ޖަލްސާގައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންވާ ކަންކަން ފުއްދައިދީ ހަމަޖައްސައިދޭން ޖެހޭ ކަމަށާއި އެއީ މުޅި މުޖުތަމައުގެ ލާބައަށް ކުރެވޭ އިންވެސްޓެއް ކަމަށެވެ.

"މީހެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރެދާނެ. ނަމަވެސް އެއީ މުޅިން ނުކުޅެދޭ މީހެއް ކަމަށް އަޅުގަނޑުމެން ދެކިގެން ނުވާނެ. އެފަދަ ކޮންމެ މީހެއްގެ ކިބައިގައިވެސް މުޅި މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ އެހެން ކުޅެދުންތެރިކަމެއް ހުރެދާނެ. އަދި އެއީ ބައެއް ކަންކަމުގައި، އެހެން މީހުންނަށްވުރެ މާ ގާބިލް މީހަކަށްވެސް ފަހަރެއްގައި ވެދާނެ،" ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ބާއްވާ "ރިވެލި މައުރަޒު" ވެސް ސާބިތުވެގެންދަނީ ނުކުޅެދޭ މީހުންގެ ތެރޭގައި ތަފާތު ހުނަރުތައް ލިބިފައިވާ މީހުން ވެސް ތިބޭކަން ކަމަށެވެ. އެގޮތުން އަތްތެރި މަސައްކަތް، އަމިއްލަ އީޖާދުތަކުން އެއްޗެހި އުފައްދާ ފަރާތްތައް އަދި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ މައުރަޒުތަކުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު މެސެޖެއް ލިބިގެންދޭ. އެއީ، ނުކުޅެދުންތެރިކަމެއް ހުއްޓަސް، އެމީހެއްގެ ކިބައިގައި ހުރި ހުނަރުތަކުގެ ބޭނުން ހިފޭނެ ފުރުސަތު އަޅުގަނޑުމެން ފަހިކޮށްދޭންޖެހޭކަން" ރައީސް ވިދާޅުވިއެވެ.

ނުކުޅެދޭ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން މިރޭ އިފުތިތާހުކުރި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލްއަކީ އެ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރުގައި އެ ފަރާތްތަކުގެ ރަޖިސްޓްރީ ތައްޔާރުކޮށް ނިމުމުން، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މީހުންނާއި ކުދިން، ކެޓަގަރީތަކަށް ބަހާލެވި، ބޭނުންވާނެ އެހީތެރިކަމާއި އެހީ ދޭންޖެހޭ މިންވަރާއި ދޭންޖެހޭ ހިދުމަތްތައް ކަނޑައެޅިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރާއެކު ނުކުޅެދޭ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ގެންނަ ޖެހިފައިވާ ބަދަލުތައް ދެނެގަނެވޭނެ ކަމަށެވެ. އެގޮތުން ގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަތަރު އަތޮޅެއްގައި ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގައިގެން ހިދުމަތް ދެވޭނެ މީހުން މިހާރު ތަމްރީނު ކުރެވިފައިވާ ކަމަށެވެ.