މަސް އެކްސްޕޯޓުކުރަން އީޔޫއަށް ދައްކާ ޓެކްސް ކަނޑާލަން ނިންމީމަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ އޭގެ ކްރެޑިޓް ނަންގަވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލަން ނިންމުމުން އެކަމުގެ ކުރެޑިޓް ނަންގަވަން ނަޝީދު މަސައްކަތްކުރެއްވި ކަމަށެވެ. އަދި މަހުން ޑިއުޓީ ކަނޑާލަން ޔޫރަޕުން އެއްބަސްވީ ފޮރިން މިނިސްޓަރު ޝަހީދުގެ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ޔޫރަޕަށް ވިއްކާ މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރުން ނޫންތޯ. އިނގިރޭސިވިލާތަށް ވިއްކާ މަހުން، ދަޅު މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރެއްވުން ނޫންތޯ. މި އިންނެވި އަބްދުﷲ ޝާހިދު އެކަންކޮށް ނިންމާ ހިސާބުން، މިހާރު އެ (ނަޝީދު) ވިދާޅުވަނީ މި އަންނަ މަހުގެ އެކަންވާނެއޭ. ޝާހިދު ކޮންކަމެއްތޯ ކުރެއްވީ ދެން. ޝާހިދު ކުރެއްވި ކަމެއް ވިދާޅުވެ ބަލަ،" ރައީސް ވިދާޅުވިއެވެ.
ނަޝީދު މަސްވެރިކަމުގެ ވާހަކަ ދައްކަވާ އިރު، ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި ބޮޑު އަގުގައި މަސް ވިއްކޭނީ ސަރުކާރުން ވެލިއު އެޑުކުރުމުން ކަމަށެވެ. ރައީސް ވަނީ އެ ވާހަކަތަކަށް ވެސް ރައްދު ދެއްވައިފައެވެ. ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ނަޝީދު ކުރެއްވި މަސައްކަތެއް ނޯންނާނެ ކަމަށެވެ.
"ކީއްތޯ ކުރެއްވީ، ފެލިވަރު ފެއްޓެވީ 50 ޓަނުގެ ބަންދުކުރެވޭ ތަނެއް، 15 ޓަނަށް ކުޑަ ކުރެއްވިއޭ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ. 26 ރުފިޔާއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ. ތަދެއް، އެކަމަކު ކިހިނެއްތޯވީ. އެކްސްޕޯޓް ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި. އެކަން ކުރެވިދާނެ، 2018 ވަނަ އަހަރުވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަހުގެ އަގު ބޮޑުކުރެއްވި. އެކަމަކު ކިހިނެއްތޯވީ، ރައްޔިތުންނަށް ފައިސާ ނުދައްކައޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް އޭރު ނުދައްކާ އޮތް ބޮޑުކުރި އަގު ދައްކަން ޖެހުނީ، ތިރިކުރަން ޖެހުނީ. 39 މިލިއަން ރުފިޔާ އަޅުގަނޑުމެން ފުރަތަމަ އައިސް ދެމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދެއްކީ،" ރައީސް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ޖެހިފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ މިފްކޯގެ ސްޓޯރޭޖު ކެޕޭސިޓީތައް ބޮޑުކުރުން ކަމަށާއި އެކަން މި ސަރުކާރުން މިހާރު ވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބެއް ބޯމަތިވަމުން އަންނަ އިރު، ނަޝީދުގެ ވެރިކަމުގައި މަސް ކިލޯއެއް ގަތް އަގަށްވުރެ ބޮޑުކޮށް 30 ރުފިޔާއަށް ކިލޯއެއް ގަންނަގޮތަށް ކަނޑައެޅިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އޭރުން މަސްވެރިންނަށް ފައިސާ ނުދެވި، މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ގޮންޖެހުންތަކެއް ދިމާވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު