މަސްވެރިކަމުގެ އިންޑަސްޓްރީ ތަރައްގީކުރަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މައި ހަރުގޭގައި ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެޕްމޭން ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ފެލިވަރަކީ 50 ޓަނުގެ ސްޓޯރޭޖު ކެޕޭސިޓީއެއް ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއެއް ކަމަށާއި ނަމަވެސް ނަޝީދު ވަނީ އެތަނުގެ ކެޕޭސިޓީ 15 ޓަނަށް ކުޑަކުރައްވާފައި ކަމަށެވެ.

"ކީއްތޯ ކުރެއްވީ، ފެލިވަރު ފެއްޓެވީ 50 ޓަނުގެ ބަންދުކުރެވޭ ތަނެއް، 15 ޓަނަށް ކުޑަ ކުރެއްވިއޭ. ދެން ކޮން ވެލިއު އެޑެއްތޯ ކުރެވޭނީ. 26 ރުފިޔާއަށް މަސްކިލޯއެއް ގަތީމޭ ވިދާޅުވަނީ. ތެދެއް، އެކަމަކު ކިހިނެއްތޯވީ. އެކްސްޕޯޓު ކުރަނީ 290 ޑޮލަރު ޓަނަކުން ގެއްލުމުގައި. އެކަން ކުރެވިދާނެ، 2018 ވަނަ އަހަރުވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަހުގެ އަގު ބޮޑުކުރެއްވި. އެކަމަކު ކިހިނެއްތޯވީ، ރައްޔިތުންނަށް ފައިސާ ނުދައްކައޭ. އަޅުގަނޑުމެން ވެރިކަމަށް އައިސް އޭރު ނުދައްކާ އޮތް ބޮޑުކުރި އަގު ދައްކަން ޖެހުނީ، ތިރިކުރަން ޖެހުނީ. 39 މިލިއަން ރުފިޔާ އަޅުގަނޑުމެން ފުރަތަމަ އައިސް ދެމަސް ދުވަހުގެ ތެރޭގައި މަސްވެރިންނަށް ދެއްކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިމަތީގައި މިހާރު އޮތީ ރިޔާސީ އިންތިހާބެއް ކަމަށާއި ނަޝީދު އެ ވިދާޅުވަމުންދާ ގޮތަށް އެމަނިކުފާނަށް މަސް ކިލޯއެއް 30 ރުފިޔާއަށް ގަންނަ ގޮތަށް ވެސް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް އޭރުން މަސްވެރިންނަށް ފައިސާ ނުދެވި އެ ދާއިރާ ދަނީ ފަހަތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ޔޫރަޕުގެ ގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކަނޑާލަން ނިންމުމުން އެކަމުގެ ކުރެޑިޓް ނަންގަވަން ނަޝީދު މަސައްކަތް ކުރެއްވި ކަމަށެވެ. މަހުން ޑިއުޓީ ކަނޑާލަން ޔޫރަޕުން އެއްބަސްވީ ފޮރިން މިނިސްޓަރު ޝަހީދުގެ މަސައްކަތުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ޔޫރަޕަށް ވިއްކާ މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރުން ނޯންތޯ. އިނގިރޭސިވިލާތަށް ވިއްކާ މަހުން ދަޅު މަހުން ޓެކްސް ކަނޑާލެވޭތޯ މަސައްކަތް ކުރެއްވުން ނޫންތޯ. މި އިންނެވި އަބްދުﷲ ޝާހިދު އެކަންކޮށް ނިންމާ ހިސާބުން، މިހާރު އެ (ނަޝީދު) ވިދާޅުވަނީ މި އަންނަ މަހުގައި އެކަންވާނެއޭ. ޝާހިދު ކޮންކަމެއްތޯ ކުރެއްވީ ދެން. ޝާހިދު ކުރެއްވި ކަމެއް ވިދާޅުވެ ބަލަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ޖެހިފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިންމު ކަމަކީ މިފްކޯގެ ސްޓޯރޭޖު ކެޕޭސިޓީތައް ބޮޑުކުރުން ކަމަށާއި އެކަން މި ސަރުކާރުން މިހާރު ވަނީ ފަށާފައި ކަމަށެވެ.