މިހާތަނަށް އެއްވެސް ސަރުކާރަކުން ފެށި ހައުސިން ޕްރޮޖެކްޓެއް ނުނިމޭ ކަމަށާއި މި ސަރުކާރުން އެކަންވެސް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީ މައި ހަރުގޭގައި މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަކީ މާލެއަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށާއި މާލޭގެ ރައްޔިތުންނަށް ބާހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލު އެހުރީ ފެންނަން ކަމަށެވެ.

"ހަގީގަތަކީ މިހާރުވެސް މާލެ ސަރަހައްދުގައި 8782 ފުލެޓުގެ މަސައްކަތް އަމަލީގޮތުން ހިނގަމުން އެބަދޭ. މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ހައުސިން ނިޒާމެއް ނިންމައި، ރައްޔިތުން އެ ފުލެޓުތަކަށް ވެއްދިފައެއް ނެތް. އެހެންނަމަވެސް މި ސަރުކާރުގެ މި ފަސް އަހަރު ނިމޭ އިރުގައި އަޅުގަނޑުމެން ހަދަމުން އެގެންދާ ފުލެޓުތަކުން ބަޔަކަށް މާލޭގެ ރައްޔިތުން ދިރިއުޅެވޭ ވަރު އަޅުގަނޑުމެން ކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި، 5000 ގޯތި ދިނުމުގެ ވައުދު ކަޑަޖަހައި، ބިން ވަކިކޮށް ރޯނު ދަމައި، މާލޭ ރައްޔިތުންނަށް މިއަހަރުގެ ތެރޭގައި ދޭނެ ކަމަށާއި އެމަނިކުފާނު އެކަން ކުރައްވާނީ ޅ. ކުރެންދޫ ރައްޔިތުންނަށް ކަނޑުން 1000 ގޯތި ދިން ގޮތަކަށް ނޫން ކަމަށެވެ.

"ބޯހިޔާވަހިކަމުގެ 16،401 ފުލެޓާއި ގޯތި ދިނުމުގެ މަޝްރޫއު މިއަދުގެ ސަރުކާރުގައި، އަސްލަމް އިސްވެ ހުންނަވައިގެން މިހާރުވެސް ކުރިއަށް އެބަގެންދަވާ. މިއީ ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ފަސް އަހަރުގެ ތެރޭގައި ކޮށްފައި އޮތް ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.