އެއްވެސް މީހެއްގެ އަޅަކަށް ނުވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވާދަވެރި ކެންޑިޑޭޓް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުސީދާ ރައްދެއް ދެއްވައިފިއެވެ.
ރައީސް ސޯލިހުގެ އެމްޑީޕީ ޕްރައިމަރީ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީ މައި ހަރުގޭގައި މިރޭ ބޭއްވި "ކުރިއަށް އިބޫ 2023" ޖަލްސާގައި ރައީސް ވަނީ 2018 ވަނަ އަހަރު އެމްޑީޕީގެ ކޮންގްރެސްގައި އެމަނިކުފާނަށް ޓިކެޓު އެރުވި ދުވަހު ދެއްކެވި ވާހަކަފުޅެއް ތަކުރާރުކުރައްވައިފައެވެ. އެއް ކަމަކަށް ރައީސް ހަނދުމަފުޅުކޮށްދެއްވީ އެމަނިކުފާނުގެ ރައްޓެއްސަކު ދެއްކި ވާހަކައެކެވެ.
"މިރޭ މިތާ ހުރެ، ފުރަތަމަ ވެސް އަޅުގަނޑު ތިބޭފުޅުންނަށް ހަނދާންކޮށްދޭން ބޭނުންވަނީ ފުރަތަމަ ފަހަރަށް ކޮންގްރެސްގައި އަޅުގަނޑަށް ރިޔާސީ ޓިކެޓު ދިން ދުވަހު އަޅުގަނޑު ދެއްކި ދެ ވާހަކައެއް. އަޅުގަނޑު އެދުވަހު ބުނިން އަޅުގަނޑުގެ ރައްޓެއްސަކު، އަޅުގަނޑުގެ ކައިރީގައި ބުނި ވާހަކައެއް. އޭނާ، އޭނާގެ ދަރިފުޅު ކައިރީގައި ބުނި ވާހަކައެކޭ ކިޔާފައި އަޅުގަނޑު ކައިރީގައި ބުނީ. ދަރިފުޅާއޭ ބައްޕަ ނޫޅޭ ގޮތަކަށް ދަރިފުޅަކަށް ނޫޅެވޭނެއޭ، އެއްވެސް ކަމެއް ނުކުރެވޭނެއޭ. އެހެންނަމަވެސް އެއްވެސް އެއްޗެއްގެ، އެއްވެސް މީހެއްގެ އަޅަކަށް ވެގެން ނުވާނެއޭ. އަޅުގަނޑެއް އެއްވެސް މީހެއްގެ އަޅަކަށެއް ނުވާނަން. އަޅުގަނޑުގެ ހުރީ އެންމެ ފަރާތެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް މަޝްވަރާދީ، ވާހަކަތައް ވެސް ހިއްސާކުރެވޭނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ކަންތައްތައް ނިންމަވާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ. އަދި މިއަދު ވެސް ރައީސް ކުރިއަށް ވަޑައިގަންނަވާނީ އެމަނިކުފާނުގެ ޓީޗަރަކު ދެއްވި ނަސޭހަތަކާ އެއްގޮތަކަށް ކަމަށް ވިދާޅުވިއެވެ.
"ދެވަނަ ކަމަކަށް އަޅުގަނޑު އެދުވަހު ދެންނެވިން އަޅުގަނޑުގެ ޓީޗަރަކު އަޅުގަނޑު ކައިރީގައި ބުނި ވާހަކައެއް. ދުނިޔޭގައި ވަރަށް މަދުވާނެއޭ ގުޑް ލިސްނާސް، އަޑުއަހާ މީހުން. އޭގެން މީހަކަށް ވެވޭތޯ ބަލާށޭ. އަޅުގަނޑު މިހުރީ އެ ދިން ނަސޭހަތް ގަބޫލުކޮށްގެން. އަޅުގަނޑު ކަންތައްތައް ނިންމަމުން ގެންދަނީ އަޅުގަނޑާއެކުގައި ތިބި ކެބިނެޓްގެ މެންބަރުންނާއި ޕާޓީގެ މެންބަރުންނާއި މަޖިލީހުގެ މެންބަރުންނާ، މި އެންމެންގެ އަޑު އަހައިގެން އެންމެންނަށް ފައިދާވާ ގޮތަށް. މިރޭ ވެސް އަޅުގަނޑު ތިބޭފުޅުންނަށް ހަނދުމަކޮށް އަރުވަން ބޭނުންވަނީ މި ދެ ކަންތައް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިންޑިއާ ކަނޑުގެ މެދުގައި ކަނދުފައްޗެއް އަޅާފައި މަސްކިރާށޭ، އައިސްދޭށޭ، ފެންދޭށޭ ބުނީމާ އެކަމެއް ނުކުރެވޭނެ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު