ގައުމީ އެއާލައިން, މޯލްޑިވިއަން ހިންގާ, އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ގަންނަން ސޮއިކޮށްފައިވާ އޭޓީއާރު މަރުކާގެ ބޯޓުތަކުގެ ތެރެއިން ދެ މަތިންދާބޯޓެއް މިއަދު ހަވީރު ގެނެސްފިއެވެ.
މިއަދު މެންދުރު ފަހު ރާއްޖެ އައި މޯލްޑިވިއަންގެ އާ އޭޓީއާރު ދެ އެއާކްރާފްޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ ވޯޓާ ސެލިއުޓާއެކު މަރުހަބާ ކިޔައިފައެވެ. މި ބޯޓުތަކަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތްތަކުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މޯލްޑިވިއަން ހިންގާ އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އާއި އެކުންފުނީގެ އިސް ފަރާތްތަކުގެ އިތުރުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.
އައިއޭއެސް އިން އޭޓީއާރު 600-72 ގެ ދެ މަތިންދާބޯޓާއި އޭޓީއާރު 400-72 ގެ އެއް މަތިންދާބޯޓު ގަންނަން އެ ބޯޓުތައް އުފައްދާ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރު ޖެނުއަރީގައެވެ. އެ އެއްބަސްވުމުގެ ދަށުން މޯލްޑިވިއަނުން މިއަދު ރާއްޖެ ގެނެސްފައިވަނީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ މަތިންދާބޯޓެވެ. މިއީ ގައުމީ އެއާލައިނުން އާ މަތިންދާބޯޓުތަކެއް ގަނެގެން ގެނައި ފުރަތަމަ ފަހަރެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އައިއޭއެސްގެ ޑީއެމްޑީ ޖެނިފާ ވިދާޅުވީ މޯލްޑިވިއަނަށް ގަނެގެން ގެންނަ އޭޓީއާރުގެ ތިންވަނަ އެއާކްރާފްޓު މިމަހު ގެނެވޭނެ ކަމަށެވެ. އަދި މޯލްޑިވިއަން ފްލީޓަށް މިއަދު އިތުރުކުރި ބޯޓުތަކަކީ ޖާގަ ބޮޑު ބޯޓުތަކެއް ކަމަށާއި އާ ބޯޓުތަކާއެކު ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ހައްލު ލިބި، އެއާލައިންގެ ޝެޑިއުލްތަކާ އެއްގޮތަށް ދަތުރުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ އެއާކްރާފްޓުތަކެކެވެ. އެއީ ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސްޕެއާ ހޯދުމަށް ދިމާވާ ގޮންޖެހުންތަކާއި ސްޕެއާ ގަތުމަށް ކުރަން ޖެހޭ ހަރަދު ބޮޑު އިރު، އޭޓީއާރު އެއާކްރާފްޓުތަކުން ފިއުލް ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަން ޖެހޭ ހަރަދުވެސް ކުޑަވާނެއެވެ. މި ބަދަލާއެކު ޑޭޝް8 މަރުކާގެ ބޯޓުތަކުގެ ސަބަބުން އެކުންފުންޏަށް އުފުލަން ޖެހިފައިވާ މާލީ ބުރައަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.
އޭޓީއާރު އެއާކްރާފްޓުގެ ލުއި ސްޓްރަކްޗާ އާއި އޮޕްޓިމައިޒްޑް ސްޕީޑާއި އެއާކްރާފްޓުގައި ބޭނުންކުރާ PW127XT އިންޖީނަކާއެކު އޭޓީއާރު 600-72، އަކީ އެންމެ ފިއުލް ހަރަދު ކުޑަ އެއް ރީޖަނަލް އެއާކްރާފްޓެވެ. އޭޓީއާރުން ތެޔޮ އަންދާ މިންވަރު ކުޑަވުުމުގެ ސަބަބުން ޖައްވަށް ދޫކުރާ ވިހަ ގޭސް ބޭރުވުން މަދުވެ، ދަތުރުުގެ ހަރަދުވެސް ކުޑަވެގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު