ޚަބަރު

މިދިޔަ އަހަރުގެ ތެރޭގައި 896 ކަމަކަށް ގާނޫނީ ލަފާ ދިނިން: އޭޖީ އޮފީސް

އިބްރާހިމް ޒަކީ

ހުސްވި 2022 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކަށް 896 މައްސަލައެއްގައި ގާނޫނީ ލަފާދީފައިވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިއަދު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ލަފައަށް އެދި 959 މައްސަލައެއް ފޮނުވިއެވެ. ނަމަވެސް ގާނޫނީ ލަފާ ދިން 896 މައްސަލައިގެ ތެރޭގައި 2021 ވަނަ އަހަރު ނިމުނުއިރު، ގާނޫނީ ލަފާ ނުދެވި ހުރި މައްސަލަތައްވެސް ހިމެނެއެވެ.

އޭޖީ އޮފީހުން ލަފާ ދިން މައްސަލަތަކުގެ ތެރެއިން، ބިލު ތަސްދީގު ކުރެއްވުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް 25 ލަފައެއް ވަނީ އަރުވައިފައެވެ.

އޭގެ އިތުރުން އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ 250 ލަފައެއް ދީފައިވާއިރު، ގަވާއިދުތަކާ ގުޅޭ ގޮތުން 163 ލަފައެއް ދީފައިވެއެވެ. އަދި އުސޫލުތަކާ ގުޅޭ ގޮތުން 50 ލަފައެއް، މުއާހަދާތަކާ ގުޅޭގޮތުން ފަސް ލަފައެއް، އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 403 ލަފައެއް ދީފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.