ޚަބަރު

ތ. އަތޮޅުގެ ދެ ރަށަކަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގައިފި

ތ. އަތޮޅުގެ ދެ ރަށަކަށް ގޮތް ނޭނގޭ ފަތްތަކެއް ލައްގައިގެން އެ ތަކެތި ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ގޮތް ނޭނގޭ ފަތްތައް ތ. ކަނޑޫދޫއާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ އޮޅުފުށި ފިނޮޅުގެ ގޮނޑުދޮށުން ފެނިގެން އިއްޔެ އާއި މިއަދު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ ފަތްތަކާ ގުޅިގެން ބަލަންޖެހޭ ކަންތައް ބަލަމުން އަންނަ ކަމަށާއި އެ ތަކެތި ދެނެގަތުމަށް ތަހުލީލުތައްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކަނޑޫދޫގައި މިވަގުތު ހުރި "ވަން"ގެ އެސިސްޓަންޓް އެޑިޓަރު އަލީ ޔާމީން ބުނި ގޮތުގައި، ފަތްތައް ހުރީ ޕްލާސްޓިކުން ބަދެ، ވަރަށް ރަނގަޅަށް ބަންދުކޮށް، ގޯންޏަކަށް އަޅާފައެވެ. އަދި އޮޅުފުށި ފިނޮޅުން އޭގެ ހަތަރު ބަސްތާ ފެނިފައިވާއިރު، ކަނޑޫދޫން އެއް ބަސްތާ ފެނިފައިވާ ކަމަށްވެސް ބުންޏެވެ.

ޔާމީން ބުނި ގޮތުގައި، އޮޅުފުށި ފިނޮޅުން މީގެ ކުރީން މަސްތުވާތަކެތީގެ ވައްތަރެއް ކަމަށްވާ މެތް ޕެކެޓުތަކެއްވެސް ފެނިފައިވެއެވެ.

މީގެ ކުރިން 2020ގައި ހދ. ނޮޅިވަރަމާއި އޭދަފުށިންވެސް ގޮތް ނޭނގޭ ފަތްތަކެއް ލެއްގިއެވެ. އެ ތަކެތިވެސް ހުރީ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައެވެ.