ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދާ ދެ މީހުންގެ ތެރެއިން އެކަކު މާލޭގައި ހުރި ކަމަށް ބުނެ މީހަކު ފޮޓޯއެއް އާންމުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ވިލިމާލޭން ފުރި އެ ތެޔޮ ބޯޓުން ދަތުރުކުރި ދެ މީހުންނަކީ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ) އާއި ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން (35އ) އެވެ. މާލޭގައި ހުރި ކަމަށް ބުނެ، އާންމު މީހަކު އޭނާއާއެކު ނަގާފައިވާ ފޮޓޯ އާންމުކޮށްފައިވަނީ ދިވެހި މީހާގެއެވެ.

އޭނާގެ ފޮޓޯ އާންމުކުރި އިބްރާހިމް މުހައްމަދު (އިއްބެ) "ވަން" އަށް ބުނީ ނިޒާމު ފެނުނީ ކެފޭއެއްގެ ތެރެއިން ކަމަށެވެ. އަދި އެއީ ގެއްލިގެން ހޯދާ މީހެއްކަން އެނގުނީ ކައިރީގައި ތިބި ބަޔަކު ބުނުމުން ކަމަށްވެސް ބުންޏެވެ.

"ކެފޭއަކަށް ސައިތައްޓެއް ބޯންވެގެން ވަތް ތަނުން އައި މީހެއް ބުނީ ކޮފީއެއް ދީބަލާށޭ. ދެން އަޅުގަނޑު އޭނައަަށް ކޮފީއެއް ދިނީ. އެތާ އޭނަ ކޮފީ ބޯން އިންދާ ކައިރީގައި ހުރި މީހަކު ބުނީ މިއީއޭ ގެއްލިގެން ހޯދާ މީހާ. ދެން ގެއްލިގެން ހޯދާ ކަމަށް ޖަހާފަ ހުރި ޕޯސްޓުގައިން ފޮޓޯ އެއީ އޭނާތޯ އެހީމަ ބުނީ އާއެކޭ. އެއީ ތިމަންނައޭ. އެ ހިސާބުން އަޅުގަނޑު ސެލްފީއެއް ނަގާފަ ސޯޝަލް މީޑިއާއަށް ދޫކޮށްލީ." އޭނާ ބުންޏެވެ.

"އަޅުގަނޑު އެހީމަ ބުނީ މި އައީއޭ ފުލުހަށް ގޮސްފައޭ. އެ މީހުން ބުންޏޭ ހޯދާކަށް ނޫޅެމޭ،" އޭނާ އާ އެކު ނަގާފައިވާ ފޮޓޯއެއް އާންމު ކުރުމަށްފަހު، އިއްބެ ބުންޏެވެ.

އިއްބެ ސޯޝަލް މީޑިއާއަށް ހިއްސާކުރި ފޮޓޯގައި ފެންނަނީ ނިޒާމުކަން އޭނާގެ އާއިލާ މީހަކުވެސް ވަނީ "ވަން" އަށް ޔަގީންކޮށްދީފައެވެ. މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިސަރަށް "ވަން" އިން މިއަދު ގުޅުމުން ވިދާޅުވީ އެކަމުގެ މައުލޫމާތު ސާފުކުރުމަށްފަހު ގުޅާނެ ކަމަށެވެ.