މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ކަމަށް އެމްޑީޕީން އާއްމުކުރި ލިސްޓުން 457 މީހުންގެ ނަން އުނިކުރަން، ޕްރައިމަރީއާބެހޭ ކަންތައްތައް އިންތިޒާމުކުރާ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެސްގައި އެ ކޮމިޓީގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ، އެ މީހުން ވޯޓިން ލިސްޓުން އުނިކުރީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ޝަކުވާއަކާ ގުޅިގެން ކަމަށެވެ.

އެ ޝަކުވާއަކީ ޑިސެމްބަރު 18 ވަނަ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެމްޑީޕީ ދަފުތަރުގައި ހިމެނޭ މެންބަރުންނަށްވުރެ އިތުރަށް ވޯޓާސް ލިސްޓުގައި މީހުން ތިބި ކަމަށް ބުނެ ހުށަހެޅުއްވި ޝަކުވާއެއް ކަމަށާއި އެ ޝަކުވާ ކޮމިޓީން ބެލި އިރު، ޑިސެމްބަރު 18ގެ ނިޔަލަށް އީސީގެ ދަފުތަރުގައި އޮތް މީހުންގެ އިތުރުން 457 މެންބަރުން ވޯޓިން ލިސްޓުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވާ ކަމަވެސް އިބުރޭ ވިދާޅުވިއެވެ.

އެހެންކަމުން އެ މެންބަރުންނަށް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އިބުރޭ ވިދާޅުވިއެވެ.

"އެ ޝަކުވާ ހުށަހެޅުމުން ޝަކުވާ ބަލާފައި އެކަންކުރި ގޮތް އޮޅުން ފިލުވިން. ފާހަގަވެފައި އޮތީ މީގެ ކުރިން އަމަލުކުރާ ގޮތުން، ޕާޓީއަށް ފޯމެއް ލިބުނީމަ އެ ފޯމު އިލެކްޝަނަށް ހުށަހެޅުމުން އިލެކްޝަނުން އެ ފޯމު ދަފުތަރު ކޮށްދޭ، ނަމަވެސް މިހާރު އެގޮތަށް އިލެކްޝަނަށް ފޯމު ހުށަހެޅީމަ، ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައި ހަފުތާއެއް ވަންދެން ފޯމު ގެޒެޓް ކުރާނެ، އޭގެ ފަހުން ޝަކުވާއެއް ނާންނަންޏާ ދަފުތަރު ކޮށްދެނީ، އެހެންވީމާ އެ މަރުހަލާއާ ހެދި ލަސްވެފަ އޮތް ފޯމުތަކެއް ކަމަށްވެފައި، ރައީސް ނަޝީދުގެ ކެމްޕެއިނުން އެ ޝަކުވާ ކުރުމާ ގުޅިގެން ކޮމިީން ނިންމީ ޑިސެމްބަރު 18 ވަނަ ދުވަހާ ހަމައަށް މެންބަރުންގެ ގޮތުގައި ދަފުތަރުގައި ނެތް ބޭފުޅުން، ލިސްޓަށް ނޭރުވޭނެ ކަމަށް،" އިބުރޭ ވިދާޅުވިއެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އިމްޑީޕީން މިހާރު އާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން ރިޔާސީ ޕްރައިމަރީގައި 87 ދާއިރާއަކުން 57،714 މީހުންނަށް ވޯޓު ލެވޭނެއެވެ.