ސެނެގޯލްގެ މީހަކު ކުރިއަށްއޮތް ފަސްއަހަރުގެ ތެރޭގައި އޭނާގެ ގައުމުގައި ފަސް މިލިޔަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް އަމިއްލަ ގޮތުން ފަށައިފިއެވެ.
އުމުރުން 48 އަހަރުވީ އެޑާމާ ޑިއޭމޭއަށް މި ޚިޔާލު އައީ ދިގު މުއްދަތެެއްގައި ޔޫރަޕުގައި ދިރިއުޅެފައި އެނބުރި ގައުމަށް އައިއިރު އަވަށްއަވަށުގައި ބިޔަ ގަސްތައް މަދުވެ ހަނަފަސްކަން ފެތުރިފައިވާ މިންވަރު ފެނިގެންނެވެ. އެޑާމާ ބުނެފައިވަނީ އޭނާ ނިސްބަތްވާ ކަސްމަނެންސް ސަރަހައްދަކީ އަބަދުވެސް ސެނެގޯލްގެ އެންމެ ފެހި ސަރަހައްދު ކަމަށާއި އެކަމަކު އެކި ބޭނުންތަކަށް މީސްތަކުން ގަސްކަނޑައި އޭގެ ބަދަލުގައި އައުގަސް އިންދުމަށް ސަމާލުކަން ނުދޭތީ މުޅި ކަސްމަނެންސްގައި މިހާރު ހަނަފަސްކަން ފެތުރިފައިވާ ކަމަށެވެ. އޭނާގެ ގަސްތަކީ ކުރީގެ ހިތްފަސޭހަ ވެށި އަލުން ގާއިމްކުރުން ކަމަށްވެސް ބުނެފައިވެއެވެ.
އެޑާމާއަކީ ސެނެގޯލްގައި ހަރަކާތްތެރިވާ ސްޕެނިޝް އެންޖީއޯއެއްގައި މަސައްކަތްކުރާ ތަޖުރިބާކާރެކެވެ. ގަސްއިންދުމުގެ މަޝްރޫއަކީ ރަސްމީ މަސައްކަތުން ބޭރުގައި އޭނާ އަމިއްލައަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ޚަރަދުކުރަން ފެށީވެސް އަމިއްލަ ޖީބުންނެވެ. އެކަމަކު މިހާރު އެކި ފަރާތްތަކުން މިކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެޑާމާ ބުނެފައިވެއެވެ. ޖުމްލަ ފަސް މިލިޔަން ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު މިހާތަނަށް އިންދުނީ ދޮޅުލައްކަ ގަހެވެ.
ކަސްމަނެންސްއަކީ ސެނެގޯލްގެ އެންމެ ދެކުނެވެ. އެހިސާބަކީ ވަރަށް ބިޔަ ސަރަހައްދެއްކަމަށްވާތީ އެކި އަވަށުގައި އިންދުމަށް ހަމަޖެހިފައިވަނީ އެއަވަށެއްގެ މީހުން ބޭނުންވާ ޒާތުގެ ގަސްގަހެވެ. ހުރިހާ ތަނެއްގައި އެއްވައްތަރެއްގެ ގަސްގަހެއް ނޫނެވެ. އެޑާމާގެ މި މަޝްރޫއު ތަންފީޒު ކުރުމުގައި އޭނާ ބޮޑަށް ބަރޯސާކުރަނީ އަވަށްއަވަށުގެ އަންހެނުންގެ ކޮމިޓީތަކަށެވެ. ފަންޑު ހޯދުމަށްޓަކައި ކުރާ ކަންކަމުގެ ތެރޭގައި ޓީޝާޓް ޕްރިންޓްކޮށް ބޭރުގައުމުތަކަށް ފޮނުވައިގެން ވިއްކުންވެސް ހިމެނެއެވެ. އެޑާމާ ބުނާގޮތުގައި މިކަމަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.