މިދިޔަ އަހަރަކީ ކޮވިޑާ އެކު ހީނަރުވި ވިޔަފާރިތަކާއި އިގުތިސޯދު ހަމަޔަކަށް އެޅިގެން ދިޔަ އަހަރެކެވެ. ކޮވިޑްގެ ޕެންޑަމިކުން އަރައިގަނެ ހީނަރުވި އިގުތިސޯދާ އެކު ހުއްޓުނު އެތައް މާކެޓަކުން އަނެއްކާވެސް ޓޫރިސްޓުން ރާއްޖެ އަންނަން ފަށައި ރެކޯޑުތަކެއް މުގުރާލި އަހަރެކެވެ. އަހަރު ފެށުނީ ޓޫރިޒަމް އަށް ހެޔޮ ފާލަކާ އެކީ ނަމަވެސް ފެބްރުއަރީގައި ފެށި ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ވެގެން ދިޔައީ އަނެއްކާވެސް އިގުތިސޯދަށް ކުރިމަތިވި ބުރަ އަކަށެވެ. އެ ބުރަތަކާއެކުވެސް އެވުރެޖުކޮށް މުޅި އަހަރުގެ ވިޔަފާރިތަކާއި އިގުތިސޯދީ ދުވެލި ހުރީ ރަނގަޅަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު ރަޝިޔާ ޔޫކްރެއިން ހަނގުރާމަ ވެގެންދިޔައީ ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ. ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައި އޮންނަ އެއް މާކެޓަށްވާ އިރު، ހަނގުރާމައިގެ ސަބަބުން ރަޝިއާއިން އަންނަ ފަތުރުވެރިކަން އިންތިހާއަށް ދަށްވެގެން ދިޔައެވެ. ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބަލަބަލަ ތިއްބައި އުފުލިގެން ދިޔައިރު، ރާއްޖެއަށްވެސް އޭގެ އަސަރުކުރި އެވެ. އަހަރު ފެށުނު އިރު 11.84 ރުފިޔާއަށް އެސްޓީއޯ އިން ވިއްކަމުން އައި ޑީސަލް ލީޓަރެއްގެ އަގު މިހާރު ހުރީ 16.32 ރުފިޔާ އަށެވެ. އަދި 11.16 ރުފިޔާ އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 15.97 ރުފިޔާ އަށެވެ.
ރަޝިޔާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ކުރަމުން ދިޔަ ނޭދެވޭ އަސަރުތަކާއެކު މިއަހަރު ތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ. ޔޫކޭ ފަދަ ބައެއް ގައުމުތަކުގައި ރެކޯޑު އަދަދަކަށް އިންފްލޭޝަން ރޭޓް އުފުލުނެވެ. އޭގެ އަސަރު ރާއްޖެއަށްވެސް ވަރަށް ބޮޑަށް ވަނީ ކޮށްފައެވެ. އަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 ޕަސެންޓުގައެވެ. ނަމަވެސް އެ އަދަދު މަތިވަމުން އައިސް ޖޫން މަހުގައި އިންފްލޭޝަން ރޭޓް 5.2 ޕަސެންޓަށް އުފުލުނެވެ. އެއީ ފާއިތުވި ހަތް އަހަރު ތެރޭގައިވެސް ރާއްޖޭގެ އިންފްލޭޝަން އެހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ނަމަވެސް އޮކްޓޯބަރުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 2.9 ޕަސެންޓަށް ދަށްވެފައެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު ރަން ޔޫބީލްއެވެ. ކޮވިޑާއެކު ހީނަރުވި ޓޫރިޒަމް އިންޑަސްޓްރީ، ކޮވިޑުގެ ކުރިން އޮތް މިންވަރަށް ގެނައުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެކެވެ. 1972 ވަނަ އަހަރު ރާއްޖޭގައި ފެށި ޓޫރިޒަމަށް، 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގިނަ ހަރަކާތްތަކެއް އަހަރު ތެރޭ ފެނުނެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓު މާކެޓު، ޗައިނާ އިން ޓޫރިސްޓުން އައުން މެދުކެނޑިފައިވުމާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ ފަތުރުވެރިން އައުން މަދުވެގެން ދިޔަ ނަމަވެސް ސަރުކާރުން ވަނީ ރާއްޖޭން ބޭރުގެ އެކި އެކި ސެމިނާތަކާއި ފެއާތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އޭގެ ނަތީޖާ 100 ޕަސެންޓް ރަނގަޅެވެ.
ފަތުރުވެރިކަމުގެ އަމާޒެއްގެ ގޮތުން މިދިޔަ އަހަރަށް ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިން ވަނީ އަހަރު ނިމުމުގެ ކުރިން ހާސިލުވެފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވައި އެއްފަހަރާ ގިނަ ބޯޓުތައް ޖެއްސޭނެ މަގު ތަނަވަސްވެގެން ދިޔައިރު، މިއަހަރުގެ ޕީކް ސީޒަނާ ދިމާކޮށް އިތުރު އަށް އެއާލައިނެއްގެ ދަތުރުތައް ވެސް ރާއްޖެއަށް ވަނީ ފަށައިފައެވެ. ކޮވިޑާ އެކު ރާއްޖެއަށް މެދުކެނޑިފައި އޮތް ކްރޫޒްލައިނާގެ ދަތުރުތައްވެސް މިދިޔަ އަހަރު ފަހުކޮޅު ވަނީ އަލުން ފަށައިފައެވެ. މިދިޔަ އަހަރު ޓޫރިޒަމަށް 50 އަހަރު ފުރުނު އިރު، ލިބުނު އެންމެ ބޮޑު ކާމިޔާބީއެއް ކަމަށް ފާހަގަކުރެވިގެން ދިޔައީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއިން ކާމިޔާބު ކުރުމެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.
މިދިޔަ އަހަރަކީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ރެކޯޑު އަހަރެކެވެ. މިފްކޯގެ ތަފާސްހިސާބުތަކުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާ ހަމަޔަށް 59,310 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވައިފައެވެ. އެއީ އަހަރެއްގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސްކިރުވި އަދަދެވެ. މި ރެކޯޑާއެކު މިފްކޯއިން މަސްވެރިންނަށް 966.2 މިލިއަން ރުފިޔާ ދޫކުރިއެވެ. އޭގެ އިތުރުން މިފްކޯއަށް މަސްކިރޭ ކެޕޭސިޓީ އިތުރުކުރުމަށް 240 ޓަނު މަސް ރައްކާކުރެވޭ އިތުރު ތިން ބޯޓެއްވެސް ވަނީ ގަނެފައެވެ.
މަސްވެރި ދޯނިތަކަށް ބަލާއިރު އެއް ދުވަސްތެރޭ އެންމެ ގިނައިން މަސްބޭނުމުގެ ރެކޯޑުވެސް މިދިޔަ އަހަރު ދެ ފަހަރު މަތިން މުގުރާލާފައިވެއެވެ. އެއްދުވަސް ތެރޭ 57.15 ޓަނުގެ މަސްކިރުވައިގެން އެ ރެކޯޑު ފުރަތަމަ އާކުރީ ގދ. މަޑަވެލީ ޓީއެސްލައިން ދޯނިންނެވެ. ނަމަވެސް ގދ. ފަރެސްމާތޮޑާގެ ބާހިރާ ދޯނިން ވަނީ އެ ރެކޯޑު މުގުރާލައި އެއްދުވަސް ތެރޭ 58.6 ޓަނުގެ މަސް ކިރުވައިފައެވެ.
މަސްވެރިކަމުގެ ނަތީޖާ ރަނގަޅު ނަމަވެސް ތަފާސް ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރާ އަޅައި ބަލާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން ކަނޑު މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ ފަސް ޕަސެންޓަށް ދަށްވެފައެވެ.
ދަނޑުވެރިކަމަށް ބަލާއިރު 2021 ވަނަ އަހަރު މާޔޫސްވެފައި ތިބި ދަނޑުވެރިންނަށް މިދިޔަ އަހަރު ވެފައިވަނީ ރަނގަޅު އަހަރަކަށެވެ. ރޯދައާ ދިމާކޮށް ދަނޑުވެރިން ހެއްދި މޭވާ އާއި ތަރުކާރީގެ ބާވަތްތައް މާލޭގެ ބާޒާރަށް ނެރެން މިދިޔަ އަހަރު ވަނީ ފުރުސަތު ލިބިފައެވެ. މިއީ 2021 ވަނަ އަހަރު ދަތުރު ފަތުރު ހުއްޓިފައި އޮތުމުގެ ސަބަބުން މާޔޫސްކަމާ ކުރިމަތިލާން ޖެހުނު ދަނޑުވެރިންނަށް ފާގަތި އަހަރެކެވެ. 2021 ވަނަ އަހަރާ ހިލާފަށް މިދިޔަ އަހަރުގެ ރޯދަ މަހު މުޅި ބާޒާރުމަތި އޮތީ މޭވާ އާއި ތަރުކާރީތަކުން ފުރިފައެވެ.
ޕެންޑެމިކްއާއެކު ފަތުރުވެރިކަމުން ރާއްޖެއަށް ލިބެމުންދިޔަ ޑޮލަރުގެ އާމްދަނީ ހުއްޓި ކުރިމަތިވި ޑޮލަރުގެ ތާށިކަން މިދިޔަ އަހަރުވެސް އޮތީ ދާދި އެއްވަރެއްގައެވެ. ފަތުރުވެރިކަމުގެ އަދަދުތައް އިތުރުވި ނަމަވެސް ބޭންކް އޮފް މޯލްޑިވްސް އިން ޑޮލަރު ވިއްކުމަށް ކަނޑައެޅި ލިމިޓް ދަމަހައްޓާފައިވުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މާބޮޑަށް ދަށަށް ދިޔަތަނެއް ނުފެނުނެއެވެ. މުޅި އަހަރު އެވްރެޖް ކޮށް ކަޅު ބާޒާރުން ޑޮލަރު ލިބެމުން ގޮސްފައިވަނީ 18 ރުފިޔާގެ ރޭޓުންނެވެ. މިހާރުވެސް ޑޮލަރުގެ އަގު އުޅެނީ 17.50 ރުފިޔާގައެވެ. އޭގެ ސަބަބުން މުދާ އެތެރެކުރަން ކުރަންޖެހޭ ހޭދަ ބޮޑުވެ، ތަކެތީގެ އަގު ވަނީ މަތިވެފައެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ މިދިޔަ އަހަރު މެދެތެރޭގައި ދިވެހި ފައިސާ ރަމްޒުކޮށްދޭ ރަސްމީ ނިޝާނެއް ތައާރަފުކޮށްފައެވެ. ދިވެހި ރުފިޔާގެ ރަސްމީ ނިޝާނެއް ގޮތުގައި ތައާރަފުކުރި ނިޝާނުގައި ތާނަ އަކުރު "ރ" ގައި ކައްޗަށް އިތުރު ރޮނގުބުރިއެއް އިނދެއެވެ. އެމްއެމްއޭ އިން މި ނިޝާން ޖެހި ފުރަތަމަ ނޫޓުވެސް ނެރުނީ މިދިޔަ އަހަރުއެވެ. އެގޮތުން ރުފިޔާގެ ނިޝާން ހިމަނައިގެން 50 ރުފިޔާގެ އާ ނޫޓުތަކެއް މިހާރު ދައުރުކުރަން ނެރެފައިވާ އިރު، މި ނިޝާން ހިމަނާފައިވާ އެހެން ނޫޓު ތައްވެސް ކުރިއަށް އޮތްތަނުގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މާލީގޮތުން ދައުލަތަށް ދިމާވެފައިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން މިއަރު އެޅި އެންމެ ބޮޑު އެއް ފިޔަވަޅެވެ. ކުރިން ހުރި ދަރަނި ތަކާއެކު މިދިޔަ އަހަރު މެދުތެރޭގައި ދައުލަތުގެ ދަރަނި 98.9 ބިލިއަނަށް އަރައިގެން ދިޔައެވެ. ދަރަނި ބޮޑުވަމުން އައި އިރު ދުނިޔޭގެ އިގުތިސޯދަށް އަންނަ ލޮޅުންތަކާއެކު ރާއްޖެއަށް އެކަމުގެ ނުރައްކާ އޮތް މިންވަރު ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މެދުނުކެނޑި ވަނީ ދީފައެވެ. ދަރަނި މެނޭޖުކުރުމަށް ރާއްޖޭން ގެންގުޅޭ ސިޔާސަތުތައް ހަރުދަނާ ނުކޮށްފި ނަމަ، އަވައްޓެރި ސްރީ ލަންކާ އެކޭ އެއްގޮތަށް ރާއްޖެ ބަނގުރޫޓު ވެދާނެ ކަމުގެ އިންޒާރުތަކުން ބިރުވެރިކަން އުފެދުނެވެ. ސްރީ ލަންކާވެސް މިދިޔަ އަހަރު ބަނގުރޫޓު ވެގެންދިޔައީ ބޭރުގެ ދަރަނި އަދާނުކުރެވިގެންނެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އެ އިދާރާތަކުން ދެމުން ގެންދިޔަ ލަފަޔާއެކު ސަރުކާރުން އެންމެ ފަހުން ވަނީ މިއަދު އާންމު މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓޫރިޒަމް ސިނާއަތުގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑު ކޮށްފައެވެ. މިއާއެކު އިންފްލޭޝަން ބޮޑުވެގެންދާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ ބުނެފައެވެ. އެހެންކަމުން މިއަހަރު ރާއްޖޭގެ ތަކެތީގެ އަގު އިތުރަށް އުފުލިގެންދާނެއެވެ.
މިދިޔަ އަހަރަކީ ޕެންޑަމިކާއެކު ކުރިމަތިވި ދަތި ވަޅުގަނޑުތަކުން އަރައިގަނެ ގިނަ ވިޔަފާރިތަކަށް ރަނގަޅު ނަތީޖާއެއް ލިބުނު އަހަރެކެވެ. ކޮވިޑާއެކު ހުއްޓުނު ކުދި އަދި މެދުފަންތީގެ ބައެއް ވިޔަފާރިތައް އަލުން ފަށައިގަތް އިރު، އާ ވިޔަފާރިތައްވެސް ވުޖޫދައް އައި އަހަރެކެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ސަރުކާރުން އަލަށް ތައާރަފުކުރި ހޯމްސްޓޭ ޓޫރިޒަމް ވެސް ހިމެނެއެވެ. ތަފާސްހިސާބު ތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރަކީ ގައުމުގެ މުޅި އިގުތިސޯދަށް އެގުންވާ ވަރުގެ ބަދަލުތަކެއް އައި އަހަރެކެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅު މިންވަރެއްގައި ހުރި އިރު، ރާއްޖޭގެ އުފެއްދުންތެރިކަން، ޖީޑީޕީގެ ނިސްބަތުން 12.3 ޕަސެންޓަށް ވަނީ ކުރި އަރައިފައެވެ. އިގުތިސާދު ކުރިއެރުމުގެ މައިގަނޑު ރޯލެއް އަދާކުރީ ފަތުރުވެރިކަމެވެ. އެ ސިނާއަތުން މިއަހަރު ރާއްޖެއިން ނެރުނު ރަނގަޅު ނަތީޖާއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް