ވަން މީޑިއާ ގުރޫޕަށް ހަތަރު އަހަރު ފުރި މިހާރު ގުނަމުން މި އަންނަނީ ފަސް ވަނަ އަހަރުގެ ދުވަސްތަކެވެ. އެންމެ ދެ ނޫސްވެރީންނާއެކު ފެށި މި ދަތުރަށް ހަތަރު އަހަރު ފުރުނު އިރު ވަން އިން ވަނީ ބޮޑެތި ކާމިޔާބުތަކެއް ހާސިލުކޮށްފައެވެ.

މަސައްކަތް ކުރާން ފަސޭހަ ނިއުސް ރޫމް މާހައުލެއް ގާއިމުކޮށް މި ފާއިތުވި ހަތަރު އަހަރު ތެރޭގައި ވަން އިން ވަނީ ކިޔުންތެރީންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއް ތަނަކުން އެންމެ އަވަހަށް ގެނެސްދެވޭތޯ މަސައްކަތް ކޮށްފައެވެ. ވީހާވެސް އަވަހަށް ތެދު ހަބަރު ގެނެސްދިނުމަކީ ވަންގެ އަމާޒު ކަމަށްވީ ނަމަވެސް، ހަބަރުގެ ތެދުކަން ކަށަވަރުކޮށް ކިޔުންތެރީންގެ ފުރިހަމަ އިތުބާރު ދަމަހައްޓަން މަސައްކަތް ކޮށްފައި ވާނެއެވެ. ކޮލިޓީގެ މައްޗަށް ސްޕީޑް ގުރުބާންކޮށްފައެއް ނުވާނެއެވެ. މި މަސައްކަތުގައި ރަނގަޅު ކާމިޔާބެއް ހޯދައި ކިޔުންތެރީންގެ ފުރިހަމަ އިތުބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތް މެދުނުކެނޑި ކުރިޔަށް ދާނެއެވެ.

2018 ވަނަ އަހަރުގެ ސެޕްޓަމްބަރު 20ގައި ވަން ފެށީ ހަމައެކަނި ދިވެހި ބަހުން ނެރޭ އޮންލައިން ނޫހެއްގެ ގޮތުގައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ ޖެނުއަރީ 16ގައި ވަންގެ އިންޓަނޭޝަނަލް އެޑިޝަން ތައާރަފުކޮށް ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި އެ އެޑިޝަން އަންނަނީ ހަރަކާތްތެރިވަމުންނެވެ. 2019 ވަނަ އަހަރުގެ ތެރޭގައި "ވަން މީޑިއާ ގުރޫޕް" ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ކިޔުންތެރީންގެ މެދުގައި މަގުބޫލު މީޑިއާއަކަށް ވަން ހެދުމަށް މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއް ނެތި ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އޭގެ އެންމެ ބޮޑު ވަސީލަތަކަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުން ކުރެވިފައި ވެއެވެ. ވަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް މެދުވެރިކޮށް ވީހާވެސް އަވަހަކަށް ވީހާވެސް ގާތުން ހަބަރުތައް ފޯރުކޮށްދެވުނެވެ. މި މަސައްކަތްތައް އިތުރަށް ކުރިއެރުވުމަށް ތައާރަފު ކުރި ވަންގެ ވައިބާ ކޮމިއުނިޓީ އަދި ޓެލްގްރާމް ގްރޫޕު އިތުރު އެހީއަކަށް ވެގެންދިޔައެވެ. މި ދެ ގްރޫޕް މެދުވެރިކޮށް ވެސް ވަގުތުން ވަގުތަށް ވަންގެ ހަބަރުތައް ކިޔުންތެރިންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ހަމަ އެހެންމެ ބިދޭސީންނަށް ފަސޭހައިން ހަބަރުތައް ފޯރުކޮށްދިނުމަށްޓަކައި އެމީހުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕެއް ވަނީ ގާއިމުކޮށްފައެވެ.

ވަންގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކޮށްދިނީ ހީވާގި މުވައްޒަފުންނެވެ. މިވަގުތު ވަންގެ އެކި ޑިޕާޓްމަންޓުތަކުގައި ފުލްޓައިމްކޮށް 18 މުވައްޒަފުން މަސައްކަތްކުރަމުން ގެންދެއެވެ. ރެޔާއި ދުވާލު، ބަންދު ދުވަހަކަށް ބެލުމެއް ނެތި، މުވައްޒަފުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ވަން ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކޮށްދިން އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރަމެވެ. އެއީ ވަންގެ އެންމެ ބޮޑު ރައުސްމާލެވެ. ވަކި ވަގުތެއް ބެލުމެއް ނެތި، ވަންގެ ހީވާގި ނޫސްވެރިން ދިޔައީ ހާދިސާތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ތާޒާކަމާއެކު ކިޔުންތެރީންނަށް ގެނެސްދެމުންނެވެ.

ފުލްޓައިމް މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ނަން މަޝްހޫރު ލިޔުންތެރީންވެސް އަންނަނީ އެބޭފުޅުންގެ ލިޔުންތަކާއި ކޮލަމްތައް ވަންގައި ޝާއިއުކުރައްވަމުންނެވެ. އެގޮތުން އަބްދުﷲ ފާރޫގް ހަސަން ކޮންމެ ހަފުތާއަކު ގެނެސްދެއްވާ ކޮލަމާއި ދީނީ ވާހަކައަކީ ކިޔުންތެރިންގެ މެދުގައި މަގުބޫލު ލިޔުންތަކެކެވެ. މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު ފުންނާބު އުސް ލިޔުންތެރިއެއް ކަމަށްވާ އިމާދު ލަތީފް ވެސް ގެންދަވަނީ އިލްމީ ގޮތުން މުހިންމު ލިޔުންތަކެއް ވަން ގައި ޝާއިއުކުރައްވަމުންނެވެ. ހަމަ އެހެންމެ ދީލީ އިލްމުވެރިޔާ ޑރ. މޫސާ އަންވަރު ހަސަން އާއި ތާރީހު ދިރާސާކުރައްވާ މުހައްމަދު ނާޖިހުގެ ލިޔުންތަކަކީ އެ ބޭފުޅުންގެ ދާއިރާއިން ރާއްޖޭގައި ޝާއިއު ކުރެވޭ އެންމެ އިލްމީ ލިޔުއްވުންތަކެވެ.

ވަންގެ ޓީމުން އެންމެ ކާމިޔާބު އަދި ބޮޑު މަސައްކަތެއްގެ ގޮތުގައި ކޮށްފައިވަނީ "ގަތަރު ވޯލްޑް ކަޕް 2022" ގެ ކަވަރޭޖްގެ މަސައްކަތެވެ. ކިޔުންތެރީންނަށް ވޯލްޑް ކަޕްގެ ހުރިހާ މައުލޫމާތުތައް އެއްތަނަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ވަން އިން ވަނީ "ވަން ވޯލްޑް ކަޕް 2022" ގެ ގައިޑު ތައާރަފުކޮށްފައެވެ. މެޗު ޝެޑިއުލާއި ސްކޯ ޗާޓުވެސް ހިމެނޭ ގޮތަށް ނެރުނު މި ގައިޑަކީ މި ފަހަރުގެ ވޯލްޑްކަޕާ ދިމާކޮށް ރާއްޖޭގައި ނެރުނު އެންމެ ތަފްސީލު ފޮތެވެ. އެންމެ ސަފުހާ ގިނަ އެންމެ ލިޔުންތައް ހިމެނުނު ފޮތެވެ. ވޯލްޑްކަޕް ގައިޑުގެ އިތުރުން މުބާރާތް ފެށުމަށްފަހު ވެސް ވަންގެ ކުޅިވަރު ނޫސްވެރިން ދިޔައީ މެޗު ކަވަރޭޖާއި ހަބަރާއި ގިނަ ރިޕޯޓުތަކެއް ކިޔުންތެރީންނަށް ގެނެސްދެމުންނެވެ.

ޝައްކެއްވެސް ނެތެވެ. ނޫހެއްގެ ކުރިއެރުމަށް ސްޕޮންސަރުންނާއި ޕާޓްނަރުންގެ އެއްބާރުލުން މުހިންމެވެ. ވަން ފެށިގެން މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ކިޔުންތެރިންގެ އިތުބާރު ލިބިފައިވާ ނޫހެއްގެ ގޮތުގައި ކުރިޔަށް ދިޔުމަށް ޓަކައި، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ސްޕޮންސަރުންނާއި ޕާޓްނަރުން ބެހެއްޓި ގާތްކަން ފާހަގަކުރަމެވެ. އެދުވަހު ވަން އަށް ދެއްވި އިތުބާރަކީ މިއަދު ވަންއަށް ލިބިފައިވާ ކާމިޔާބީގެ އެއް ސަބަބެވެ.

ރާއްޖޭގައި މިއަހަރު ބޭއްވި ބޮޑެތި ގިނަ އިވެންޓުތަކަކާއި ކުޅިވަރު މުބާރާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ވަން ވަނީ ހޮވައިފައެވެ.

  • ރީޓެއިލާސް އެކްސްޕޯ 2022
  • ގޯލްޑަން ފުޓްސަލް ޗެލެންޖް 2022
  • ޓެކާސް ރިސޯޓް ކަޕް 2022
  • މިޔަޓް ފުޓްސަލް ފިއެސްޓާ 2022
  • ސަގާފީ ފުޑްސްޓިވަލް 2022
  • އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް) ފަސްވަނަ އެޑިޝަން
  • ކިއްސަރު ފުޓްސަލް ކަޕް 2022
  • ލާމު ޔޫތު ޑެވެލޮޕްމަންޓް
  • ބްލޫޕްރިންޓް
  • ބިޒްނަސް އެކްސްޕޯ 2022
  • މޯލްޑިވްސް ލިވިން އެކްސްޕޯ 2022
  • ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2022
  • ވިމް ޕްރޮފެޝަނަލް އެންޑް އަ ކެރިއާ އެވޯޑްސް 2022

ކިޔުންތެރީން ސްޕޮންސަރުން އަދި ޕާޓްނަރުން ވަންއަށް މިއަހަރު ދިން ލޯތްބާއި އިތުބާރާއެކީ 2023 ވަނަ އަހަރުގެ ދަތުރު ވަން އިން މި ފަށަނީ މި މީޑިއާ ގްރޫޕުގެ ކުޑައިގެ ދަށަށް އާ މަސައްކަތްތަކެއް ތައާރަފުކޮށް 2022 ވަނަ އަހަރަށް ވުރެ ވެސް ރަނގަޅު މަސައްކަތްތަކެއް ކުރުމުގެ އުއްމީދާއި ހިތްވަރާ އެކުގައެވެ. ވަން އަކީ އެންމެނެވެ. ވީ އާ "ވަން" އެވެ. ހުރިހާ ބޭފުޅުންނަށް ވެސް އާހަރުގެ ތަހުނިޔާ އެވެ.