މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް 2022 ވަނަ އަހަރަށް އަލްވަދާއު ކިޔުމަށްފަހު، އެ މަޖިލީހުގެ ފަސް އަހަރުގެ ދައުރުގެ އެންމެ ފަހު އަހަރަށް ކުރިމަތި މިލަނީ، ބޮޑެތި ހިޔާލުތަފާތުވުންތަކާއެކު މުހިއްމު ބިލުތަކެއް ފާސްކުރުމަށްފަހުގައެވެ.
އާއްމު ގޮތެއްގައި މަޖިލިސް ތެރޭގައި ހިޔާލު ފަފާތުވުން އުފެދެނީ، އެ އިރެއްގައި އޮންނަ އިދިކޮޅު ފަރާތްތަކުގެ މެދުގައި ކަމަށްވިޔަސް ނިމިދިޔަ އަހަރު، މަޖިލީހުގައި ކުރި މަސައްކަތްތަކުގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވަނީ އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަނަށް ތާއީދު ކުރާ މެންބަރުންގެ މެދުގައެވެ. އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާ މެންބަރުންގެ މެދުގައެވެ.
އެ ވާދަވެރިކަމުގެ ތެރެއިން، ސަރުކާރުން ހުށަހެޅި ބައެެއް ހުށަހެޅުންތަކަށް ފާޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައި ރިޔާސަތުގައި އިންނަވައިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ތަންވެސް މަޖިލިސް ތަޅުމުން ފެނިގެންދިޔައެވެ.
އެންމެ ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދުނު އެއް ބިލަކީ، ޓެކްސް ބޮޑުކުރަން ފާސްކުރި ބިލެވެ. ފެށުނީއްސުރެން އިދިކޮޅު ފަރާތްތަކުން މި ބިލަށް ދެކޮޅު ހަދަމުން އައި ނަމަވެސް އެމްޑީޕީގެ ދެ ފެކްޝަނަށް ނިސްބަތްވާ މެންބަރުންގެ މެދުގައި މި ބިލާމެދު އުފެދު ހިޔާލުތަފާތުވުން ބޮޑުވެ މަޖިލިސް ތަޅުމުގައި ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު މަޖިލީހަށް ހުށަހެޅުއްވި މި ބިލު ބަލައިގަތުމުން ދިރާސާ ކުރަން ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. ކޮމިޓީގައިވެސް ބިލާމެދު އެމްޑީޕީ މެންބަރުންގެ މެދުގައި ހޫނުގަދަ ބަހުސަކަށްދިޔައެވެ. މިއީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި، ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެކަން ފާހަގަވާތީ، ދައުލަތަށް ލިބޭ އާމްދަނީން ދައުލަތުގެ ރިކަރަންޓް ހަރަދު ހަމަޖެއްސުމަށް ޓަކައި، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ބޭނުމުގައި ހުށަހެޅި ބިލެކެވެ.
މި ބިލުގެ ބަހުސްގެ ތެރެއިން މަޖިލިސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ރާއްޖޭގެ ދަރަނި ދައްކަން ފައިސާ ނުލިބޭގޮތަށް ޓެކްސް ބޮޑުކޮށްގެން ހަރަދު ކުރުމަކީ ރާއްޖޭގެ އިސްތިގުލާލަށް ހުރި ނުރައްކަލެއް ކަމަށެވެ. މިއީ ޓެކްސް ބޮޑުކުރަން ރަނގަޅު ވަގުތު ނޫންކަމަށްވެސް ތަކުރާރު ކުރައްވަމުން ގެންދެވިއެވެ. ނަމަވެސް ބިލަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވީ، ޓެކްސް ބޮޑުކުރަން ޖެހޭ ކަމަށާއި މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.
އެ ބަހުސްގެ ތެރެއިން ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓުން 16 ޕަސެންޓަށް، ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވިއެވެ. މަޖިލިސް ތަޅުމުގައި އެ ބިލުގެ ބަހުސް ކުރިއަށްދިޔަކީ އެއަށްވުރެވެސް ބޮޑެތި ހިޔާލުތަފާތުވުންތަކާ އެކުގައެވެ.
އެންމެ ފަހުން މަޖިލިސް ރައީސް ވިދާޅުވީ، ބިލާ ގުޅޭ ގޮތުން ކަމާ ބެހޭ މާހިރުންގެ ބަހެއް ނެތި، ޓެކްސްތައް ބޮޑުކުރަން ވޯޓަށް ނާއްސަވާނެ ކަމަށެވެ. އެއަށްފަހު އެބިލާމެދު މަޝްވަރާ ކުރުމަށް ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ހާޒިރުކުރުމުގެ އިތުރުން މާޓީގެ ބަހެއް ހޯދުމުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އާއި ފިނޭންސް މިނިސްޓަރު ހާޒިރު ކުރައްވައި ޓެކުހާ ބެހޭގޮތުން އެބޭފުޅުންނާ ސުވާލު ކުރުމުގެ ފުރުސަތު ވެސް މެންބަރުންނަށް ދެއްވިއެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ކޮވިޑަށް ފަހު ދުނިޔޭގެ އިގްތިސާދު ހަމަޔަކަށް ނޭޅި އުޅެނިކޮށް، ރަޝިޔާ ޔުކްރޭން ހަނގުރާމަ ފެށުމާއި ގުޅިން ދުނިޔޭގެ އިގްތިސާދު ނުރައްކާ ފައްތަރެއްގައި އޮތުމުން މިވަގުތަށް ރާއްޖެއަށް އެންމެ މުހިއްމީ އެތެރެއިން ލިބެން އޮތް އާމްދަނީއެއް ހޯދުން ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ގޯސްވިޔަނުދީ ހިފެހެއްޓުމަށްވެސް އޮތް ފުރުސަތަކީ އެއީ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ޓެކްސް ބޮޑުކުރަން ހުށަހެޅީ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ވެސް ލަފާގެ މަތިން ކަމަށް ވިދާޅުވިއެވެ
ނަމަވެސް ބިލުގެ ބަހުސް ހޫނުވެ، ރައީސް ނަޝީދު ނުފޫޒުގެ ބޭނުން ކުރައްވައިގެން ބިލަށް ވޯޓަށް ނޭއްސެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ބިލަށް ތާއީދު ކުރެއްވި މެންބަރުން ތުހުމަތު ކުރެއްވިއެވެ. އެ މެންބަރުން ވިދާޅުވީ، މަޖިލިސް ރައީސް މަސައްކަތް ކުރައްވަނީ މަޖިލީހުގެ ގަވާއިދުން ބޭރުން ހުދުމުހުތާރުކޮށް ކަމަށެވެ. އެ މެންބަރުން އެގޮތަށް ތުހުމަތު ކުރެއްވީ، ބިލަށް ވޯޓަށް އަހަން ތިން ދުވަސް މަތިން އެޖެންޑާކޮށްވެސް ބިލަށް ވޯޓަށް ނާއްސަވައި ތަފާތު އުޒުރުތައް ދައްކަވައި، މަޖިލިސް ރިޔާސަތު ބެލެހެއްޓެވި މަޖިލިސް ރައީސް ނަޝީދާއި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވޯޓަށް ނޭއްސެވުވުމްނެވެ.
ބިލަށް ވޯޓަށް ނާއްސަވައިގެން މަޖިލިސް ތެރޭގައި މެންބަރުން އިހުތިޖާޖު ކުރެއްވިއެވެ.
އެންމެ ފަހުން، އެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި، މަޖިލިސް ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދަވަނީ، ގަވާއިދާ ހިލާފަށް، ބާރުގެ ބޭނުންކޮށްގެން ކަމަށް ވިދާޅުވެ ޝަކުވާ ހުށަހެޅުއްވިއެވެ. މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުއްވިއެވެ.
އޭގެ ފަހުން ބޭއްވި މަޖިލިސް ޖަލްސާގައި، ބިލާ ދެކޮޅު ހެއްދެވި މެންބަރުން ބިލަށް ހުށަހެޅުއްވި އިސްލާހުތައް ފެއިލް ކޮށްލުމަށްފަހު، ތްރީލައިން ވިޕެއް ނެރެ ސަރުކާރުން ހުށަހެޅި ގޮތަށް، ބަދަލެއް ނުގެނެސް، އެވަގުތު ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެން އެ ބިލު ފާސްކުރިއެވެ.
ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގުމަށްޓަކައި، ކަމާބެހޭ ގާނޫނުތައް މެދުވެރިކޮށް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޫކޮށްލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަރަށްބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިހާތަނަށް އެގްރިކަލްޗާ މިނިސްޓްރީއަށް އޮތް، ފަޅުރަށްތައް ވަރުވާއަށް ދިނުމުގެ ބާރު ކައުންސިލް ތަކަށް ދިނުމަށް، ފާސް ކުރި، ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ފާހަގަކޮށްލެވެއެވެ.
ސަރުކާރުން ހުށަހަޅައިގެން ގާނޫނަށް ގެނައި މި އިސްލާހުގެ ސަބަބުން އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް، އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ، ވަކިކުރާނީ، ކައުންސިލްތަކުންނެވެ.
އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔެގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާ ކަމެއްކަމުގައިވެސް އެ ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
މި އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށްރަށާއި، އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީކުރާ ރަށްރަށާއި، އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި، އެނޫންވެސް އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާކަމުގައި ވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރެވޭ ގޮތާއި ގާނޫނާ ހިލާފު ވެއްޖެނަމަ ލިބޭނެ އަދަބު މި ގާނޫނުގައި ވަނީ ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.
އާ ގާނޫނެއްގެ ގޮތުގައި މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލަކީވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދުނު ބިލެކެވެ. ނަމަވެސް މި ބިލާބެހޭގޮތުން އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އައީ ނޫސްވެރިންގެ ފަރާތުންނެވެ. އެ ބިލު ފާސް ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ގެ ކައިރިއަށް އެއްވެ ނޫސްވެރިން އިހުތިޖާޖު ކުރިއެވެ. ނޫސްވެރީންނާ ބެހޭ ޖަމިއްޔާތަކުން، ބޮޑެތި ކަންބޮޑުވުންތައް ފާޅުކޮށް، ބަޔާންތައްވެސް ނެރުނެވެ.
ހެއްކާ ބެހޭ ބިލްގެ 136 ވަނަ މާއްދާގައި، ނޫސްވެރިން ލިޔާ ހަބަރުތަކަށް މައުލޫމާތު ހޯދުމަށް ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭނެ ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ.
އެ މާއްދާގެ (ހ) ގައިވާ ގޮތުން ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހާ އެ މައުލޫމާތު ދިނީ އޭނާ އަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާއަށް ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެ އެވެ.
ނަމަވެސް (ށ) ގައި ބުނަނީ މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގު ކުރާ ފަރާތުން ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން އަމުރުކުރެވިދާނެ ކަމަށެވެ.
ކުއްޔަށް އުޅޭ މީހުން ތަން ދޫކޮށްލާފައިދާއިރު، ނުދައްކާ އޮންނަ ބިލުތަކަށް ތަނުގެ ވެރިފަރާތުން ޒިންމާވާން ޖެހޭ ގޮތަށް އޮތް އުސޫލު ވެސް ހުސްވި އަހަރު މަޖިލީހުން ވަނީ ބަދަލު ކޮށްފައެވެ. އެގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނެސް ކުއްޔަށް އުޅޭ މީހުން ކަރަންޓާއި ފެނަށް ޒިންމާ ކުރުވޭ ގޮތް ވަނީ ހަދައިފައެވެ.
އިސްލާހުކުރި ގާނޫނުގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީކޮށްފައި ހުންނަން ވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައެވެ. އެ ހިދުމަތް ބޭނުން ކުރަނީ މީޓަރު ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތް ނޫން ފަރާތެއް ކަމުގައިވާނަމަ، އެ ހިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި އެ ހިދުމަތެއް، ހިދުމަތް ފޯރުކޮށްދޭ ފަރާތުގައި ރަޖިސްޓްރީ ކުރެވިދާނެއެވެ.
އެގޮތަށް ހިދުމަތް އެހެން މީހެއްގެ ނަމަށް ބަދަލުކުރާނެ ގޮތުގެ ގަވާއިދެއް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހަދަންވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ. ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ އެ ގަވާއިދުގައި ކަނޑައެޅުމުގެ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަން ޖެހޭ ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތުތަކުގައި އަމަލުކުރަން ޖެހޭ އިޖުރާއަތުތައްވެސް ކަނޑައަޅަން ޖެހޭނެއެވެ.
އިސްލާހުގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތް އެއްވެސް ފަރާތަކުން ރަޖިސްޓްރީކޮށްފިނަމަ، އެ ހިދުމަތް ރަޖިސްޓްރީކުރި މުއްދަތަކަށް އެ ހިދުމަތަކަށް ހިނގާ ހަރަދުގެ ޒިންމާ އުފުލާނީ އެ ހިދުމަތް ރަޖިސްޓްރީކޮށްދެވިފައިވާ ފަރާތަކުންނެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ލަސްވެގެން އަހަރުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާ ގޮތަށް ފާސްކުރި ބިލަކީވެސް މުހިއްމު ބިލެކެވެ.
ޑަބްލިޔުޑީސީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަަހަރު ބާއްވަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރަން ސަރުކާރުން ނިންމީ، ޑަބްލިޔުޑީސީތަކުގެ މެންބަރުން އަވަސް އަވަހަށް އިސްތިއުފާދެއްވާތީ، ކައިރި ކައިރީގައި ގިނަ ބައި-އިލެކްޝަންސްތައް ބާއްވަން ޖެހުމަކީ ކަމުގެ މުހިންމު ކަމަށް ބަލައި އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެއްކަމަށް ބުނެ އެގޮތް ބަދަލުކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ތަކުރާރުކޮށް އެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ގާނޫނުގައި މީގެކުރިން އޮންނަ ގޮތުން ޑަބްލިޔުޑީސީތަކުގެ މެންބަރުން އިސްތިއުފާ ދީފި ނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.
މަޖިލީހުން ފާސްކުރި ބިލުގައި ބުނަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބެއް ބާއްވަން ޖެހޭ ހާލަތުގައި 365 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ ކަމަށެވެ. ދެ ބައި-އިލެކްޝަނެއްގެ ދެމެދުގައި އޮތް މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނުނަށް ގެނައި އިސްލާހެއްގެ ގޮތުގައި، ހައި ކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށް ވެސް ބެލޭނެ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެނައުމަށްވެސް ފާސްކުރިއެވެ. އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ ޖޫރިމަނާ ކުރަންޖެހޭގޮތަށް ގާނޫނު އިސްލާހު ކުރުމުގެ އިތުރުން، މައްސަލަތަކުގައި ކޯޓުގައި ހެކިބަސްދޭ މީހާއަށް ހިމާޔަތްދީ އެމީހާ ރައްކާތެރިކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރެވޭ ގޮތަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުވެސް ފާހަގަ ކޮށްލެވެއެވެ.
ގިނަ ގާނޫނުތަކަށް ހުސްވި އަހަރު މަޖިލީހުން އިސްލާހު ގެނައި ނަމަވެސް ސަރުކާރުން ހުށަހަޅައިގެން، ބައެއް ގާނޫނުތައް ހުސްވި އަހަރު މަޖިލީހުން އަލަށް ފާސްވެސް ކުރިއެވެ.
- އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ގާނޫނު
- ޖަމިއްޔާތަކުގެ ގާނޫނު
- ހެއްކާބެހޭ ގާނޫނު
- ފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ގާނޫނު
- ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ގާނޫނު
- ކުނި މެނޭޖުކުރުމުގެ ގާނޫނު
- އުފަންވުމާއި މަރުވުން ރަޖިސްޓަރީކުރުމާއި
- ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު