ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައިގެ ކަނިތައް ދުނިޔޭގެ އެކި ފަރާތްފަރާތަށް ބުރަމުންދާއިރު ޔޫރަޕުގެ އެހެން ބައެއް ހިސާބުތަކުގައިވެސް މި ހަނގުރާމައިގެ ހުޅުގަނޑު ރޯވެދާނެކަމުގެ ބިރުވެރިކަން މިހާރުވަނީ އުފެދިފައެވެ. އެއްދިމާލަކީ އަޒަބައިޖާނުގެ ނަގޯނޯ ކަރަބާޚެވެ. އަނެއް ދިމާލަކީ ކޮސޮވޯއެވެ. މި ދެދިމާލުގައިވެސް ރަޝިޔާގެ މަސްލަހަތު އެބައޮތެވެ. އަދި ރަޝިޔާއާ ދެކޮޅު މީހުންގެ މަސްލަހަތުވެސް އެބައޮތެވެ. އެހެންވީމާ އައު ހަނގުރާމަތަކެއް މި ދެދިމާލުގައި ފެށުމުގެ ފުރުސަތު ބޮޑުވަނީއެވެ. އެކަމުގެ ނިޝާންތައްވެސް ދަނީ ފެންނަމުންނެވެ. ނަގޯނޯ ކަރަބާޚުގައި އައު ހަނގުރާމައެއް ފެށުމަށްވުރެ ޔޫރަޕުން ބިރުގަންނަނީ ކޮސޯވޯއާ މެދުގައެވެ. މަސްރަހު ބޮޑަށް ގޯސްވެފައިވާ ކަމަށް ފެންނަނީވެސް ކޮސޯވޯގައެވެ. މިއީ ދާދިފަހަކުން ބޯލްކަން ސަރަހައްދުގައި ވުޖޫދުވި އައު ގައުމެކެވެ.
ކޮސޯވޯއަކީ ކުރިން ސާރބިއާގެ ސަރަހައްދެކެވެ. ކޮސޯވޯގައި އަޣުލަބިއްޔަތު ލިބިގެންވަނީ އަލްބޭނިޔާ ދަރިކޮޅުގެ މުސްލިމުންނަށެވެ. ބޮސްނިޔާ ހަނގުރާމައަށްފަހު ސާރބިޔާއިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަރަކާތްތަކުގެ ތެރޭގައި ކޮސޮވޯގެ އަލްބޭނިއަނުން ނިކަމެތިކުރުމާއި ފުރައްސާރަކުރުން ހިމެނިގެންވިއެވެ. މިކަންތައްތަކާ ގުޅިގެން ސާރބިޔާގެ ވެރިކަމުގެ ދަށުން ނެއްޓި 2008 ވަނަ އަހަރުގެ ތެރޭގައި ކޮސޯވޯއިން ވަނީ މިނިވަންކަން އިއުލާންކޮށްފައެވެ. މިކަންކުރީ ޔޫރަޕުގެ އިއްތިހާދުގެ ތާއީދާއި އެހީތެރިކަމާއެކުގައެވެ. އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ ނުހަނު އަވަހަށް އެ ދައުލަތް ގަބޫލުކޮށްފައެވެ. އެކަމަކު މިއަދާ ހަމައަށްވެސް ސާރބިޔާއިން ކޮސޮވޯގެ މިނިވަންކަން ގަބޫލެއް ނުކުރެއެވެ. އެ ދައުލަތަށް އިއުތިރާފެއްވެސް ނުވެއެވެ.
ކޮސޯވޯގެ ޖުމްލަ އާބާދީއަކީ ގާތްގަޑަކަށް ދެމިލިޔަނެވެ. އޭގެތެރޭގައި ގިނައީ އަލްބޭނިއާ ދަރިކޮޅުގެ މީހުންނެވެ. އެހެންނަމަވެސް ސާރބުންގެ ދޮޅުލައްކައެއްހާ މީހުންވެސް ކޮސޮވޯގައި ދިރިއުޅެއެވެ. ސާރބިޔާ އާއި ކޮސޮވޯ ގުޅެނީ ކޮސޮވޯގެ އެންމެ އުތުރުންނެވެ. އެހިސާބުގައި އަދިވެސް އަޣުލަބިއްޔަތު އޮތީ ސާރބުންނަށެވެ. މަސްރަހު މިހާރު ގޯސްވެގެން އުޅެނީ ކޮސޯވޯގެ މަރުކަޒީ ސަރުކާރުގެ އެއްވެސް އެންގުމަކަށް ތަބާނުވުމަށް ސާރބުން ނިންމުމާއި، އެކަމާ ދެކޮޅަށް ކޮސޯވޯއިން ފިޔަވަޅުތަކެއް އެޅުމުންނެވެ. ކޮސޯވޯގެ ސިޔާދަތު ގަބޫލުނުކުރުމުގެ ގޮތުން ސާރބުން ނިންމި ނިންމުމާ ގުޅިގެން އެހިސާބަށް ކޮސޯވޯގެ ސަލާމަތީ ފައުޖުތައް ވަނީ ފޮނުވައިފައެވެ. އަދި އެމީހުންނަށް ވާގިވެރިވުމަށް ޔޫރަޕުގެ ސުލްހައިގެ ފައުޖުވެސް ވަނީ ގޮސްފައެވެ.
ކޮސޯވޯގެ ވެރިރަށުގެ ނަމަކީ ޕްރިސްޓީނާއެވެ. ޕްރިސްޓީނާގެ ހުކޫމަތު ގަބޫލުނުކުރުމާއެކު ސާރބުންވަނީ ޕްރިސްޓީނާއިން ފޮނުވާ ފައުޖުތަކަށް ހަމަލާދިނުން އިތުރުކޮށްފައެވެ. އަދި ސާރބިޔާ އާއި ކޮސޯވޯގެ ސަރަހައްދީ ރޮނގު މުޅިން ބަންދުކޮށް ބެރިކޭޑް ޖަހައި ދަތުރުފަތުރު ވަނީ މުޅިން ހުއްޓުވައިފައެވެ. ސާރބުންނަށް ތާއީދުއޮތްކަން ދައްކައި ޕްރިސްޓީނާއަށް ބިރު ދެއްކުމަށް ސާރބިޔާގެ ހަތިޔާރުއެޅި ސިފައިން ވަނީ ސަރަހައްދީ އިމަށް ޖަމާކޮށްފައެވެ. ކޮންމެއިރަކުވެސް ކޮސޯވޯއަށް އަރައިގަންނަން އޮތީ ތައްޔާރުވެފައެވެ. ރަޝިޔާއިން ވަނީ މިކަމުގައި ސާރބިޔާއަށް ފުރިހަމައަށް ތާއީދުކުރާކަމަށް ބުނެފައެވެ. ސާރބިޔާއިން ކޮންމެ ކަމެއް ކުރިއަސް އެކަމެއް ކުރާނީ ސާރބުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށްވެސް ރަޝިޔާއިން ވަނީ ބުނެފައެވެ. ސާރބިޔާއަކީ އަބަދުވެސް ރަޝިޔާގެ މިތުރެކެވެ. ޔުކްރޭނުގެ މައްސަލައިގައިވެސް ސާރބިޔާގެ ތާއީދު އޮތީ ރަޝިޔާއަށެވެ.
ސާރބިޔާ އާއި ކޮސޯވޯގެ ބޯޑަރުގެ މަސްރަހު ހޫނުވާން ފެށީ މި ޑިސެންބަރު މަހުގެ ކުރީކޮޅުން ފެށިގެންނެވެ. ޔޫރަޕުގެ އިއްތިހާދުން ގަބޫލުކުރާ ގޮތުގައި ކޮސޯވޯއަށް އަރައިގަތުމުގެ ވިސްނުމެއް ސާރބިޔާއިން އެބަގެންގުޅެއެވެ. މިކަމަށް ރަޝިޔާއިން ތާއީދުވެސް ކުރާނެއެވެ. އެހެންވީމާ މިފަދަ ފިޔަވަޅެއް ނޭޅުމަށް ޔޫރަޕުގެ އިއްތިހާދުން ވަނީ ވަރަށް ސާފުބަހުން ސާރބިޔާއަށް އަންގައި އިންޒާރުވެސް ދީފައެވެ. ޖަރުމަން ވިލާތުން ބުނެފައިވަނީ ސާރބިޔާގެ ސިފައިން ކޮސޯވޯގެ ބޯޑަރަށް ޖަމާކުރުމަކީ ނުރައްކާތެރި ސިގުނަލެއް ލިބޭ ކަމެއް ކަމަށާއި އިތުރު ގޯހެއް ހަދައިފިނަމަ އެކަމުގެ ނަތީޖާ ވަރަށް ހިތިވާނޭކަން ސާރބިޔާއިން ދަންނަންވާނޭ ކަމުގައެވެ. ވީމާ މަސްރަހު ފިނިކުރުމަށްޓަކައި ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ސާރބިޔާއަށް ލާޒިމުކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ޔޫރަޕުގެ އިއްތިހާދުގެ ރުހުމާނުލައި ކަމެއް ކުރުމުގެ ނަތީޖާ ވަރަށް ހިތިވާނެކަން ސާރބިޔާއަށްވެސް އެނގޭނެއެވެ. ގިނިކަންޏާ ކަންކަން ނުކުރެވޭނެކަންވެސް އެނގޭނެއެވެ. ނޭޓޯގެ ލަޝްކަރުން ސާރބިޔާގެ ވެރިރަށް ބެލްގްރޭޑަށް ބޮންއެޅި އެޅުން ހަނދާނުންފިލާހާ ދުވަހެއްވެސް އަދި ނުވެއެވެ. އެހެންވެގެންކަން ނޭނގެއެވެ. ސާރބިޔާގެ ބަސްމަގަށް މިހާރު ކޮންމެވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. މިހާރު އެބަބުނެއެވެ. ހަނގުރާމަކުރާކަށް ނޫޅެމެވެ. މިތިބީ މަސްރަހު ފިނިކުރުމުގެ ނިޔަތުގައެވެ. މަޝްވަރާއަށް މިތިބީ ތައްޔާރަށެވެ. އެކަމަކު ސާރބުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންތަކެވެ. އެންމެންވެސް އެކަމަށް އިހުތިރާމްކުރަންވާނެއެވެ. ސާރބުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮސޯވޯ ހިފުންކަމަށްވެއްޖެނަމަ ބިރުވެރިކަން ނުހަނު ބޮޑެވެ. އޭރުން ބޯލްކަންގައި އަނެއްކާވެސް ހަނގުރާމައިގެ ހުޅުގަނޑު ރޯވެ އަނދަންފަށާނެއެވެ.