ނ. ޅޮހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އާބާދީގައި 975 މީހުން ދިރިއުޅޭ ޅޮހީގެ ރައްޔިތުން އާންމުކޮށް އަތޮޅުގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އިރު، ގިނަ އަދަދެއްގެ ރައްޔިތުން ފަރުމަހުގެ މަސްވެރިކަންވެސް ކޮށްއުޅެއެވެ. ރަށުގައި ކަންނެލި މަސްވެރިކަން ކުރާ ދެ އޮޑިފަހަރު އޮންނަ އިރު، މާލެއިން ރަށަށް މުދާ އުފުލާ ދެ އޮޑިފަހަރު އޮވެއެވެ. އޮޑިފަހަރު ބަނުމަށް ދެ ހަރުގެ ދޫކޮށްފައިވާ އިރު، ރަށުގައި މަސްވެރިންނަށް ހާއްސަ އައިސްޕްލާންޓެއްވެސް ހުރެއެވެ.

އެމްޓީސީސީން ބުނީ ޅޮހީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ ހާލަތު ދަށްވުން ކަމަށާއި އެގޮތުން ރަށުގެ ބަނދަރު ވަނީ އަހަރުތަކެއް ވެފައިވުމާއެކު، ބޮޑު މަރާމަތަކަށް ބޭނުންވެފައި ކަމަށެވެ.

ޅޮހީ ބަނދަރުގެ އެއްގަމުތޮށި އެކި ދިމާލުން ހަލާކުވެ ގަނބާފައިވާ އިރު، ފައިބަން ހުރި ސިޑިތައްވެސް ވަނީ ހަލާކުވެފައެވެ. އަދި ބަނދަރުގެ ބޭރު ހިލަތޮށި ވަނީ ވަރަށް ބޮޑަށް ރޫޅި، އެކި ދިމާލުން ހިލަތައް ފާބައިގެން ގޮސްފައެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫއުގެ ދަށުން ޅޮހީގެ ބަނދަރުގެ ބޭރު ހިލަތޮއްޓާއި އެއްގަމު ތޮށި މަރާމަތުކުރެވިގެން ދާނެ ކަމަށާއި ބަނދަރަށް ކޮޅުވެއްޓި ކައިރިކުރެވޭ ރޭމްޕަކާއި ޑިންގީ އެޅުމަށް ކޮންކްރީޓް ޖެޓީއެއް ބޭރުތޮއްޓާ ދިމާލަށް ލެވުމާއެކު، ބަނދަރުގެ އެއްގަމު ތޮއްޓަށް އިތުރު އޮޑިފަހަރު ކައިރިކޮށް ހެދުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.

ޅޮހީ ބަނދަރު ތަރައްގީކުރެވުމާއެކު ރައްޔިތުންނަށް ލަފައިފުރުމުގައި އެތަކެއް ލުއިފަސޭހައަކާއި، ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ދެކޭ ކަމަށާއި އެ ބަނދަރު ތަރައްގީކުރެވި، ފުރިހަމަވެގެންދިއުމުން އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީގޮތުން އެ ރަށުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ކުރިމަގުގައި ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅުގެ 66،701.94 ކިއުބިކް މީޓަރުގެ ސަރަހައްދެއް އަލުން ފުންކުރުމާއި، 2،205 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 321.70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، ފަސް މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން 366 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1،720 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޅޮހީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. އެ މަޝްރޫއަކީ 64.87 މިލިއަން ރުފިޔާއަށް 640 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.