ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް އެސޯސިއޭޝަންގެ ޓުއާގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ޕެއާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ ރާއްޖޭގެ ޕެއާއަކުން ސެންޓްރަލް އޭޝިއަން ބީޗް ވޮލީބޯލް އެސޯސިއޭޝަންގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޖުމުލަ ހަ ގައުމެއްގެ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ވާދަކުރަމުންދާ އިރު، އެ ހަ ގައުމަކީ ހޯސްޓް ބަންގުލަދޭޝްގެ އިތުރުން ރާއްޖެއާއި ކިރްގިސްތާން، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.
އެޑަމްއާއި ކުޑަކާއްޓޭ މިއަދު ކުޅުނު ސެމީ ފައިނަލު މެޗު ކާމިޔާބު ކުރީ ބަންގުލަދޭޝްގެ ހޮރޮޝިތު ބިސްވާސްއާއި ޕަވެލްގެ ޕެއާއާ ވާދަކޮށްގެންނެވެ. ސީދާ ދެ ސެޓުން ރާއްޖެއިން މެޗު ކާމިޔާބުކުރި އިރު، ސެޓުތައް ގެންދިޔައީ 22-20، 22-20 އިންނެވެ.
ބަންގުލަދޭޝްގެ ހޮރޮޝިތު ބިސްވާސްއާއި ޕަވެލްގެ ޕެއާ ސެމީއަށް ދިޔައީ ރާއްޖޭގެ ޝަމާއިލް ހުސެއިނާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ބަލިކޮށްގެންނެވެ.
މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އެޑަމްއާއި ކުޑަކާއްޓޭގެ ޕެއާ ނުކުންނާނީ ނޭޕާލްގެ މަންބަހާދުރު ޝްރެސްތާއާއި ދިލް ބާހާދުރު ސުނާރުއާ ދެކޮޅަށެވެ.
ރާއްޖޭގެ ބީޗްވޮލީގައި ކުރިއެރުންތަކެއް ހޯދަމުން އަންނަ އިރު، ކޯޗު ވިނީޝިއުސް ޖޫނިއާ ހަވާލުވިފަހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދެ އެތުލީޓުންނަކީ ކުޑަކާއްޓޭއާއި އެޑަމްގެ ޕެއާއެވެ. އެ ޕެއާއިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ސްރީ ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީ މުބާރާތާއި ކޮމަންވެލްތު ކޮލިފައިންގެ އިތުރުން، އިންގްލެންޑްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ދެއްކި ކުޅުން ފާހަގަކުރެވެއެވެ.