މަޑިތަކަށް ގޯނާ ލިބޭފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަތޮޅުތެރެއަށް ދަތުރުފަތުރުކުރުން އިތުރުވެ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތައް ބަލާލުމުގެ ޝައުގުވެރި ކަމަށް ބޮޑު ޑިމާންޑެއް ލިބޭ ދުވަސްވަރެއް ކަމަށެވެ.

ނަމަވެސް ދަތުރުފަތުރުކުރުމުގައާއި ސްނޯކްލިން، ޑައިވިން، ކްރޫޒިން އަދި މޫދަށް އެރި އުޅުމުގައި ހިމާޔަތްކުރެވިފައިވާ މަޑީގެ ބާވަތްތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ބައެއް ފަރާތްތަކުގެ އަމަލުތައް ބަހައްޓާ ކަމަށް ބުންޏެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގައި އުޅޭ ހުރިހާ ބާވަތެއްގެ މަޑި ވަނީ ހިމާޔަތްކޮށްފައެވެ. އަދި އެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ހ)ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ތަބީއީ ގޮތްތަކަށް ނުވަތަ ގުދުރަތީ ނިޒާމަށް ބުރޫ އަރާނެ ފަދަ އަމަލެއް ކުރުމަކީ މަނާ ކަމެކެވެ.

އީޕީއޭއިން ބުނީ ކަނޑުފަޅުގެ ދިރުންތަކަކީ އޮޅު ޖަނަވާރުކަމުގައި ނުވެފައި، އެ ތަކެތީގައި އަތްލައި ކާންދީ ހެދުމަކީ އޭގެ ތަބީއީ ގޮތްތަކަށް އަދި ގުދުރަތީ ނިޒާމަށް ބުރޫ އަރައި އެކި ކަހަލަ ބަލިތަކަށް އެ ދިރުންތައް ހުށަހެޅިގެންދާނެ ފަދަ އަމަލެއް ކަމަށެވެ.

އެހެންކަމުން ކަނޑުފަޅުގައި އުޅަނދުތައް ދުއްވާއިރު އަދި ފަތުރުވެރިކަމާގުޅޭ ހަރަކާތްތައް ހިންގާއިރު އެއްވެސް ބާވަތެއްގެ މަޑީގެ ގުދުރަތީ ދިރިއުޅުމަށް ބުރޫ ނާރާނެ ގޮތަށް ހިންގުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އީޕީއޭއިން ބުނީ އެންމަޑި، ވައިފިޔަމަޑި އަދި މަޑީގެ އެހެނިހެން ބާވަތްތަކަކީ ރާއްޖޭގެ އިގުތިސާދާއި އިޖުތިމާއީ ހަރަކާތްތަކާ ގުޅިލާމެހިފައިވާ ދިރުންތައް ކަމަށާއި އެހެންކަމުން މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ގުދުރަތީ މި ވަސީލަތް ރައްކާތެރިކަންމަތީ ފޯރުކޮށްދިނުމަކީ އެ އެޖެންސީގެ ވާޖިބެއް ކަމަށެވެ. އަދި މަޑީގެ ބާވަތްތަކަށް ގެއްލުން ލިބޭ ފަދަ އެއްވެސް އަމަލެއް ހިންގާ ފަރާތްތަކާމެދު އެ އޭޖެންސީން ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.