ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ކެންޑިޑޭޓާއެކު މެންބަރުން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީ އެކުގައި އޮވެއްޖެނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެޕާޓީއަށް ކާމިޔާބު ކުރުމަށް ފަސޭހަވާނެ ކަމަށެވެ. އެމްޑީޕީ ބައިބައިވެ، ދެފަޅި ވެއްޖެނަމަ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެޕާޓީއަށް ޗެލެންޖަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ މި ޕްރައިމަރީ ކުރިއަށްދާ އިރުވެސް ދެ ފަރާތުންވެސް މަސައްކަތް ކުރެއްވުން ޕްރައިމަރީ ނިމުމާއެކު އެކީގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދެނެގަނެ، އެގޮތަށް ކުރިއަށް ދިއުން. ކޮންމެ މީހަކުވެސް ތާއީދުކުރާ ކެނޑިޑޭޓަކަށް ވޯޓްލުން އެ ޕްރައިމަރީއެއްގައި އޮންނާނެ. ނަމަވެސް ނިމުމަށްފަހުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެންމެން އެކީގައި ތިބުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފަރާތަކަށް އެމްޑީޕީ ޕްރައިމަރީގައި ވޯޓް ދިނުމަށް އެދޭ ކަމަށެވެ. އެއީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތަކީ އަންނަ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރުން ކަމަށާއި އެ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ ބޮޑުތަނުން އަޅުގަނޑު ކާމިޔާބު ކުރާނަން. އެއަށްފަހުގައި އަޅުގަނޑު ކޯލިޝަނެއް އެކުލަވައިލުމުގެ މަސައްކަތް ފަށާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓާއެކު ކުރިއަށްވަޑައިގެން، އެ ބޭފުޅަކާއެކު މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.